ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް އެންމެ 10 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް, އިންތިޚާބުގައި ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާ ވާދަކުރަމުންދާ, ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދޫގެ ގިނަ ބަޔަލު ފްލެޓް ލިސްޓުގައި ހިމަނައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ނިލަންދޫ ދާއިރާ, ރައީސް މުއިއްޒުގެ ކޮއްކޮއަށް ކާމިޔާބު ކޮށްދިނުމަށް, ފ. ނިލަންދޫގެ 40 މީހަކު މިހާރު ވަނީ ފްލެޓް ލިބޭ މީހުންގެ ކެޓަގަރީއަށް ބަދަލު ކޮށްފައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވީ ހައުސިން މިނިސްޓްރީން ބަދަލު ގެނެސްފައިވަނީ, އޭސީސީން ތަހުގީގު ކޮށްފައިވާ 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ކަމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ, 4,000 ފްލެޓް ލިބެ ފަރާތްތަކުގެ ލިސްޓަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި, އެ ބަދަލު އަންނާނީ އޭސީސީން ލިސްޓުގެ މައްސަލަ ތަހުގީގް ކުރުމަށްފަހު ކަމަށެވެ.
ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ, 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން ފްލެޓް ލިބޭ މީހުންގެ ކެޓަގަރީގައި ހިމަނާފައިވަނީ, އޭސީސީން ލިސްޓަށް ބަދަލު ގެންނަން އަނަގާފައިވާކަމަށް ހުއްޖަތް ދައްކައިގެން ކަމަށެވެ.
އެގޮތުން މި 40 މީހުންގެ ނަން ލިސްޓުގައި އެންމެ ފުރަތަމަ ފްލެޓް ލިބޭ މީހުންގެ ގޮތުގައި ހިމެނުމަށްފަހު, ލިސްޓުން އުނިކުރާ މީހުންނަށް އެހެން މަޝްރޫއުތަކުން ފެލެޓް ލިބޭނެކަން އެންގުމަށް ހަމަޖައްސާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އަދި ބިންގާވެސް އަޅާފައި ނުވާ ފްލެޓްތަކެއް ކަންވެސް އޭނާ ފާހަގަ ކުރިއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ސައުދާ އިންތިޚާބު ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ ނުފޫޒުގެ ބޭނުންކޮށް, ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަވަމުންނެވެ.
އެގޮތުން 70% މަސައްކަތް ނިމިފައިވަނިކޮށް, ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ހުއްޓާލާފައެވެ. އަދި އެމަސައްކަތް ހުއްޓާލުމާއި ގުޅިގެން ފ. މަގޫދޫގެ ރައްޔިތުން ވަނީ މުޒާހިރާވެސް ކޮށްފައެވެ.
ފ. މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއަރޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލީ, އެރަށާއި ކައިރީގައި އޮން ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
އޭގެ އިތުރުން, މުއިއްޒުގެ އެއްބަނޑު ކޮއްކޮއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް, ނިލަންދޫގެ 40 ފަރާތަކަށް މިހާތަނަށް އައިއިރު ސިޔާސީ މަގާމްތައްވެސް ވަނީ ހަމަޖައްސާދީފައެވެ. މި ވަޒީފާތައް ހަމަޖައްސާފައިވަނީ, ސަރުކާރުގެ އެކި އޮފީސްތަކުންނާއި, އެރަށުގައި ހުންނަ ހެލްތު ސެންޓަރުންގެ އިތުރުން ފެނަކައިގެ އޮފީހުންނެވެ.