ޚަބަރު

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހެއްގެ އުމުރުން 448 ދުވަސް ލިފްޓްގައި ހޭދަ ކުރަން ޖެހޭ! މުއިއްޒު ހިންގަމުންދާ ކޮރަޕްޝަނުން އަނިޔާ ނުލިބި ސަލާމަތް ވާނެ އެންމެ ދިވެއްސަކުވެސް ނެތް!

ދިޔަވަރު
ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހެއްގެ އުމުރުން 448 ދުވަސް ލިފްޓްގައި ހޭދަ ކުރަން ޖެހޭ! މުއިއްޒު ހިންގަމުންދާ ކޮރަޕްޝަނުން އަނިޔާ ނުލިބި ސަލާމަތް ވާނެ އެންމެ ދިވެއްސަކުވެސް ނެތް!

ހިޔާ ފްލެޓްގައި މީހަކު އެވްރެޖް ގޮތެއްގައި 32 އަހަރު ދިރި އުޅޭނެ ކަމަށް ބަލާ ނަމަ، އޭނާގެ އުމުރުން މަދުވެގެން 448 ދުވަސް ހިޔާ ލިފްޓް ތެރޭގައި ހޭދަ ވާނެއެވެ. މިއީ 1 އަހަރާއި 3 މަސް ދުވަހެވެ.

ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ތަފާތު އެކި ފަރާތްތަކާއި އެކު ކުރެވުނު ސާރވޭ އިން ދައްކާ ގޮތުގައި ގާތް ގަޑަކަށް ލިފްޓް އައުމަށް، މަޑު ކުރަން ޖެހުމާއި، ލިފްޓް ތެރޭގައި އެކި ލެވެލް ތަކަށް މަޑު ކޮށް، މީހުން ނަގައިގެން އައިސް ލިފްޓުން ފޭބުމާއި ހަމައަަށް، ނޫނީ ލިފްޓް ކައިރީ ކިއުގައި ހުރެ، ލިފްޓުން ފްރުޞަތު ލިބިގެން އެޕާރޓްމެންޓާއި ހަމައަށް ދިޔުމަށް މަދުވެގެން 9 މިނުޓު ނަގައެވެ.

އަދި އެވްރެޖް ގޮތެއްގައި އެންމެ މަދުވެގެން މައްޗަށް އަދި ތިރިއަށް 6 ފަހަރު ވަރު ކޮންމެ މީހަކުވެސް ދަތުރު ކުރަން ޖެހެއެވެ. އެއީ 24 ގަޑި އިރުގެ ތެރޭގައި 3 ފަހަރު އެކި ކަންކަމުގައި ފްލެޓް އިން ނުކުންނަން ޖެހޭ ނުކުތުމެވެ.

މި ގޮތުން ބަލާނަމަ، ދުވާލަކަށް 54 މިނުޓް ލިފްޓަށް މަޑު ކުރުމާއި، ލިފްޓް ތެރޭ ހުރުމަށް ހިޔާ ފްލެޓްގައި އުޅޭ ކޮންމެ މީހަކަށް ވަނީ މަޖުބޫރުވެފައެވެ.

މިފަދަ ހިތްދަތި މަޖުބޫރު ކަމެއް ހިޔާފްލެޓް ލިބުނު ފަރާތްތަކުން މިއަދު އުފުލަން ޖެހިފައިވަނީ ކީއްވެ ތޯއެވެ؟ އެކަމުގައި އޮތީ މުއިއްޒުގެ ކޮރަޕްޝަނެވެ. މުއިއްޒު ހިޔާ ފްލެޓުން މުއްސަނދިވީ އެތާ ދިރިއުޅޭ ކޮންމެ މީހެއްގެ އުމުރުން އެއް އަހަރު ދުއްވާލައިގެންނެވެ. ހިޔާ ފްލެޓްތައް އެޅުމަށް 5 ފަރާތަކުން ބިޑް ކުރި އިރު، އެތަން އެޅުމަށް މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި އޭނާ ދިނީ އެންމެ އަގުބޮޑު ކޮށް ބިޑް ކުރި ޗައިނާގެ ކުންފުންޏަށެވެ.

އެގޮތަށް ހިޔާ ފްލެޓް އަޅަށް އެންމެ އަގު ބޮޑު ކުންފުންޏަށް ދީފައި ވަނީ، އިމާރާތުގެ ފިނިޝިންގ މަސައްކަތް ނުހިމަނައެވެ. މީގެ ސަބަބުން އެތައް ލައްކަ ރުފިޔާއެއް އެކަމަށް ކޮންމެ އެޕާރޓްމެންޓެއް ލިބުނު ފަރާތަކުން ހޭދަ ކުރަން މަޖުބޫރު ވެގެން ދިޔައެވެ. ހަމަ މުއިއްޒުގެ ކޮރަޕްޝަނުންނެވެ. މުއިއްޒު ޖީބަށް ލި ފައިސާ ޚަރަދު ކުރަން ޖެހުނީ ނިކަމެތި ރައްޔިތުން ލޯނު ނަގައިގެންނެވެ.

