ޚަބަރު

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ދަތިކުރުމުގެ ލިސްޓުގައި އޮތް ޗައިނާގެ އެންމެ ކޮރަޕްޓް އެއް ކުންފުންޏަށް، ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތައް މި ދިނީ، 99 އަހަރު ވަންދެން ކޮންމެ އަހަރަކު މުއިއްޒަށް 24 މިލިއަން ރުފިޔާ ލިބޭގޮތަށް!

ދިޔަވަރު
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ދަތިކުރުމުގެ ލިސްޓުގައި އޮތް ޗައިނާގެ އެންމެ ކޮރަޕްޓް އެއް ކުންފުންޏަށް، ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތައް މި ދިނީ، 99 އަހަރު ވަންދެން ކޮންމެ އަހަރަކު މުއިއްޒަށް 24 މިލިއަން ރުފިޔާ ލިބޭގޮތަށް!

ކައްދޫ އެއާޕޯޓާއި ލ.ގާދޫގައި މެރިޓައިމް ހަބެއް އެޅުމަށް، މުޅި ދުނިޔެއަށް ކޮރަޕްޓް ކުންފުންޏެއް ގޮތުގައި މަޝްހޫރު ވެފައިވާ، ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން އަށް ދިވެހިރާއްޖޭގެ ސަރުކާރުން ހަވާލު ކުރަން ޖެހުނީ ކީއްވެތޯއެވެ؟ މީގެ އިތުރުން މި ކުންފުނި ވޯލްޑް ބޭންކުން ބްލެކް-ލިސްޓް ކޮށްފައި ވަނީ ކޮންކަމަކާތޯވެސް ވިސްނާލަން ޖެހެއެވެ! މި ޑީލް ތަކުގެ ތެރެއިން ޗައިނާއަށް ދިވެހި ޤައުމު ކުޑަ އަގެއްގައި މި ވަނީ ވިއްކާލާފައެވެ. ލ. އަތޮޅަށް އަތޮޅުގެ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލިގެން ގޮސްފިއެވެ. ކޮރަޕްޝަނުގައި އަރާތިބި ކުންފުނިތައް މިކަމުގައި ބައިވެރިކޮށް، މީގެ މުއްސަނދިކަން މުއިއްޒު ދަނީ ހާސިލް ކުރަމުންނެވެ.

މި އެއްބަސްވުމުގައި ރާއްޖެއާއި، ޗައިނާ ސަރުކާރު ހިއްސާވާ ކުންފުނި ސިނޮމަޗްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީ އިންޖިނިއަރިންއާ ދެމެދު ސޮއިކުރީ، ލ. އަތޮޅު ފޮނަދޫއަށް މުއިއްޒު ކުރެއްވި ކެމްޕެއިން ދަތުރެއްގެ ތެރޭގައި އެވެ. މި ޕްރޮޖެކްޓާއި ގުޅޭ ކޮރަޕްޝަންގެ ޑީލް ތައް މުއިއްޒު ހަމަ ޖައްސާފައި ވަނީ، ޖެނުއަރީ މަހުގެ 8 އިން 12 އަށް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. ސިނޮމަޗްގެ ޗެއާމަން ޒަންގް ޒިއާއޯލޫންއާ އެކު މުއިއްޒު ވަނީ އެ ދަތުރުގައި ޑީލް ހަދާފައި ކަމަށާއި، ޕްރޮޖެކްޓް ނިމުމުން މުއިއްޒަށް އަހަރަކަށް 24 މިލިއަން ރުފިޔާ 99 އަހަރަށް ލިބޭ ގޮތަށް މަޝްވަރާ ކުރެއްވި އިރު، އެ ބައްދަލުވުން ނިމުނީ ރާއްޖޭގެ ސްޓްރެޓެޖިކް ގޮތުން ހޮވާފައިވާ ދެ ރަށެއްގައި އުމްރާނީ ތަރައްގީގެ ދެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިމިގެންނެވެ. 24 މިލިއަން ރުފިޔާ އަހަރަކަށް މުއިއްޒަށް ދިނުމަށް އެއްބަސް ވެފައިވާ ކަމަށް ރައީސް އޮފިސް ތެރެއިން ދިޔަވަރު ނޫހަށް މައުލޫމާތް ލިބިފައިވާއިރު، އެއްފަހަރާ މުއިއްޒަށް މި ޕްރޮޖެކްޓް ދޭމަތިން ފައިސާގެ ބޮޑު އަދަދެއް ދޭ ކަމަށާއި، އެއީ ކިހާ ވަރެއް ކަމެއް އޭނާއަށް އަޑު އިވިފައިވާ މައުލޫމާތުން އެނގެން ނެތް ކަމަށް ހާމަ ކުރެއްވިއެވެ.

މި ޕްރޮޖެކްޓުން ރާއްޖެއަށް 99 އަހަރު ވަންދެން އެއްވެސް ފައިދާއެއް ނުކުރާއިރު، ލިބޭ ހުރިހާ ފައިދާއެއް ލިބެނީ މުއިއްޒަށާއި ޗައިނާގެ ސަރުކާރަށެވެ. މި ފަދަ ޕްރޮޖެކްޓްތަކަކީ އެފްރިކާގެ ގިނަ ގައުމުތަކެއް ޗައިނާގެ އަޅުވެތި ކަމުގެ ދަށަށް ދިޔަ ސަބަބެވެ.

ބެއިޖިންއަށް ނިސްބަތްވާ މި ކުންފުންޏަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އާންމު ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެކެވެ. އޭޝިޔާގެ ރީޖަނަލް ޑިވެލޮޕްމަންޓް ބޭންކުން ދަތިކުރުމުގެ ފިޔަވަޅު ސީއޭއެމްސީ އިންޖިނިއަރިން އަށް އަޅާފައި ވަނީ، އޮޅުވާލުމާއި، ކޮރަޕްޝަނަށް ހިންގުމާއިގެން ކުންފުނީގެ އިންޓެގްރިޓީ ގެއްލިގެންނެވެ.

ޕީޕީއެމް ތެރެއިން ގިނަ ބަޔަކަށް މިފަދަ ކޮރަޕްޝަން އެންމެ ރަނގަޅުވެ، އެކަމަށް ބީރު ކަންފަތެއް ދެމުން ދާއިރު، ޤައުމުގެ މިނިވަން ކަމާއި އިސްތިޤްލާލް މިކަމުން އަސަރުކޮށް އިޤްތިޞާދީ ބާރުވެރިކަން ޗައިނާގެ އަތްމައްޗަށް ދޫވެގެން ދިޔުމަކީ އޭގައި ކަންބޮޑުވުން ހިމެނޭ ކަމެކެވެ. ނަމަވެސް މިހާރު ޤައުމިއްޔަތާއިގެން އައި ޕީއެންސީ މެމްބަރުން ދިރުވައި ނަގަނީ ޗައިނިއްޔަތެވެ.