ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ “އިންޑިއާ އައުޓު” މި ޝިއާރު ވިއްކަވައިގެންނެވެ. ދެއްކެވިހާވެސް ވާހަކައަކީ ރައީސް ސާލިހު ރާއްޖޭގެ މިނިވަންކަން ގުރުބާންކޮށް, ގައުމު އަޅުވެތި ކޮށްފިކަމުގެ ވާހަކަތަކެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ސޮއިކުރި އެއްބަސްވުންތައް ސިއްރުކޮށްފައިވާކަަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވަމުން ގެންދަވާފައިވަނީ އެމަނިކުފަނުގެ ވެރިކަމުގައި ސިއްރުކުރާނެ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި, ރައީސް ސާލިހުގެ ސަރުކާރުގައި ސިއްރުކުރި އެއްބަސްވުންތައްވެސް ހާމަ ކުރައްވާނެކަމަށެވެ.
އެގޮތުން, ރައީސް ސާލިހުގެ ވެރިކަމުގައި, ސަރުކާރަ ޚިޔާލު ތަފާތުކޮށް ތިބި އެތައް ރައްޔިތުންނެއްގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ވިއްކެވި އެޖެންޑާއަކީ “ގައުމިއްޔަތު” އެޖެންޑާއެވެ. ބޭރުގައުމުތަކާ އެކީ ސިއްރު އެއްބަސްވުންތައް އެކުލަވާނުލާނެ ކަަމަށާއި, ގައުމުގެ މިނިވަންކަން “ވިއްކާލުމަށް” ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކޮށް, ގައުމުގެ މިނިވަންކަމާއި ކަރާމާތް އިއާދަ ކުރާނެ ކަމުގެ ވާހަކަތަކެވެ.
އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް ސިއްރު!
މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ, އޭރުގެ ސަރުކާރުން އިންޑިއާއެކު ގާއިމްކުރި އުތުރު ތިލަފަޅު އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމަކީ 2016ވަނަ އަހަރު, ރައީސް ޔާމިންގެ ސަރުކާރުގައި އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކުވި އެއްބަސް ވުމެއްކަމަށެވެ.
އެގޮތުން, އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރައީސް ސާލިހުގެ ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
އެހެންނަމަވެސް, ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުންތަކާއި, އަދި ދެކެވޭ ޑިޕްލޮމެޓިކް ވާހަކަތަކަކީވެސް ވަކި އުސޫލަކުން މެނުވީ އާންމު ކުރެވެން ހުންނަ ލިޔެކިޔުންތަކަށް ވާތީ ރައީސް ސާލިހުގެ ސަރުކާރުން އެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް އާންމުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު, ރައީސް ސާލިހުގެ ސަރުކާރުން އޭރު ދިން ޔަގީން ކަމަކީ, އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް ނާރާނެކަމުގެ ޔަގީންކަމެވެ.
އެހެންންނަމަވެސް, އެ ހަގީގަތަކީ, ނުވަތަ އެ ވާހަކަތަކަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަވި, ނުވަތަ ގަބޫލުކުރަން ބޭނުންވި ވާހަކަ ތަކަކަށް ނުވިއެވެ. ބޭނުންވީ އުތުރު ތިލަފަޅު އެއްބަސްވުން ސިޔާސީ ކޮށްލާ, ގައުމުގެ މިނިވަންކަން ވިއްކާލުމުގެ ޓެގް އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އަޅުވާށެވެ.
އެ އެޖެންޑާގެ އެންމެ ކުރީގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލާފައިވާކަމަށް އަޑު އުފުލަމުން, ޑރ. މުއިއްޒު, ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވީ, ވެރިކަމުގެ ހުވާ ކުރެއްވުމާއެކު, އިތުރު ތިލަފޅުގެ އެއްބަސްވުން ހާމަކޮށް, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލުމަށް އިންޑިއާއާއެކު ހެދި “ޑީލްތައް” އާންމު ރައްޔިތުންނަށް ތިކޮށްދެއްވާނެ ކަމަށެވެ.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިތާ 4 މަސްދުވަސް ވެގެން ދިޔައީއެވެ. ވެރިކަމުގެ ފުރަތަ ދުވަހުވެސް އާންމު ކުރައްވާނެކަމަށް ވައުދުވި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކޮށްފައި ނުވާތާގަ, އެ އެއްބަސްވުމުގެ ވާހަކަވެސް ރައީސް މުއިއްޒު މިއަދު ނުދައްކަވައެވެ. ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކަވާލެވި ގޮތެއް, އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމުގެ މިނިވަންކަން ގުރުބާންވެގެން ދިޔަގޮތުގެ ވާހަކައެއް މިއަދަކު ނުދައްކަވައެވެ.
