ޚަބަރު

މިއީ ފުލުހުން ތަކެއް ފްރޭމް ކޮށް، ސީޕީ ވަކި ކޮށް ފުލުސް އޮފީސް ރައީސް އޮފީހުގެ ފެންޑާއަށް ހެދުމަށް ހިންގާ ހީލަތްތެރި ޖަރީމާއެއް!

ދިޔަވަރު
މިއީ ފުލުހުން ތަކެއް ފްރޭމް ކޮށް، ސީޕީ ވަކި ކޮށް ފުލުސް އޮފީސް ރައީސް އޮފީހުގެ ފެންޑާއަށް ހެދުމަށް ހިންގާ ހީލަތްތެރި ޖަރީމާއެއް!

ފުލުހުން ބޭނުން ކޮށްގެން ރޭގައި ޕީއެންއެފް އަށް ހުރަސް އެޅި އެޅުމަކީ، ސީދާ މުއިއްޒުގެ އަމުރަށް ހިންގާފައިވާ ކަމެއް ކަމާއި މެދު މިހާރަކު އެއްވެސް ޝައްކެއް ނެތެވެ. މިކަމުގެ ތަފްސީލް ތިރީގައި މިވާ ޚަބަރުގައި ގެނެސް ދީފައިވާ އިރު، މުއިއްޒުގެ ހަޤީގީ ބޭނުމަކީ، މިހާރު ފުލުހުން ތަކެއް ފްރޭމް ކޮށް، ސީޕީ ވަކި ކޮށް ފުލުސް އޮފީސް މުއިއްޒުގެ ބާރުގެ ދަށަސް ގެނެސް އެއީ ރައީސް އޮފީހުގެ ފެންޑާއަށް ހަދާލުމެވެ.

ޕީއެންއެފް ޖަލްސާ ވަކި ހިސާބަކުން ނުހުއްޓުވޭނެ ކަމާއި، ޕީއެންއެފް ރަޖިސްޓްރީވާނެކަން މުއިއްޒަށް ސާފުވިއެވެ. ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ، ރައީސް ޔާމީންގެ ދަރި ހައްޔަރު ކުރުން ކަން އެނގި އެއީ، މިހާރުގެ ސީޕީ ޝުޖާޢު ނުކުރާނެ ކަމެއް ކަމަށް މުއިއްޒަށް ޔަގީން ވީ ހިސާބުން، އެކަން ހުއްޓާލިއެވެ. އެ ރުޅިވެރިކަން ދެން އަމާޒު ކުރީ ސީޕީ ޝުޖާއު އަށެވެ. އަދި ސީޕީ ޝުޖާޢު ބޭރުކޮށް މުއިއްޒު ބޭނުންވާ އެހެން މީހަކު އެ މަގާމަށް ގެނައުމަށް މި ފުރުޞަތަކީ އެންމެ ރަނގަޅު ޗާންސް ކަމަށް ބަލައި، އެގޮތަށް މުއިއްޒު ރޭވިއެވެ. މިއަދު ނޫސްވެރިން ކުރިމަތީ އެ ހިންގެވި ހުދުމުހުތާރު އަމަލަކީ ސީޕީ ޝުޖާއު އާއި، ފުލުހުން ތެރޭ ބަޔަކު ފްރޭމް ކުރުމަށް މުއިއްޒު ހިންގި ހީލަތްތެރި އަމަލެކެވެ.

ސިޔާސި މީހުން ހައްޔަރު ކުރުމުގައި ޕޮލިސް ކޮމިޝަނަރ ޝުޖާއު ފަސްޖެހޭ ޖެހުމާއި، ރާއްޖެއަށް ވަންނަ ޑްރަގް ތައް ހޯދައި، އެކަން ކުރާ ފަރާތްތައް ހައްޔަރު ކުރުމާއި، ފުލުސް އޮފީހަށް މުއިއްޒު ބޭނުންވާހާ ބާރެއް ފޯރުވުމުގައި ދަތިތައް ހުރުމާއި، އެތަން ސިޔާސީ ފެންޑާމަކަށް ހެދުމުގައި މުއިއްޒަށް ދިމާވެފައިވާ ބޮޑު ގޮންޖެހުން ތަކަކީ ސީޕީ ޝުޖާއު ބޭރު ކުރަން މުއިއްޒު ކެތް މަދުވެފައިވާ ސަބަބެވެ.

