ކުރިޔަށް މިދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް މުއިއްޒު ބާއްވަމުންދާ ކެމްޕޭން ޖަލްސާތަކުން އެންމެ ބޮޑަށް ފާހަގަ ވެގެންދާ އެއްކަމަކަށް ވެގެން ގޮސްފައިވަނީ އަމިއްލަފުޅު ބަސްމަގެވެ. ނުވަތަ އަމިއް ކެންޑިޑޭޓުންތަކެއް ކެމްޕޭނަށް ނެރުއްވައިގެން އެއީ ތިމަން މަނިކުފާނުގެ ތާއީދު އޮތް ކެނޑިޑޭޓުންތަކެއްކަން އެ ކެނޑިޑޭޓުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސާބިތު ކޮށްދެވޭތޯ މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަކެވެ.
އެގޮތުން މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ބާއްވަމުންދާ ޕީއެންސީގެ ގިނަ ބައްދަލުވުންތަކުގައި އާންމުކޮށް ކޮންމެ ވާހަކައެއްވެސް މުއިއްޒު ފައްޓާވާފައިވަނީ, އެ ދާއިރާއަކަށް ނިސްބަތްވާ ކެނޑިޑޭޓަކީ އެމަނިކުފާނުގެ ތާއީދުއޮތް ކެނޑިޑޭޓު ކަމަށް ހާމަ ކުރައްވަމުންނެވެ. ނުވަތަ ވިދާޅުވަނީ "އަޅުގަޑު ފުރިހަމަ ތާއީދު އޮތް ކެނޑިޑޭޓް" މިހެންނެވެ.
އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކަކީ މިއީ ކެމްޕޭން ޖަލްސާތަކުގައި ވަކިން ރައީސް މުއިއްޒު ޔަގީން ކޮށްދޭން ޖެހޭކަމަށް ނުވާކަމެވެ. އޭގެ އެއް ސަބަބަކީ, ވަކި ކެނޑިޑޭޓެއްގެ ޖަލްސާގައި އެކެނޑިޑޭޓަކަށް މުއިއްޒު ތާއީދު ނުކުރާނަމަ އެޖަލްސާއަކަށް މުއިއްޒު ވަޑައި ނުގަންނަވާނެކަމީ ބުއްދީގެ ހަމަތަކުން ބަލާއިރު ސުވާލު އުފެދޭ ކަމަކަށް ނުވާތީއެވެ.
އަނެއް ސަބަބަކީ, "އަޅުގަޑުގެ ކެނޑިޑޭޓް"އަކީ މިވެނި ކެނޑިޑޭޓެއް ކަމުގައި މުއިއްޒު ވިދާޅުވާއިރު, މުއިއްޒުގެ ކެނޑިޑޭޓަކަށް ވުމުން ލިބޭ ވަކި އިތުރު ތާއީދެއް އޮތްކަމަށްވެސް ވެގެން ނުދާކަމީ ކަށަވަރުވެ ޔަގީންވާ ކަމަކަށް ވުމެވެ. ވޯޓު ލާނީ މުއިއްޒުގެ ކެނޑިޑޭޓުންނަށް ކަމަށް ބުނެ ރާއްޖޭގެ މެޖޯރިޓީ ރައްުޔިތުން ބުނަމުންނެއްވެސް ނުދެއެވެ.
އެކަންވަނީ ފާއިތުވި މޭޔަރ އިންތިޚާބުގައި ރައްޔިތުން ވަރަށްވެސް ރަގަަޅަށް ޔަގީން ކޮށްދީފައެވެ. އާޒިމާ ޝަކުރަކީ "އަޅުގަޑުގެ ކެނޑިޑޭޓް"ކަމަށް ވިދާޅުވަމަކުން, ނުވަތަ "އަޅުގަޑުގެ ފުރިހަމަ އިތުބާރު އޮތް ކޭނޑިޑޭޓް"އަކީ އާޒިމާ ޝަކޫރުކަމަށް މުއިއްޒު ވިދާޅުވަމަކުން އާޒިމާ ޝަކޫރަށް މާލޭގެ ރައްޔިތުން ވޯޓު ދީ އާޒިމާ މޭޔަރުކަމަށް އިންތިޚާބު ކޮށްފައިވެސް ނުމެ ވޭމެއެވެ.
