ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް ޣިޔާސުއްދީން ސްކޫލްގައި ތައްޔާރީތައް ވެފައިވަނިކޮށް، ފުލުހުން ހިންގި ހަމަނުޖެހުންތަކުގައި, އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެމަނިކުފާނުގެ އެންގެވުމާއި ހިލާފަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދޮގު ހައްދަވައިފިއެވެ.
ރައީސް ޔާމިންގެ ޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ އެސްއޯ ފުލުހުންވަނީ ހުއްޓުވާފައެވެ. އެގޮތުން އެ ޖަލްސާ ބާއްވަން އިންތިޒާމުކުރި ވަގުތު ޖެހުމާއެކު ފުލުހުންވަނީ ޢިޔާސުއްދީން ސްކޫލުގެ ދޮރާށި ބަންދުކޮށް, ޖަލްސާއަށްދިޔަ މީހުންގެ ގައިގައި އެސްއޯ ފުލުހުންގެ ބޫންކޮށްގެން ތަޅާ, ބައެއް މީހުން ރޯނާގަންނުވާލާފައެވެ.
ގިނައިރުތަކެއްގެ ހަމަނުޖެހުންތަކަށްފަހު ރޭ ދެން ޖަލްސާ ބާއްވަން ނިންމީ ރާޅުގަނޑު ސަރަހައްދުގައެވެ. އެއާއެކު އެ ތަނަށް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ވަޑައިގެން ޖަލްސާގައިވަނީ ބައިވެެރިވެވަޑައިގެންފައެވެ.
މިއަދު ރައްޔިތުންނާ އީދު ސަލާމް ކުރެއްވުމަށް ފަހުގައި މުލިއާގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހިނގައި ދިޔަ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި އެންމެ ފަހުން ފުލުހުންނާ ބައްދަލު ކުރައްވައި އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ވެސް ދެއްވި އިރުޝާދަކީ ސިޔާސީ ގޮތުން މީހަކަށް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާކަށް ނާންގަވާނެ ވާހަކަ ކަމަށެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ބައެއް ފުލުހުންގެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި, ރައީސް ޔާމިންގެ ޖަލްސާ އުފެއްދުމަށް ބައްވާ ޖަލްސާ ކޮންމެ ގޮތެއް ހަދާފަނަމަވެސް ހުއްޓުވުމަށް މުއިއްޒު ވަނީ ފުލުހުންނަށް އަންގަވާފައެވެ. އެގޮތުން އެޖަލްސާ ރޭ ޢިޔާސުއްދީން ސްކޫލު ހޯލުގައި ބޭއްވިގެން ނުވާނެކަމަށް ރައީސް މުއިއްޒު އަންގަަވާފައި ވުމާއެކު, އެސްއޯ ފުލުހުންގެ ބޭނުން ފުލުހުން ކޮށްފައިވަނީ ސީދާ ރައީސް މުއިއްޒުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމަށާއި, ފުލުހުން ތަންފީޒު ކޮށްފައިވަނީ ސީދާ ރައީސް މުއިއްޒުގެ އަމުރުކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކު ފުލުސް އޮފިސަރުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް, ރޭގެ އިވެންޓް ހިގައިދިޔައީ މި ސަރުކާރު ލަދުވެތިވާންޖެހޭފަދަ ގޮތަކަށްކަން މުއިއްޒުއަށް ފަހުމް ވުމާއެކު, މުއިއްޒުވަނީ ޒިންމާއިން ބަރީއަވެ, ހުރިހާ ޒިންމާއެއް ފުލުހުން "ބޮލަށް ކަނޑާލާ"ފައެވެ.
ގިނަ ފުލުހުން ދެކޭ ގޮތުގައި, މިއީ އަމިއްލައަށް ޒިންމާ އުފުއްލަަވަން ބޭނުންފުޅުނުވެ, އަދި ކުޑަ އިވެންޓެއް ހުއްޓުވުމުގައި ރައީސް މުއިއްޒުއަށް އަތުންފައިން ގޯސް ހެއްދެވުނީމަ ހުރިހާ ބަދުނާމެއް ފުލުހުންގެ "ބޮލަށް ކަނޑާ"ލުމަށްފަހު މުއިއްޒު އަމިއްލައަށް ހުދު ފޮތިކޮޅަކަށް ހެއްދެވިގެން ހުންނެވުމުގައި ބޭނުގައި ކުރެއްވި ޢައިރު ޒިންމާދާރު އަމަލެކެވެ.
ރޭގެ ޖަލްސާ ހުއްޓުވުމަށް އެސްއޯފުލުހުން ބޭނުންކޮށްގެން މުއިއްޒު ހިންގެވި އަމަލު ވެގެންދިޔައީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އާ ޕާޓީއެއް ވުޖޫދުވުމަށް ގައުމުގެ ވަލިއްޔުލްއަމުރު ހުރަސް އެޅުއްވި ފުރަތަމަ ފަހަރު ކަމުގައެވެ. އަދި އިއްޔެ ވެގެންދިޔައީ ގާނޫނު އަސާސީން ލިބިދީފައިވާ, ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ ޕާޓީ އުފެއްދުމަށް ކުރެވުނު މަސައްކަތްތަކަށް މުއިއްޒު ހުރަސް އެޅުމުގެ އިތުރުން, އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުން, ގައުމުގެ ވަލިއްޔުލްއަމުރުގެ އަމުރުފުޅަށް, އެޕާޓީގެ މެމްބަރުންނަށް އަނިޔާކޮށް, ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފެނިގެންދިޔަ ކަޅު އަނދިރި ދުވެހެއްގެ ގޮތުގައިވެސް ގިނަ ބަޔަކު މިދުވަސް ދަނީ ސިފަ ކުރަމުންނެވެ.