ފުލުހުންނާއި ބައްދަލުކޮށް ފުލުހުންގެ މުއައްސަސާ، ސިޔާސީ ތަނަކަށް ހަދަން ބޭނުން ނުވާ ކަމަށް މުއިއްޒު ބުނި ބުނުމަކީ އެއީ ފުލުހުންގެ ރުހުން އޭނާގެ މައްޗަށް ލިބޭނެ ހަމަ އެކަނި ގޮތް ކަމަށް ވާތީ އެ ގޮތަށް އެ ވާހަކަ ދެއްކީއެވެ. އަދި އެއީ ފުލުހުންނަށް ތިމަންނާއަކީ އެމީހުންގެ އެދޭ ގޮތަށް ކަންކަން ކޮށްދޭން ހުރި މީހެއް ކަމަށް ދައްކައި، އެ ހީލަތްތެރި ކަމުގެ ތެރެއިން ފުލުހުންގެ އިތުބާރު ހޯދައި، ފުލުހުންގެ މުއައްސަސާ އަކީ ސިޔާސީ ކަންކަމުން ދުރުވެ އޮންނަން ޖެހޭ ތަނެއް ކަމަށް ދެކޭ ހުރިހާ އިސްފަރާތްތައް ދެނެގަތުމަށް މުއިއްޒު ދެއްކި ހީލަތްތެރި ވާހަކައެކެވެ. އެކަމުގެ ތެރެއިން އެންމެ ފުރަތަމަ ވެސް ސީޕީ ފްރޭމް ކޮށް، ވަކި ކުރުމަށް މުއިއްޒު މިހާރު އެ ދަނީ މަސައްކަތް ކުރަމުންނެވެ.

ޝުޖާއުގެ ބަދަލުގައި ޓޫފޯ ކަހަލަ މީހަކު މަގާމަށް ގެނައުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުން ފްރޭމް ކޮށް، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދުއްވާލަން މުއިއްޒު އަޑީގައި ހުރެގެން ކުޅެމުންދާ ގޭމް ރައްޔިތުންނަށް ނޭނގޭނެ ކަމަށް ވިސްނުމަކީ ގޯހެކެވެ. ފުލުހުންގެ ހައްްގުގައި ރައްޔިތުން މަގުތައް ފުރާލަން ޖެހިއްޖެނަމަ އެކަން ކުރާނެއެވެ. ޚުދުމުހުތާރު ވެރިކަމަކަށް ފުލުސް އޮފީހާއި މަޖިލިސް ނެގުމަށް ކުރަމުންދާ ހީލަތްތެރި މަސައްކަތް ހުއްޓާލަން ދިވެހި ރައްޔިތުން މުއިއްޒާއި ދެކޮޅަށް ތެދުވަން ޖެހެއެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި އެސްއޯ ފުލުހުން ސީނަށް (ޤިޔާޒުއްދީނަށް) ދިޔަކަމެއް ޕޮލިސް ކޮމިޝަނަރ އަށް އެނގިފައި ނުވުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެން އެކަން ހިނގާނެ ގޮތަކީ، ކޮމިޝަނާރގެ މަތިން، މުއިއްޒު އަޑީގައި ހުރެ، ސީދާ ރައީސް އޮފީސް ތެރޭ ތިބި ސިޔާސީ ބަޔަކާއި، ފުލުހުންގެ ތެރޭގައި ތިބި ބަޔަކު ގުޅިގެން، އެސްއޯ ފުލުހުން ނެރެގެންނެވެ.

މިކަހަލަ ހާލަތްތަކުގައި އާންމު ކޮށް ފޮނުވަނީ އާދައިގެ ފުލުހުންނެވެ. މިއީ އެސްއޯ ފުލުހުން ދާން ޖެހޭ ހާލަތެއްވެސް ނޫނެވެ. އެހެން ކަމުން އެއީ ސީޕީ ޝްޖާއު ކުރާނެ ކަމެއް ކަމަކަށް ނުބެލެއެވެ. އެހެން ކަމުން މުއިއްޒަށް މިކަމުން ބަރީޢަ ވެވި، ޝުޖާއު އާއި ފުލުހުންގެ ބަޔަކު ފްރޭމް ކޮށް ވަކި ކޮށްލަން އެންމެ ފަސޭހަ ވާނެ ގޮތް ކަމަށް މިކަން ވާތީ، މުއިއްޒު ދަނީ އެކަން ކުރުމުގެ ބޭނުމުގައި މި ކަމުގެ ޒިންމާއިން ރެކިގެން ހުރެ، މި މައްސަލަ އިންވެސްޓިގޭޓް ކުރަމުންނެވެ. މިކަމާއި ގުޅިގެން ބަޔަކާއި ސުވާލު ކުރަންޏާ ހައްޔަރުކޮށް އެންމެ ފުރަތަމަ ވެސް ސުވާލު ކުރަން ވީ ކައްޒާބު މަނިކުފާނާއިއެވެ.