ޚަބަރު

އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކަށް ކޯޓާ ހަމަޖެއްސިތާ އެއްދުވަސް ފަހުން, ޝިއުނާ އިންޑިއާގެ ދިދަޔަށް ހަޖޫޖަހާ ބުލީ ކުރީ މުއިއްޒު އަންގަވައިގެން! ބޭނުމަކީ ރާއްޖެ އިންޑިއާ ދަށު ނުވާނެކަން ދުނިޔެއަށް ދެއްކުން!

ދިޔަވަރު
އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކަށް ކޯޓާ ހަމަޖެއްސިތާ އެއްދުވަސް ފަހުން, ޝިއުނާ އިންޑިއާގެ ދިދަޔަށް ހަޖޫޖަހާ ބުލީ ކުރީ މުއިއްޒު އަންގަވައިގެން! ބޭނުމަކީ ރާއްޖެ އިންޑިއާ ދަށު ނުވާނެކަން ދުނިޔެއަށް ދެއްކުން!

އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކަށް ކޯޓާ ހަމަޖެއްސިތާ އެއްދުވަސްވެސް ނުވަނީސް, ޝިއުނާ އިންޑިއާގެ ދިދަޔަށް ހަޖޫޖަހާ ބުލީ ކުރީ މުއިއްޒު އަންގަވައިގެން ކަމަށާއި, އޭގެ ބޭނުމަކީ ރާއްޖެއަކީ ދުވަހަކުވެސް އިންޑިއާގެ ދަށުވާނެ ގައުނެއް ނޫންކަން ދުނިޔެއަށް ދެއްކުން ކަމުގައި "ދިޔަވަރު އޮންލައިން" އާއި ވާހަކަ ދެެއްކެވި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"ދިޔަވަރު އޮންލައިން" އާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ އިސް އޮފިޝަލު ވިދާޅުވީ ޝިއުނާ އަނެއްކާވެސް އިންޑިއާއާ ދިމާކޮށް އެގައުމަށް ބުލީކުރަން ފެށުމަކީ އެއީ ނޭނގި ކުރެވުނު ކަމެއް ނޫންކަމަށާއި, އެއީ ރޭވިގެން ރައީސް މުއިއްޒު އަންވަގައިގެން ކުރެއްވި ކަމެއް ކަމުގައެވެ.

ޝިއުނާ އިންޑިއާއާއި ދިމާކޮށް ހަދަނީ ނޭނގިއެއް ނޫން. އެއީ ރައީސް މުއިއްޒު އަންގަވައިގެން ކުރާކަމެއް. މިފަހަރު އިންޑިއާ ދިދައަށް ބުލީ ކުރީ, ކޯޓާ ހަމަޖެއްސިއަސް މުއިއްޒު އިންޑިއާގެ ދަށު ނުވާނެކަން ދުނިޔެއަށް ދައްކާލުމުގެ ބޭނުމުގައި.

"ދިޔަވަރު އޮންލައިން"އާ ވާހަކަ ދެއްކި ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

އިންޑިޔާގެ ބޮޑުވަޒީރާއި ބެހުނު ޑެޕިއުޓީ މިނިސްޓަރ ޝިއުނާ، އިންޑިޔާގެ ދިދައަށް އަދަބު އިޚްތިރާމް ކުޑަކޮށް، ސިޔާސީ ބޭނުމަށް އިންޑިޔާގެ ދިދަ އަށް ބަދަލު ގެނެސް، ކެމްޕެއިނަށް ބޭނުން ކުރަން ފަށާފައިވަނީ މިއަދުއެވެ.

އިންޑިޔާއާއި ދެކޮޅަށް، އިންޑިޔާގެ ބޮޑު ވަޒީރަށް މަލާމާތް ކޮށް ޝިއުނާ ކުރި ޓްވީޓް ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދަށް 3 ބިލިއަން ރުފިޔާގެ ގެއްލުމެއް މި އަހަރު ވާނެ ކަމަށް ފަތުރުވެރި ކަމުގެ އިންޑަސްޓްރީގެ އިސް ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ.

ޝިއުނާ އިންޑިއާގެ ބޮޑުވަޒީރަށް ހަޖޫޖާ އިންޑިއާއަށް ބުލީކޮށްގެން މުއިއްޒުވަނީ އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ވިދާޅުވެ ދުނިޔެއަށް އަޅުވާލުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އޭރުވެސް އޭނާ ގެންދިޔައީ ބަރާބަރަށް ވަޒީފާއަށް ނިކުންނަމުންނެވެ.

އިންޑިޔާގެ ދިދަ އަށް ބަދަލު ގެނެސް، އެމްޑީޕީގެ ކެމްޕެއިން ލޯގޯ ބަދަލުކޮށް، މިސްރާބު އަނގަވަތަށް ޖަހައިގެން ޝިއުނާ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޓްވީޓްގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ގޯސްވެފައިވާ ގުޅުން އިތުރަށް ހޫނުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޝިއުނާ އިންޑިޔާއަށް މަލާމަތް ރައްދުކޮށް، އިންޑިޔާގެ ދިދައާއި، އެޤައުމުގެ ޤައުމިއްޔަތަށް ކުޑާމީސް ވާގޮތަށް މި ގޮތަށް ޓްވީޓް ކޮށްފައި ވަނީ، މުއިއްޒު އެދިގެން އިންޑިޔާ ކިބައިން އާދޭސް ކޮށްގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ހިލައާއި ހިލަވެލީގެ ކޯޓާ އިއްޔެ އިތުރު ކޮށްފައި ވަނިކޮށެވެ.

ޝިއުނާ އާއި، މަލްޝާ ހިމެނޭ ހެން އިންޑިޔާގެ ބޮޑު ވަޒީރަށް އެއްޗެހި ކިޔުމުގެ ސަބަބަބުން، އިންޑިޔާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު %37 ވަނީ ދަށަށް ގޮސްފައެވެ. 2023 ވަނަ އަހަރު ޖެނުއަރީ އިން މާރޗް އަށް 56،208 ފަތުރުވެރިން އިންޑިޔާއިން އައި އިރު 2024 ވަނަ އަހަރު ޖެނުއަރީ އިން މާރޗް އަށް އިންޑިޔާއިން ރާއްޖެ އައިސްފައި ވަނީ 34،855 މީހުންނެވެ. މިއީ 21،353 ދަށް އަދަދެކެވެ.

މުއިއްޒު ވަނީ އިންޑިޔާއިން މަދުވި ފަތުރުވެރިން ޗައިނާ އިން ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ.