ޚަބަރު

ގައްދޫ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޚާއްސަކުރީ, ޕީއެންސީގެ ޓިކެޓްގައި ގައްދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓްގެ ޕްރޮމޯޝަނަށް! މުއިއްޒު ދަނީ ތައުލީމީ ދާއިރާއަށް ސިޔާސީ ކަންކަން ވައްދާ, ތައުލީމީ ދާއިރާ ގަޑުބަޑު ކުރަމުން!

ދިޔަވަރު
ގައްދޫ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޚާއްސަކުރީ, ޕީއެންސީގެ ޓިކެޓްގައި ގައްދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓްގެ ޕްރޮމޯޝަނަށް! މުއިއްޒު ދަނީ ތައުލީމީ ދާއިރާއަށް ސިޔާސީ ކަންކަން ވައްދާ, ތައުލީމީ ދާއިރާ ގަޑުބަޑު ކުރަމުން!

ގދ. ގައްދޫ ސްކޫލުގެ މިހަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ, އެދާއިރާގެ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަމުންދާ މުހައްމަދު އަލީގެ މަޖިލިސް ކެމްޕޭނަށް ޚާއްސަ ކޮށްފިއެވެ.

ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަމުންދަނީ އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއުއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި އޮޅުވާލާ މަކަރު ހަދައިގެން އެދާއިރާގެ ޓިކެޓް ދީފައިވާ ފަރާތެކެވެ.

އެގޮތުން ފާއިތުވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އޭނާ ވާދަވެސް ކޮށްފައެއް ނުވެއެވެ. ގައްދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް, ޕީއެންސީގެ ޓިކެޓް ލިބުނީ މަހްމޫދު ޝަފީޤު (މަހާ)އަށެވެ. އޭނާއަކީ ގދ. ވާދޫ ކުއްޖަކާއި އިނދެގެން އުޅޭ, ދާއިރާއަށް ނިސްބަތް ނުވާ މީހެކެވެ.

ޕީއެންސީގެ ކެނޑިޑޭޓް ދަރިވަރަކާއި އިނާމް ހަވާލުކުރަނީ

އޭނާއާއި ވާދަކޮށްފައިވަނީ، ފާއިތު 5 އަހަރު ގައްދޫގައި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހުންނެވި އަހުމަދު ޝަހުބާދުއެވެ. މަހާއަށް ޓިކެޓް ލިބުނުކަމަށް ޕީއެންސީން ނިންމީ ވޯޓު ލީދުވަހު ޖެހުނު މައްސަލަތަކަށްފަހު އެދުވަހު ނަތީޖާ އިއުލާން ނުކޮށް، ފަހުން މައްސަލަ ބެލުމަށްފަހުއެވެ. އެހެންނަމަވެސް އޭނާއަށް ޓިކެޓް ދިންއިރުވެސް، ވޯޓާސް ލިސްޓަށްވުރެ އިތުރަށް މާލޭ ފޮއްޓަށް ވޯޓު ލާފައިވާކަމަށް ބުނެ ޖެހުނު މައްސަލަތަކަށް ހައްލެއް ހޯދާފައެއް ނުވެއެވެ. އަދި ޕީއެންސީގެ ޕްރިމަރީ އޭނާ ކާމިޔާބު ކުރިކަމަށް އިއުލާން ކުރިއެވެ.

އެހެންނަމަވެސް އޭނާވަނީ ފަހުން ނަން އަބުރާ ގެންގޮސްފައެވެ.

ފާއިތު 5 އަހަރު ގައްދޫގައި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހުންނެވި އަހުމަދު ޝަހުބާދުއަށް އެދާއިރާގެ ޓިކެޓް ނުދިނުމަށް, މަކަރު ހަދާ, އޮޅުވާލައިގެން ޕީއެންސީގެ ޕްރައިމަރީ މަހާއަށް ކާމިޔާބުކޮށްދީ, އެއަށްފަހު މުއިއްޒުވަނީ އެޓިކެޓްގައި މަޖިލިހުގެ އިންތިޚާބުގައި ނުނިކުތުމަށް މަހާއަށް އަންގާފައެވެ. އެއަށްފަހު އޭނާއަށް މަޖުބޫރުކޮށްގެން އޭނާގެ ނަން އޭނާލައްވާ އަނބުރާ ގެންދިއުމަށްފަހު, ޕީއެންސީގެ ޓިކެޓް ފަހުން ދީފައިވަނީ، އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި، އެރަށަށް ނިސްބަތްވާ އިސްމާއިލް ޝަފީއަށް ބޮޑުބޭބެ ކިޔާ މުހައްމަދު އަލީއަށެވެ.

ޕްރައިމަރީން ބަލިވިކަމަށް ނިންމި އަހުމަދު ޝަހުބާދު އިންތިޚާބުގައި މިހާރު ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި, ރައީސް ޔާމިންގެ ތާއީދާއެކުއެވެ.

މިހަފްތާގެ ހުކުރު ދުވަހުގެ ރޭ ގައްދޫ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާއަށް, ޕީއެންސީގެ ޓިކެޓްގައި ވާދަކުރަމުންދާ މުހައްމަދު އަލިއަށް ދައުވަތުދީ, އަދި ވަނަވަނައަށް އައި ކުދިންނަށް އިނާމްވެސް ހަވާލުކޮށްފައިވަނީ އޭނާ ލައްވައެވެ.

އެހެންނަމަވެސް, މަޖިލިސް އިންތިޚާބުގެ ކެމްޕޭން ކުރިޔަށް ދަނިކޮށް, ވަކި ކެނޑިޑޭޓަކަށް ފައިދާ ވާގޮތަށް, ތައުލިމީ ދާއިރާއާއި އެއްވެސް ގުޅުމެއް އަދި ހައިސިއްޔަތެއްވެސް ނެތް ފަރާތަކަށް, ސަރުކާރުގެ ރަސްމީ ޖަލްސާއަކަށް ދައުވަތު ދީގެން, އޭނާ ޕްރޮމޯޓު ކުރުމަށް ގައްދޫ ސްކޫލުން ބޭއްވި މިޖަލްސާގައި ހިންގާފައިވާ އަމަލަކީ, އިންތިޚާބީ ގާނޫނާއި, އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުންވެސް ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެކެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ޕީއެންސީގެ ޓިކެޓްގައި ގައްދޫ ދާއިރާއަށް ވާދަކުރަމުންދާ މުހައްމަދު އަލީގެ ކެމްޕޭން ޖަލްސާއެއްގެ ގޮތުގައި ކުރިޔަށްދިޔަ މި ޖަލްސާއަށް އޭނާއަށް ދައުވަތު ދިނުމަށް އަންގާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ.

ރައީސް މުއިއްޒު ގެންދަވަނީ, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނުހަމަ ގޮތުގައި ހިފާ, އިންތިޚާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް މައްސަލައެއް އޭސީސީން ބަލަމުންނެއް ނުދެއެވެ.