އިންޑިއާއަށް ބުލީކޮށް އެގަމުގެ ވެރިންނަށް މައްލަވަ ކުރަމުންދާ ޝިއުނާއާއި އޭނާގެ އާއިލާގެ ބައެއް މީހުންނަށް އިންޑިއާއަށް ނޭރޭގޮތަށް ބްލެކް ލިސްޓް ކޮށްފިއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ “ފޮރިން ޑިވިޝަން”އިން މިހާރުވަނީ, އެގައުމުގެ ސަރުކާރުން ބްލެކް ލިސްޓުކުރާ މީހުންގެ ލިސްޓު ކަމުގައިވާ އެލްއޯސީ, ލުކުއައުޓް ސާކިއުލާރއެއް ނެރެ (look out circular (LOC)) އެ ސާކިއުލާގައި ޝިއުނާގެ އިތުރުން އޭނާގެ މަންމަގެ ނަންވެސް ހިމަނާފައެވެ.
ޝިއުނާގެ މަންމަ އައިޝަތު ހަފީޒާގެ ނަން އެލްއޯސީގައި ހިމެނި ވަކި ސަބަބެއް ސާފު ނުވި ނަމަވެސް, ރައީސް ޔާމިންގެ ދައުރުގައި ކުރެވުނު "އިންޑިއާ އައުޓް" ހަރަކާތްތަކުގައި އޭނާވެސް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބައިވެރި ވެފައެވެ. އަދި އޭނާއަކީވެސް އެކި ފޯރަމްތަކުގައި އިންޑިއާއަށް ނިސްބަތްކޮށް ހަޖޫޖަހާ އިންޑިއާގެ ވެރިންނަށް ބޭއަދަބީކޮށް މުޚާތަބްކޮށް ހަދާ ފަރާތެއްކަމަށް ވަނީ އެނގިފައެވެ.
އިންޑިއާ ސަރުކާރުން އެކުލަވާލާ “ލުކް އައުޓް ލިސްޓު (އެލްއޯސީ) (އިންޑިއާއަށް އެރުން މަނާ މީހުންގެ ލިސްޓް)އަކީ, އިންޑިއާގެ ގައުމީ ސަލާމަށް ނުރައްކާކުރާނެކަމަަށް އެގައުމުން ދެކޭ މީހުންގެ ލިސްޓެކެވެ.
ޝިއުނާއާއި އޭނާގެ މަންމަ އިންޑިއާއަށް އެރުން މަނާކޮށްފައިވާކަން, އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާރޒްގެ އިސް ބައެއް އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ބައެއް ލޯކަލް މީޑިއާގައިވެސް ރިޕޯޓު ކޮށްފައި ވެއެވެ.
މައުލޫމާތު އެނގިހުރި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން މިހާރު އެކުލަވާލާފައިވާ މި ލިސްޓުގައި ޝިއުނާއާއި އޭނާގެ މަންމަގެ ނަން ހިމަނާފައިވާކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. ޝިއުނާއަކީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ވާއިރު އޭނާއަކީ ރައީސް މުއިއްޒުގެ ވަރަށް އަރިސް ފަރާތެއްވެސް މެއެވެ.
އޭގެ އިތުރުން ޝިއުނާއަކީ އިންޑިއައާއި ދެކޮޅަށް ފާއިތުވި ޖެނުއަރީމަހު ރާއްޖޭގެ ސޯޝަލް މީޑިއާގައި ފެށި ކެމްޕޭންގައި އިންޑިއާއި ދިމާކޮށް, އެގައުމު ވެރީން ބަދުނާމުކޮށް އެންމެ އިސްކޮށް ޝުއޫރު ފާޅުކޮށްފައިވާ އެއްފަރާތެވެ. އެފަހަރު ކުރިމަތިވި ޕްރެޝަރާހެދި ސަރުކާރުން ވަނީ "ނަމެއްގައި" ބޭރުދުނިޔެއަށް އޮޅުވާލުމަށް އޭނާ ސަސްޕެންޑް ކުރި ކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭރުވެސް އޭނާ ވަޒީފާއަށް ނިކުމެފައިވާކަން ޔަގީން ކުރެވިފައި ވެއެވެ.
ޝިއުނާ ވަނީ މި ހަފްތާގަވެސް އިންޑިއާގެ ދިދަ ބޭނުންކޮށް, އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލޯގޯވެސް ބޭނުންކޮށްގެ, އެމްޑީޕީން މަޖިލިސް އިންތިޚާބަށް ބޭނުން ކުރަމުންދާ ލޯގޯ ބަދަލުކޮށް, އިންޑިއާއަށް ޖެއްސުންކޮށް މައްލަވަ ކޮށްފައިވާ ފަރާތެކެވެ. އެހެންނަމަވެސް ސޯބަލް މީޑިއާގައި އަމާޒުވާންފެށި ފާޑު ކިޔުންތަކާއެކު ޝިއުނާވަނީ އެ ޕޯސްޓު ފަހުން ޑިލީޓް ކޮށްފައެވެ. އަދި އޭނާވަނީ އެ ޕޯސްޓު ޝާއިއު ކުރެވުނީތީ ފަހުން މާފަށްވެސް އެދިފައެވެ.
ޝިއުނާ ސޯޝަލް މީޑިއާގައި އިންޑިއާއަށް ބުލީކޮށް, އެގައުމުގެ ވެރިންނަށް ބަދުބަސް ބުނުމާއި ގުޅިގެން, އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އެގައުމުގެ ސޯޝަލް މީޑިއާގައި ވަރުގަދަ އެންޓި ކެމްޕޭނެއްވެސް ކޮށްފައި ވެއެވެ. އެއާއެކު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެ, އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކޮށްފައި ވެއެވެ.
އެ މައްސަލަގަނޑު އުފެދުނީ އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓު ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ކުރެއްވި ވީޑިއޯއަކަށް ފާޑުކިޔާ, ރައީސް މުއިއްޒުގެ އެންގުމަށް, ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް އޮފިޝަލުން އިންޑިއާއާއި ދިމާކޮށް, އިންޒާރުދީ ހުތުރު ބަހުން އެގައުމަށް ފާޑުކިޔަން ފެށުމުންނެވެ.