ޗައިނާއާއެކު ވީ އެއްބަސްވުންތައްވެސް ސިއްރު
ޗައިނާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން ސިއްރު އެއްބަސްވުމެއްގައި ސޮއި ކޮށްފައިކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދަނިކޮށް, މި ދަތުރުފުޅުގައި, ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ސޮއި ކުރެއްވީ ކޮން އެއްބަސްވުމެއްގައިކަން ހާމަކުރުމަށްވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ ނަމުގައި ޗައިނާގެ އަސްކަރީ ސިފައިން އުތުރު ތިޅަފަޅުގައި ކުރިޔަށް ގެންދިއުމަށް ވެފައިވާ ސިއްރު އެއްބަސްވުންވެސް ހިމެނެއެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތަފްސީލު, މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް ފާއިތުވި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އާންމު މީހަކު ރައީސް އޮފީހަށް ހުށަހެޅި ފޯމުގެ ޖަވާބުގައި ރައީސް އޮފީހުން އެފަރާތަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައިވަނީ ޗައިނާ ސަރުކާރާއެކުވި ސިއްރު އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރެއްވެން ނެތްކަަމުގައެވެ.
ޑްރޯން ގަތުމަށް ވީ އެއްބަސްވުންވެސް ސިއްރު
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކަމަށްބުނެ ތުރުކީން އަސްކަރީ ޑްރޯންތައް ގަތުމަށް އެގައުމުގެ ބޭކަރު ކުންފުންޏާއެކު ސޮއި ކުރި 560 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ތަފްސީލުވެސް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
ތުރުކީއިން ގެނައި ޑްރޯންތައް މިހާރުވަނީ ބޭނުން ކުރަން ފަށާފައެވެ. ޑްރޯންތައް ބަހައްޓާފައި ހުންނަނީ މާފަރުގައި ހުންނަ މޯލްޑިވިއަންގެ އެއާކްރާފްޓު ހޭންގަރުގައެެވެ. އަދި ރޭގައި ވަނީ މި ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ގޮތުން މާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެވެ.
ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން އެއްބަސްވީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިގެންނެވެ.
ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް މެދުވެރިކޮށް ޑްރޯން ގަތީ ކޮރަޕްޝަންގެ ތެރެއިންނެވެ. 2 މިލިއަން ޑޮލަރަށް ލިބޭ ޑްރޯންއެއް 5 މިލިއަން ޑޮލަރަށް ގަނެފައިވަނީ, ތުރުކީގެ ބޭކަރު ކުންފުންޏަށް ދައުލަތުގެ މާލިއްޔަތުން ދެއްކި ފައިސާގެ ތެރެއިން ކޮންމެ ޑްރޯންއަކުން 3 މިލިއަން ޑޮލަރު އަނބުރާ ރައީސް މުއިއްޒުއަށް ލިބޭ ގޮތަށްކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ ތެރެއިން އެއްބަޔަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ފައިނޭންސް ރެއިޒްކުރުމަށް މުއިއްޒު ނެންގެވި ފައިސާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހެއް ކަމަށް ވާ “އަދަދު” ނޫހުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެމައުލޫމާތު އާންމުކުރުމަށް ދެކޮޅު ހަދާފަ އެވެ.
އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ “ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން” މިފަދައިންނެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވައުދުވީ ސިއްރު އެއްވެސް އެބަސްވުމެއް ނުބާއްވާނެކަމަށް!
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވައުދުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިއްރު އެއްވެސް އެއްބަސްވުމެއް ނުވާނެ ކަމުގައެވެ. އަދި ފާއިތުވި ސަރުކާރުން ކޮށްފައިވާ އެއްބަސްވުންތައްވެސް ހާމަކުރައްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްބަސްވުމެއްވެސް މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ހޯއްދެވުމަށް އިންތިޚާބުތެރޭގައި ވީ އެތައް ވައުދަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުންނެވެ. އެގޮތުން, ވެރިކަން ލިބިއްޖެނަމަ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒުވަނީ ފެނަކައިގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލާފައެވެ.