ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހާގެ އޮނަހިރި ރޭ ތަކުގައި އެމްޑީޕީގެ ލީޑަރޝިޕް އިން އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރި ނުވެއެވެ. އަދި ގިނަ ބަޔަކު އެއްވެ އެމްޑީޕީގެ އެއްވެސް ކެމްޕެއިން ހަރަކާތެއް އޮނަހިރި ރެއެއްގައި ބޭއްވުމަށް ޕާޓީގެ ލީޑަރޝިޕުން ބޭނުމެއް ނުވެއެވެ. ބެލެވޭ ގޮތުގައި މިއީ ޕާޓީގެ ލީޑަރޝިޕުން އަޅުކަމަށް މަސްއޫލުވެ، އަދި އެމްޑީޕީގެ އާންމު މެމްބަރުންނަށްވެސް އެފުރުޞަތު ފަހި ކުރުމުގެ ނިޔަތުގައި ނިންމި ނިންމުމެކެވެ.
ނަމަވެސް، މުއިއްޒު ދަނީ، އޮނަހިރި ރޭ ތަކުގައި ސިޔާސީ ބޮޑެތި ހަރަކާތްތައް ބާއްވައި، ކެމްޕެއިން ޕޯޑިއަމް ތަކުގައި، އިސްލާމީ ލީޑަރަކު ދައްކަން ނުވާ ވަރުގެ ވާހަކަތައް ދައްކަމުންނެވެ. މި ގޮތުން ކަނޑައެޅިގެން ދޮގު ހެދުމާއި، މީހުންނާއި މެދު ބަދު ބަސް ބުނުމާއި، ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަ ތައް ދެއްކުން ފަދަ، ފާފަވެރި ނުބައި އަމަލުތައް ދަނީ ތަކުރާރު ކުރައްވަމުންނެވެ.
މުއިއްޒުގެ އެދިވަޑައިގަތުމަށް ލައިލަތުލްގަދުރި ވިލޭރެއަށް ވުމުގެ ފުރުޞަތު އޮންނަ 27 ވިލޭ ރޭގައި ވެސް، ކެމްޕެއިން ހަރަކާތެއް ބާއްވައި އަބްދުއްރަހީމް ވަނީ، އިނދިކޮޅަށް މަޖިލީސް ލިބިއްޖެ ނަމަ ރާއްޖޭގައި އެކިއެކި ދީން ތައް ފަތުރާނެ ކަމަށް ބުނެ، އަދުރޭއަށް ފާފަވެރި އިލްޒާމެއް އެމްޑީޕީ މެމްބަރުންގެ ބޮލުގައި އަޅުވާފައެވެ. މިފަދަ ދޮގު އިލްޒާމް އެޅުވުމަކީ މާތްﷲ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ މުއިއްޒު އާއި އަދުރޭގެ މައްޗަށް ހުރި ބޮޑެތި ފާފަތަކެވެ.
ޕީޕީއެމް އަކީ ދީނީ ކަންކަމާއި ދުރު، ނަމަވެސް އެހެން މީހުންނަކީ ދީނާއި ދުރު ބައެއް ކަމަށް ދައްކައިގެން އުޅޭ ލީޑަރޝިޕެއް އޮންނަ ބައެކެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑެތި ވައްކަމާއި، އަނިޔާވެރިކަން، އެންމެ ބޮޑަށް ފަތުރާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނެވެ. އަދި ދޮގު ހެދުމަކީ އެމީހުންގެ މެދުގައި އާންމު ކަމެކެވެ. އަދި މިސްކިތަށް އަރައި ފޮޓޯ ނަގައި ދެއްކުން ތެރިކަން އިންތިހާއަށް އޮންނަ ބައެކެވެ. މި މީހުންނާއި އެކު މިފަދަ ފަސާދާގައި ހަރަކާތްތެރިވާ، ސަލަފު ޖަމިއްޔާއަކީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް މީހުންނަކީ ކިތަންމެ ބޮޑެތި ވަގުން ކަމުގައި ވީނަމަވެސް މާތް ބައެއްކަން ދެއްކުމަށް އެމީހުންނަށް ތާއީދު ކުރާ ބައެކެވެ.