ޗައިނާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތަކަށް, ކުރިން ހުއްދަ ހޯދުމަކާނުލާ ރާއްޖޭގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދޫކޮށްފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ސަރުކާރުން ޗައިނާއަށް އެގައުމުގެ އަސްކަރިއްޔާއަށް ބޭނުން ވެއްޖެ ހާލަތެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދު ކުރިން ހުއްދަ ހޯދުމަކާ ނުލާ ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ އެގައުމާއެކީ ވެފައިވާ ސިއްރު އަސްކަރީ އެއްބަސްވުންތަކުގެ ދަށުންނެވެ.
މިއަދު ބައެއް ފަރާތްތަކަށް ވަނީ ޗައިނާގެ އަސްކަރިއްޔާގެ ޖާސޫސީ މަތިންދާ ބޯޓެއް ރާއްޖޭގެ ވައިގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް ފެނިފައެވެ. އަދި މި ބޯޓުގެ ފޮޓޯތައް މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވާންވެސް ފަށާފައެވެ.
ޗައިނާއާއެކު މިހާތަަނަށް ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއްވެސް ސަރުކާރުންވަނީ ސިއްރު ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހދ. މަކުނުދޫގައި ޗައިނާގެ ސިއްރު އަސްކަރީ ބޭސްއެއް ގާއިމްކުރުމަށް ވެވުނު އެއްބަސްވުންވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން އުތުރު ތިލަފަޅުގައި, ފުޑް ސެކިއުރިޓީ ގާއިމް ކޮށްދިނުމުގެ ނަމުގައި ޗައިނާގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ރާއްޖެއިން ޗައިނާއާއެކު ސިއްރު އަސްކަރީ ގުޅުންތައް ބާއްވަމުން ދިއުމަކީ އަވައްޓެރި އިންޑިއާގެ އިތުރުން, އިންޑިއާން އޯޝަންގެ އެހެން ގައުމުތަކުންވެސް ކަންބޮޑުވާ މައްސަލައެކެވެ. އަދި ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޖަސޫސް ކުރަމުންދާކަމަށްވެސް އިންޑިއާގެ އިތުރުން އެހެން ގައުމުތަކުންވެސް ދަނީ ބުނަމުންނެވެ.
ރައީސް މުއިއްޒު ޗައިނާއާއެކު ބާއްވަމުންދާ ސިއްރު ގުޅުންތައް ގިނަ ދިވެހިން ސިފަކުރަމުންދަނީ ފައިސާގެ ދަހިވެތިކަމުގައި ރާއްޖޭގެ މިނިވަންކަން ގުރުބާން ކުރަމުންދާ ދިއުމެއްގެ ގޮތުގައެވެ.