ޚަބަރު

އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި ޑީއެމްޑީ ސަސްޕެންޑް ކޮށްފައި ވަނިކޮށް, 3 ވަނަ ފަހަަރަށް, ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް އެމްއެމްޕީއާރުސީން ބަދަލު ގެނެސްފި!

ދިޔަވަރު
އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި ޑީއެމްޑީ ސަސްޕެންޑް ކޮށްފައި ވަނިކޮށް, 3 ވަނަ ފަހަަރަށް, ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް އެމްއެމްޕީއާރުސީން ބަދަލު ގެނެސްފި!

ދިވެހިރާއްޖެ ޕްރޮމޯޓު ކުރުމަށް ފާއިތުވި މާރިޗްމަހު ކުރީކޮޅު ބާލިންއަށްދިޔަ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ, އެކަމުގެ ޝަކުވާތައް ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅުމާއި ގުޅިގެން އޭނާ މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް, އަނެއްކާވެސް އެމްއެމްޕީއާރުސީން އެކުންފުނީ "ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ" ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފިއެވެ.

އެމްއެމްޕީއާރުސީގެ "ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ" ގެ ކޮމްޕޮޒިޝަނަށް ފުރަތަމަ ފަހަރަށް ބަދަލު ގެނެސްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް އެކުންފުނީގެ އަންހެން ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ އެކުދިން ކުންފުންޏަށް ހުށަހެޅުމާއެކުއެވެ.

އެފަހަރު އެކޮމިޓީގައި ކުރިން ތިބި ބައެއް މީހުން ވަކިކޮށް, ކުނފުނީގެ އެމްޑީ ބޭނުންވާ ބަޔަކު ވަނީ ކޮމިޓީގައި ހިމަނާފައެވެ. އެއަށްފަހު މިމަހުގެ 2 ވަނަ ދުވަހުވެސް އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު އެ ކޮމިޓީގެ ހުރިހާ މެމްބަރުންނަށް އެޑްރެސްކޮށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އެ ކޮމިޓީއަށް އައްޔަން ކުރެވުނު 2 މެމްބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެން އާ މެމްބަރުން ކޮމިޓީއަށް އައްޔަން ކޮށްފައިވާ ކަމުގައެވެ. އެގޮތުން މިހާރު އެކޮމިޓީގައި ތިބޭ ފަރާތްތަކަކީ:

  1. ޗީފް އިޕަރޭޓިން އޮފިސަރ ސަބީހާ މުހައްމަދު
  2. ޗީފް ފައިނޭންޝަލް އޮފިސަރ ޝަމްއޫން އާދަމް
  3. ލީގަލް ކައުންސެލަރ ޚަދީޖާ ރަޝާ

