އިންޑިޔާގެ ބޮޑުވަޒީރާއި ބެހުނު ޑެޕިއުޓީ މިނިސްޓަރ ޝިއުނާ، އިންޑިޔާގެ ދިދައަށް އަދަބު އިޚްތިރާމް ކުޑަކޮށް، ސިޔާސީ ބޭނުމަށް އިންޑިޔާގެ ދިދަ އަށް ބަދަލު ގެނެސް، ކެމްޕެއިނަށް ބޭނުން ކުރަން ފަށައިފިއެވެ.
އިންޑިޔާއާއި ދެކޮޅަށް، އިންޑިޔާގެ ބޮޑު ވަޒީރަށް މަލާމާތް ކޮށް ޝިއުނާ ކުރި ޓްވީޓް ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދަށް 3 ބިލިއަން ރުފިޔާގެ ގެއްލުމެއް މި އަހަރު ވާނެ ކަމަށް ފަތުރުވެރި ކަމުގެ އިންޑަސްޓްރީގެ އިސް ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ.
އިންޑިޔާގެ ދިދަ އަށް ބަދަލު ގެނެސް، އެމްޑީޕީގެ ކެމްޕެއިން ލޯގޯ ބަދަލުކޮށް، މިސްރާބު އަނގަވަތަށް ޖަހައިގެން ޝިއުނާ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޓްވީޓްގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ގޯސްވެފައިވާ ގުޅުން އިތުރަށް ހޫނުވެގެން ދާނެ ކަމަށް ބެލެވެއެވެ.
ޝިއުނާ އިންޑިޔާއަށް މަލާމަތް ރައްދުކޮށް، އިންޑިޔާގެ ދިދައާއި، އެޤައުމުގެ ޤައުމިއްޔަތަށް ކުޑާމީސް ވާގޮތަށް މި ގޮތަށް ޓްވީޓް ކޮށްފައި ވަނީ، މުއިއްޒު އެދިގެން އިންޑިޔާ ކިބައިން އާދޭސް ކޮށްގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ހިލައާއި ހިލަވެލީގެ ކޯޓާ އިއްޔެ އިތުރު ކޮށްފައި ވަނިކޮށެވެ.
މުއިއްޒު އަށް ތުރުކީއިން ކާބޯތަކެތި ނުލިބިގެން އިންޑިޔާ އިން ސަލާން ޖަހަން ޖެހުނު އިރު، މާދަމާ އިންޑިޔާ އިން މިކަމާއި ގުޅިގެން ކާބޯތަކެތީގެ ކޯޓާ މެދު ކަނޑާލާފި ނަމަ، އޭގެ ދަތިކަން ފޯރާނީ ދިވެހި އާންމު ރައްޔިތުންނެވެ. ޝިއުނާ ހުންނާނީ މުއިއްޒު ހުންނެވިއްޔާ ކައިގެން ބޮއެގެންނެވެ.
ދިވެހިންގެ ހާލާއި މެދު ނުވިސްނައި، ރާއްޖެއާއި އެންމެ އަވަށްޓެރި އެންމެ ގިނަ ދުވަސްވީ އެކުވެރި އިންޑިޔާއާއި ގުޅޭ ގޮތުން ދޮގު ވާހަކަ އުފައްދައިގެން ސިޔާސީ ބޭނުމަށް ދައްކައިގެން ފިތުނަ އުފައްދައިގެން ވެރިކަމަށް މުއިއްޒު އައުމުގެ ހިތި ނަތީޖާއަކީ، ބޭރުގެ ގިނަ ގައުމުތަކުން ރާއްޖެ އާއި މެދު ދެކޭ ގޮތް ބަދަލުވެ އެހީތައް ކަނޑާލުމެވެ. މިގޮތުން ކުރިން ބަޖެޓް ސަޕޯޓް ދިން އެއްވެސް ޤައުމަކުން ރާއްޖެއަށް ބަޖެޓް ސަޕޯޓެއް ނުދެއެވެ.
ޝިއުނާ އާއި، މަލްޝާ ހިމެނޭ ހެން އިންޑިޔާގެ ބޮޑު ވަޒީރަށް އެއްޗެހި ކިޔުމުގެ ސަބަބަބުން، އިންޑިޔާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު %37 ވަނީ ދަށަށް ގޮސްފައެވެ. 2023 ވަނަ އަހަރު ޖެނުއަރީ އިން މާރޗް އަށް 56،208 ފަތުރުވެރިން އިންޑިޔާއިން އައި އިރު 2024 ވަނަ އަހަރު ޖެނުއަރީ އިން މާރޗް އަށް އިންޑިޔާއިން ރާއްޖެ އައިސްފައި ވަނީ 34،855 މީހުންނެވެ. މިއީ 21،353 ދަށް އަދަދެކެވެ.
މުއިއްޒު ވަނީ އިންޑިޔާއިން މަދުވި ފަތުރުވެރިން ޗައިނާ އިން ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.