ޚަބަރު

އައްޑުއަށް މުއިއްޒު ކެތު ލެބެއްގެ ވައުދުވިއިރު، ރައީސް ސޯލިހް ސަރުކާރުން އޮތީ އެ މަސައްކަތް ނިންމާފައި! މުއިއްޒަށް އައްޑޫގެ ހާލަތެއް ނޭނގޭ! އަރާ ހަދަނީ ދޮގު ވައުދު!

ދިޔަވަރު
އައްޑުއަށް މުއިއްޒު ކެތު ލެބެއްގެ ވައުދުވިއިރު، ރައީސް ސޯލިހް ސަރުކާރުން އޮތީ އެ މަސައްކަތް ނިންމާފައި! މުއިއްޒަށް އައްޑޫގެ ހާލަތެއް ނޭނގޭ! އަރާ ހަދަނީ ދޮގު ވައުދު!

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގައި ކެތު ލެބެއް ގާއިމުކުރާނެ ކަމަށް މުއިއްޒު އައްޑޫ ރައްޔިތުންނަށް ރޭގައި، ވައުދުވެ ވަޑައިގެންނެވި އިރު އެއީ ރައީސް ސޯލިހް ސަރުކާރުން ނިންމާފައި އޮތް މަސައްކަތެކެވެ.

އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭ ހޮސްޕިޓަލަކަށް ހަދާ ވާހަކަ އަޅުގަނޑު ވައުދުވީ، މި ހިތަދޫ ހޮސްޕިޓަލު، އެހެންވީމަ މި ހޮސްޕިޓަލަށް ބޭނުންވާނެ ވަރަށް ގިނަ އެކްސްޕޭންޝަން އަދި، މިވަގުތަށް އަޅުގަނޑުމެން މިހާރު، އަޅުގަނޑު ވައުދުވި ބައެއް ކަންކަމުގެ ތެރޭގަ ހިމެނޭ ކަންކަން، ކެތު ލެބު، ކެތު ލެބު ގާއިމުކުރުމާ އެކީގަ، އަދި ވޯޑު ފެސިލިޓީ އިތުރަށް އެކްސްޕޭންޑް ކުރުމާ އެކީގަ މިހާރު ދޭ ޑައިލަސިސް ފުޅާ ކުރުމާއި، އެކި ކަހަލަ ތެރަޕީތައް ހިމެނޭ، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފެށޭނެ"

އައްޑޫ އަށް ރައީސް ސޯލިހް ސަރުކާރުން ގެނެސްފައިވާ ތަރައްޤީ ލޮލަށް ނުފެންނަ ކަމަށް ހަދައިގެން ހުންނަވައިގެން މުއިއްޒު ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމުކުރުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މަޝްރޫއެކެވެ. އޭއީއެޗުގެ ރަސްމީ އެކްސް އެކައުންޓުގެ ޕޯސްޓުތަކުން މިހާރުވެސް ފެންނަން ހުރި ގޮތުގައި ކެތު ލެބް ގާއިމުކުރާ ތަން ސާފުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު 29، 2023 ގަ އެވެ.

އޭގެ ފަހުން އެ ހޮސްޕިޓަލުން އޮކްޓޯބަރު 9، ގައި ކޮށްފައިވާ ޕޯސްޓެއްގައި، ކެތު ލެބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެ ހޮސްޕިޓަލުގެ ކުރީގެ ސީއީއޯ ޑރ. ސޯލިހު ބައްލަވާލައްވާ ތަން ފެނެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭރު ވެސް ކެތު ލެބްގެ ސާމާނު ދިޔައީ އިންސްޓޯލް ކުރަމުންނެވެ. އިންސްޓޯލް ކޮށް ނިމި، ޓެސްޓް ކޮށް، މުއައްޒަފުން ޓްރައިންކޮށް، ޚިދުމަތް ވަނީ ރައީސް ސޯލިހްގެ ސަރުކާރުގައި ފަށާފައެވެ.

ކެތު ލެބްގެ މަސައްކަތްތައް އެއްކޮށް ނިމުނުކަން ހާމަކުރީ އޮކްޓޯބަރު 17، 2023 ގައި ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައިވާ ގޮތުން ކެތު ލެބު އިންސްޓޯލް ކުރުމާއި އިކުއިޕްމަންޓު ޓެސްޓުކުރުމުގެ އިތުރުން ކެލިބްރޭޓް ކުރުމުގެ މަސައްކަތްތައް ވެސް ހުރީ ނިންމައިފަ އެވެ. އޭރު ކުރިއަށްދަނީ ކެތު ލެބްގެ އިކުއިޕްމަންޓު އޮޕަރޭޓުކުރާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތެވެ.

މި ވެރިކަން ފެށުނު ފަހުން އޭއީއެޗުގެ ކެތު ލެބު އޮޕަރޭޓު ކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އިސްވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އޭއީއެޗްގައި ކެތު ލެބެއް ގާއިމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، އެ ކެތު ލެބްގެ ހުރިހާ މަސައްކަތްތަކެއް ވަނީ ފުރިހަމައަށް ނިންމައި، ބޭނުންކުރަން ފެށޭވަރުކޮށްފަ އެވެ. ތަނަކަށް ތަރައްޤީ އެއް ގެނެވޭނީ އެތަނަށް ބޭނުންވާ ކަންކަމާއި، ކޮށްފައިވާ ކަންކަމާއި ހާލަތު އެނގިގެންނެވެ.