އެހެންނަމަވެސް, ރައީސް މުއިއްޒުއަކީ ރައްޔިތުންގެ މާ ބޮޑު ތާޢީދެއް ނެތް ރައީސަކަށް ވާއިރުވެސް, ޕީއެންސީގެ ކެނޑިޑޭޓުންނަކީ "އަޅުގަޑުގެ ކެނޑިޑޭޓް", ނުވަތަ "އަޅުގަޑުގެ ފުރިހަމަ އިތުބާރު އޮތް ކޭނޑިޑޭޓް"އިންގެ ގޮތުގައި މުއިއްޒު ސިފަ ކުރައްވަމުން ގެންދަވާ ގެންދެވުން, ނުވަތަ އެ ވިސްނުމުގައި ތިއްބަވާ ބޭފުޅުން އެހެން މޭރުމަކުން ނަފްސާނީ އިލްމުވެރިން ސިފަ ކުރައްވާފައި ވެއެވެ.
ގިނަ ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި, ތިމާގެ އަތުގައި ބާރުތައް އޮވެމެ, އެއާކުވެސް, އެއީ ތިމާގެ މިލްކެއްކަމަށް, ނުވަތަ އެކަމެއްގެ މައްޗަށް ތިމާގެ އަމުރު މައުރޫފް ހިގާނެކަމާމެދު ހިތުގައި އުފެދޭ ވަހުމަކީ ޝައްކުގެ ވަރަށް ބޮޑު ބަލިމަޑު ކަމެކެވެ. އަދި އެއީ ތިމާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމުގެ އަލާމާތެއްގެ ގޮތުގައިވެސް, ޝައްކުގެ އެ ބަލިމަޑުކަން ނަފްސާނީ އިލްމްވެރިން ސިފަ ކުރަނީ އެއީ ފަރުވާ ހޯދަންޖެހޭ ބަލިމަޑުކަމެއްގެ ގޮތުގައެވެ.
އާދޭހެވެ! މި ބަލިމަޑުކަމުގެ އަސަރު ރައީސް މުއިއްޒުގެ ކިބައިން ފެނިގެން ގޮސްފައިވަނީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ރައީސް ކަމަށް އިންތިޚާބު ވުމާއެކު, ސޯޝަލް ސެންޓަރުގައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް ބޭއްވި ޖަލްސާގައިވެސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރެއްވި ޖުމްލައަކަށް ވެގެން ދިޔައީ, "އަޅުގަޑުގެ އަމުރު މައުރޫފް" ނުހިނގާ މީހަކު މަގާމުގައި ނުބަހައްޓާނޭ ކަމަށް ވިދާޅުވެ ދެއްވި އިންޒާރުތަކެވެ.
އެއަށްފަހު މުއިއްޒު ވަޒީރުކަމަށާއި އެމްޑީކަމަށް ބޭފުޅުން އައްޔަން ކުރުމުގައި އިސްކަން ދެއްވީ ކްލާސް މޭޓުންނާއި, ރޫމް މޭޓުންނާއި, އެކީގައި މަސައްކަތް ކުރި ފަރާތްތަކެވެ. އެއްވެސް މީހަކަށް އިތުބާރު ކުރަން ޖެހިލުންވަނީއެވެ. އަމިއްލަ ނަފްސަށް އިތުބާރު ނެތީއެވެ. ޝައްކުގެ ބަލިމަޑުކަމުން ހިތާއި ނަފްސު ފޯކޮށް, އޭގެ ޝިކާރައަކަށް ވީއެވެ. ރައީސް މުއިއްޒުއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަންޖެހިފައިވާ ފަރާތެކެވެ.
އެހެންނަމަވެސް, ރައީސް މުއިއްޒު ވިސްނަވަންވީ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ކުރާ "އަޅުގަޑުގެ ކެނޑިޑޭޓް"އިން ނުތިބޭނެކަމެވެ. އަދި "އަޅުގަޑުގެ ފުރިހަމަ އިތުބާރު އޮތް ކޭނޑިޑޭޓް"އިންވެސް ނުތިބޭނެ ކަމެވެ. ތިބޭނީ ރައްޔިތުންގެ ކެނޑިޑޭޓުންނެވެ. އަދި އެ ކެނޑިޑޭޓުންނަށް ބޭނުންވާނީވެސް ރައްޔިތުންގެ އިތުބާރެވެ. މިވަރުގެ އާދައިގެ މަހުފޫމެއް ވިސްނިވަޑައި ނުނަގަންނަވާ ރައީސަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވުމަކީ ހިތާމަހުރި ކަމެކެވެ.