ޚަބަރު

މިސްކިތުގައި ނަމާދަށް ހުއްޓާ ދަމާ ކޫތާ ގެންގޮސް، ފާހަނަ އަށް ވައްދައި އަނިޔާކުރި މުޖުރިމުންނަށް 15 އަހަރު ނުފުރޭތީ އަދަބު ދެވޭނެ ގޮތެއް ނެތް! މިނިސްޓަރ

ދިޔަވަރު
މިސްކިތުގައި ނަމާދަށް ހުއްޓާ ދަމާ ކޫތާ ގެންގޮސް، ފާހަނަ އަށް ވައްދައި އަނިޔާކުރި މުޖުރިމުންނަށް 15 އަހަރު ނުފުރޭތީ އަދަބު ދެވޭނެ ގޮތެއް ނެތް! މިނިސްޓަރ

މިހާރު ގާނޫނު އޮތްގޮތުން، ކުއްޖާއަށް އަނިޔާކުރުމުގެ ކުށް ކުރި ކުދިން ކުށުގެ އަމަލަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ (މިރޭ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި މައްސަލައިގައި އަނިޔާވި ކުއްޖާއަށް އަނިޔާ ދިނުމުގައި ހިމެނެނީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

އެކުދިންނާ ސުވާލުކޮށް، ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ކުށުގެ ޒިންމާ ނަގަން އޮންނަ އުމުރަކީ 15 އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު ގާނޫނު އޮތްގޮތުން، ކުއްޖާއަށް އަނިޔާކުރުމުގެ ކުށް ކުރި ކުދިން ކުށުގެ އަމަލަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

އެހެންނަމަވެސް 12 އަހަރާއި 13 އަހަރުގެ ކުދިންވެސް ޖިނާއީ ކުށްތަކުގައި އުޅޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭކަމަށެވެ.

އޭގެ އިތުރުން، މިފަދަ މައްސަލަތަކުގައި އަމުރު ނެރެންދާނެ ކޯޓެއްވެސް މިހާތަނަށް ގާނޫނުން ސާފު ނުވާކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގަައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނުން ލާޒިމުކުރާ މަރުކަޒުތަކުގެ ތެރެއިން ދ. ކުޑަހުވަދޫގައި ހުރި ޑިޓެންޝަން ފެސިލިޓީއެއް ފިޔަވައި އިތުރު ތަނެއް މިހާތަނަށް ނިމިފައި ނުވާކަމަށާއި، ނިންމާފައި ހުރި ފެސިލިޓީވެސް ހުރީ ޚިދުމަތް ދެވޭ ހާލަތެއްގައި ނޫން ކަމަށެވެ.

އެހެންކަމުން އަަވަހަށް ޚިދުމަތް ފަަށައިގަތުމަށް މިހާރު ހއ. ހޯރަފުށީގައި ހުރި ހާފްވޭ ހައުސް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށާއި، އަންނަ ހަފްތާގައި އެ މަސައްކަތްތައް ކުރުމަށް ސަރުކާރުން ވިސްނަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ މިފަދަ ފެސިލިޓީތަކަށް ޚާއްސަ ރަށެއް ގާއިމު ކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.