ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހަނީ 8 އޭޕްރީލްވާ ހޯމަ ދުވަހުން ފެށިގެން 09 އޭޕްރީލްވާ އަންގާރަ ދުވަހުގެ މެންދުރު 1:00ން 3:00ށް ކަމަށެވެ. އަދި 14 އޭޕްރިލްވާ އާދިއްތަ ދުވަހުން ފެށިގެން 18 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ން 3:00ށް ކަދުރު ދޫކުރަމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން 23 އޭޕްރީލްވާ އަންގާރަ ދުވަހުން ފެށިގެން 25 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30ން 12:00ށް ކަދުރު ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ އެ މިނިސްޓްރީން ކަމަށެވެ.
ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ދޫކުރަނީ، ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުނެއެވެ.
އާންމު ގޮތެއްގައި ސައޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރަނީ ރޯދަމަހާ ދިމާކޮށެވެ. މިއީ ރޯދަ ނިމެން އެެއް ދުވަހަށް ވުމުން ކަދުރު ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ބޭރު ޤައުމުތަކާއި އޮތް ގުޅުން ކަނޑާލުމުން އަދި އިންޑިޔާ އާއި މެދު ގެންގުޅޭ މަކަރުވެރި ސިޔާސަތުގެ ސަބަބުން ދުނިޔެއިން ރާއްޖެ ބާކީ ވެގެން ދާ ކަމުގެ ހެއްކެކެވެ.