ތަރައްގީގެ މަޝްރޫއުތައް ހިންގަން ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް" ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުން ހުއްދަވާ ގޮތަށް ސަރުކާރުން ގަވައިދު ބަދަލުކޮށްފި އެެވެ. މިކަން ކޮށްފައި ވަނީ ރާޖޫ އަށް ފަސޭހައިން ވެލި ލިބޭ ގޮތަށް، ރާޖޫގެ މަސައްކަތަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. ދުރުން ވެލި ނެގުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމުން، މި ޤަވާއިދުގެ ސަބަބުން 20 މިލިއަން ޑޮލަރު ރާޖޫގެ ކުރަން ޖެހޭ ޚަރަދުން ސަލާމަތް ވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބޭފުޅަކު ދިޔަވަރަށް މައުލޫމާތު ދެއްވިއެވެ.
މިއީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ހަލާކުވެ، ރާއްޖޭގެ ވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެން ދާނެ ކަމެކެވެ. އަދި ރާއްޖޭގެ ކަނޑުގެ ރީތި ކަން ގެއްލި، ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެ، ރައްކާ ކުރެވިފައިވާ ފަޅުތައް އަބަދަށް ވީރާނާވެ، ދިރުން ގެއްލުގެން ދާނެ ކަމެކެވެ. މިއިން ދައްކާދެނީ މުއިއްޒުގެ އެއްވެސް ރަހުމެއް ދިވެހި ބިމަށް ނެތް ކަމެވެ.
ސަރުކާރުން މިހުއްދަ ދިނީ ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު ބަދަލުކޮށްގެންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ހޮނިހިރު ދުވަހު ގެޒެޓުކުރި ބަދަލުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ބޭނުމަށް، ވަކި ޝަރުތުތަކެއް ފުރިހަމަކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ބިން ހިއްކުމާއި ވެލި ނެގުމާއި ފަޅު ފުންކުރުމުގެ ހުއްދަ ދެވޭނެ އެވެ.
މީގެ 11 އަހަރު ކުރިން އޭޕްރިލް 2، 2013 ގައި އަމަލުކުރަން ފެށި ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު ފުރަތަމަ އެކުލަވާލީ ހަތަރު ސަރަހައްދަކުން ވެލި ނެގުން މަނާވާ ގޮތަށެވެ. އެއީ:
ފަރުގެ ބޭރު ކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށް ދޭތެރޭ 100 މީޓަރުގެ ފަޅުތެރެއަށް ވާ ސަރަހައްދު
އެއްވެސް ފަޅެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު ކައިރިން އެތެރެވަރި
ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދު
ގާނޫނު ނަމްބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ "އެންވަޔަރަމެންޓަލީ ސެންސިޓިވް އޭރިޔާސް" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކުން
ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ވެލި ނެގުމުގެ އިތުރުން، އެ ސަރަހައްދުތަކާއި 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުން ވެސް މަނާކޮށްފައިވެ އެވެ.
ނަމަވެސް ޖެހިގެން އައި އަހަރު ގަވާއިދަށް ބަދަލު ގެނެސް، ވަޒީރުންގެ މަޖިލީހުން ނިންމާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް މިފަދަ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް ޝަރުތަކެއް ފުރިހަމަކޮށް، ތަންފީޒީ އިދާރާ (އީޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ޝަރުތުތަކަކީ:
(ހ) އެތަނެއްގައި ހުރި ދިރުންތަކާއި، ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން
(ށ) އެތަނެއްގައި ހުރި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވައި އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅައި، އެ ޕްލޭން ފާސްކުރުން
(ނ) އެތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެ ސަރަހައްދަށް ވުރެ ކުޑަ ނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، އުސޫލުުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތްކޮށް، މެނޭޖުކޮށް، ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން
(ރ) ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަކުތައް ދިރާސާކޮށް، ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަދި މިކަންކަން ތަންފީޒީ އިދާރާއިން މޮނިޓާ ކުރުން
(ބ) ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް (ޑްރެއިނޭޖް ސިސްޓަމް) އެ ރަށުގައި ގާއިމްކުރުން.
މި ޝަރުތުތައް ކަނޑައަޅާފައި އޮތް ނަމަވެސް، ގަވާއިދުގެ އެ މާއްދާގައި އޮތް އިބާރާތުން އެ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަކަށް ބަޔާންކޮށްފައި ނެތެވެ.
މިފަހަރު ގެނައި ބަދަލުގައި އެ މާއްދާ އިބާރާތްކުރީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ޓަކައި، ހަމަ ކުރިން ކުރި ޝަރުތުތެއް ފުރިހަމަކޮށް އީޕީއޭގެ ހުއްދަ ނަގައިގެން، އެ ފަދަ މަސައްކަތްތައް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ މިފަހަރުގެ ބަދަލުގައި އެ މާއްދާ އިބާރާތްކުރިއިރު، އެ މަސައްކަތްތައް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މާއްދާތައް ތަރުތީބުކޮށްފައި އޮތް ގޮތަށް ބަދަލުގެނެސް، 13 ވަނަ މާއްދާގެ (ރ) އަށް ނަމްބަރުތަކެއްގެ ގޮތުގައި މިކަމަށްޓަކައި ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ހިމަނާފަ އެވެ.
ބެލެވޭ ގޮތުގައި ގަވާއިދު ބަދަލުކުރީ އިބާރާތް ރަނގަޅުކޮށް، އާންމުކޮށް މާއްދާތައް ތަރުތީބުކޮށްފައި އޮންނަ ގޮތަށް ގަވާއިދު ފެއްތުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީން ޖަވާބު ނުދޭތީ ގަވާއިދު ބަދަލުކުރި ރަސްމީ ސަބަބެއް ނޭނގެ އެވެ.