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ދަނީ ސަސްޕެންޑް ކޮށްފައިވާ ޑީއެމްޑީގެ މައްސަލައެއް ނެތްކަމަށް "ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ"އިން ނިންމާ އޭނާ އަލުން ވަޒީފާއަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ތިންވަނަ ފަހަރަށް ކޮމިޓީގައި ހިމެނޭ މެމްބަރުން ބަދަލު ކުރީ ފާތިމަތު ތައުފީގު ބޭނުންވާ ގޮތަށް މައްސަލަ ނިންމާ ދޭނެ, އޭނާއަށް އިތުބާރު ކުރެވޭ ބަޔަކު ކޮމިޓީގައި ބޭތިއްބުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް މި އުސޫލުން "ޖިންސީ ފުރައްސާރަ ކުރުމާއި, ގޯނާކުރުން ހުއްޓުވާ ކޮމިޓީ"ތައް އެކުލަވާލުމަކީ ގާނޫނުން ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެކެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް އާދަމްއަކީ ރާއްޖެއިން ބޭރުގައި ދިވެހުރާއްޖެ ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި ކަމުގައިވާ އެމްއެމްޕީއާރުސީގެ ދެވަނައަށް އެންމެ އިސްފަރާތެވެ. އައި އޭނާ ގެންދަވަނީ ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކޮށް, އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުވެސް ކުރަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދި އެމްއެމްޕީއާރުސީގެ އޮފިޝަލަކު ކިޔައިދިން ގޮތުގައި, ބައްސާމް ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއް ކަމުގައިވާ, މެނޭޖަރ ސޯޝަލް މީޑިއާގެ މަގާމުގައިހުރި އައިޝަތު ލަތީފްއަށެވެ. އަދި ބާލިން ފެއަރއަށް ދިއުމަށްފަހު އެނބުރި މާލެ އައިސް އައިޝަތު ލަތީފް ތައްޔާރުކުރި ”ޓްރިޕް ރިޕޯޓް“ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ތަފްސީލް ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައި އައިޝަތު ލަތީފް ބުނެފައިވާ ގޮތުގައި ބައްސާމް ވަނީ ގުރޫޕް ފޮޓޯއެއް ނަގަމުން ދިޔައިރު އޭނާގެ ފޫކޮޅުގައި އަތްލާ, ހިފާ ހަދާފައެވެ. އަދި އައިޝަތު ލަތީފްގެ ފޫކޮޅުގައި ހިފުމަށްފަހު, ”ހާދަ ޝޭޕް ރީއްޗޭ“ ބުނެ, އޭނާ ސޫރައަށް ނިސްބަތްކޮށްވެސް ބައްސާމްވަނީ ޖިންސީ ފުރައްސާރަ ކޮށްފައެވެ. އެހެންނަމަވެސް އެ ޝަކުވާތަަކަށް އެކަށީގެންވާ އިޖާބައެއް މެނޭޖްމަންޓުން ނުދިނުމާއި ގުޅިގެން އައިޝަތު ލަތީފް މިހާރުވަނީ އޭނާގެ ވަޒީފާއިން އިސްތިއުފާވެސް ދީފައެވެ.

މީގެ އިތުރުންވެސް, ބާލިން ފެއަރއަށް ދިޔަ އިތުރު 3 އަންހެން މުވައްޒަފަކުވެސް ވަނީ ބައްސާމް އެކުދިންނަށްވެސް ޖިންސީ ފުރައްސާރަ ކުރިކަމަށް ”ޓްރިޕް ރިޕޯޓު“ގައި ލިޔެފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވަޒީފާގައި މިހާރުވެސް ތިބި މި 3 މުވައްޒަފުންގެ ”ޓްރިޕް ރިޕޯޓު“ގައި ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް ލިޔުމުން އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގުވަނީ, ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަތައް އެ 3 ކުދިން ލިޔުނު ރިޕޯޓުން އުނިކުރުމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އެ 3 ކުދިންވެސް ވަނީ ބައްސާމްގެ ޖިންސީ ފުރައްސާރައިގެ ވާހަކަ ރިޕޯޓުތަކުން އުނިކުރުމަށް ދެކޮޅު ހަދާފައެވެ.

އަދި އެކުދިން ވަޒީފާއިން ކަނޑާލާނެތީ, ރިޕޯޓުތައް އާންމުކުރަން އެކުދިން ޖެހިލުންވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އެމްއެމްޕީއާރުސީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީ އެ ކޯޕަރޭޝަންގެ އެތައް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން އެކުދިން ޝަކުވާކުރަމުން ދާއިރުވެސް, އެއީ ނުވާކަމަކަށް ހަދައިގެން, ރައީސް މުއިއްޒު އަދިވެސް ހުންނެވީ ކަހާތަން ހިރުވާވެސް ނުލައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ކުންފުނިތަކުގެ އިސްވެރިންނަށް އެމަނިކުފާނުވަނީ ޖިންސީ ފުރައްސާރަކުރާ ފަރާތްތަކާއި, އަދި ބޮޑެތި ވައްކަން ކޮށްފައިވާ މުޖުރިމުން އައްޔަން ކޮށްފައެވެ.