ދެން އޮތީ ލިފްޓެވެ. މިތަން އިމާރާތް ކުރި އިރުވެސް، ކުޑަކުޑަ 3 ލިފްޓަކުން ނުވަތަ 4 ލިފްޓެއް މިތަނަށް އެކަށީގެން ނުވާކަން ސިވިލް އިންޖިނިއަރުން ޕީއެޗްޑީ ނަގައިގެން ހުރި މުއިއްޒަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް، އެއިންވެސް ބެލީ ފައިސާ ކޮޅެއް އަމިއްލަ ޖީބަށް ލެވޭތޯއެވެ. ނަތީޖާ އަކަށްވީ މިއަދު ހިޔާ ފްލެޓްގައި މީހުން ދިރިއުޅޭ ނިކަމެތި ހާލެވެ. ހިޔާ ފްލެޓްގައި މީހަކު މަރުވެއްޖެ ނަމަ، އެމީހާ ވެސް ގެންނަން ޖެހެނީ ކޮޅަށް ބަހައްޓައިގެން އެއްކަލަ ކުޑަ ކުޑަ ލިފްޓުންނެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން ކުރި ގޮތެއް ނޫނެވެ.

ހިޔާ ފްލެޓްތަކުން ބައެއް ފްލެޓްތަކުގައި 3 ލިފްޓް ހުންނަ އިރު، ބައެއް ފްލެޓްތަކުގައި 4 ލިފްޓް ބަހައްޓާފައި ހުރެއެވެ. މިކަމުގައި ވެސް އެއްވެސް ހަމައެއް މުއިއްޒު ކޮރަޕްޝަންގެ ތެރެއިން ހިޔާ ފްލެޓްތައް އެޅުމަށް ހަވާލު ކުރި ޗައިނާ ކުންފުނިން ބަލާފައެއް ނުވެއެވެ. ހިޔާ ފްލެޓުން މީހުން ބޭރަށް ނިކުންނަން ޖެހެނީވެސް ކިއު ޖެހިގެން ހަނި ހަނި ތަންކޮޅަކުން ކަން ދިޔަވަރު ނޫހުން ހިޔާ ފްލެޓްގެ ހާލަތު ބެލުމަށް ފޮނުވި ސާރވޭ ޓީމުން ހާމަ ކޮށްފައި ވެއެވެ.

މުއިއްޒު ކާނެ ވަރަކަށް ކެއުމަށް ފަހު، ހިޔާ ފްލެޓްގައި ތިބި ދިވެހި ރައްޔިތުންގެ ނިކަމެތި ހާލަށް ތިމަންނާ ހައްލެއް ހޯދަ ދޭނެ ކަމަށް ބުނެ އިތުރު 2 ލިފްޓް ލާނެ ކަމަށް ބުނާއިރު، ހިޔާ ފްލެޓުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު 4 ލިފްޓް ކޮންމެ ފްލެޓަކަށް ބޭނުންވާ ކަމަށް، ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކާއި ދިޔަވަރު އޮންލައިނުން ކުރިއަށް ގެންދިޔަ ސާވޭއިން ސާފުވިއެވެ. ނިކަމެތިންގެ ހާލާއި، އެމީހުންގެ ބޭނުންތައް މުއިއްޒު ނުދަނެއެވެ. ނިކަމެތިން ނިކަމެތިކޮށްގެން ގާރޫނު ހެން ދުނިޔޭގައި މުއްސަނދި ކަން ހޯދުން ނޫން ކަމެއް މުއިއްޒު ނުދަނެއެވެ.

މިހިސާބުން ހިޔާ ފްލެތްގެ ވާހަކަ ނިމުނީކީއެއް ނޫނެވެ. ވޯލްޑް ބޭންކުން ވަނީ ހިޔާ ފްލެޓް ޕްރޮޖެކްޓް ހިންގި ގޮތާއި މެދު އިންތިހާއަށް ކަންބޮޑުވުން ފާޅު ކޮށްފައެވެ. ނަމަވެސް، ކޮރަޕްޝަނުގެ ފައިސާއިން ފެންވަރަމުން ދިޔަ މުއިއްޒެއް ވޯލްޑް ބޭންކަށް ދިނީ ބީރު ކަންފަތެކެވެ. ވޯލްޑް ބޭންކުން އޭރު ހާމަ ކޮށްފައި ވަނީ ހިޔާ މަޝްރޫއުގެ ޑިޒައިން ބަލިކަށިވެފައި، މަސައްކަތުގައި ފެންވަރު ދަށް ކަމަށެވެ. މިކަމުގެ ސަބަބުން އިމާރާތް ރަނގަޅު ސްޓޭންޑަޑަކަށް ނުހެދި، ސަރުކާރާއި ރައްޔިތުންގެ އަތުން، އިތުރު ހަރަދުތައް ހިނގާނެ ކަމަށް ފާހަގަ ކޮށް ރިޕޯޓެއް ނެރުނެވެ. ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ޑިޒައިންގެ ބަލިކަށިކަން ތަކުގެ ތެރޭގައި 16 ހައުސިން ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ވެސް 400 ޔުނިޓަށް ވުރެ ގިނަ ޔުނިޓް ހުރި އިރު އެކަށީގެން ވާ ވަރުގެ ލޮބީ އޭރިއާއެއް ނެތް ކަން ފާހަގަ ކޮށް، ލޮބީ އޭރިޔާ ކުޑަ ކަމަށް ވޯލްޑް ބޭންކުން ބަޔާން ކޮށްފައި ވެއެވެ. އޭގެ އިތުރުން ކުދި ހަތަރު ލިފްޓް ހުރުމުގެ ސަބަބުން ތޮއްޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ފާހަގަ ކޮށް މުއިއްޒަށް އެންގިއެވެ. ނަމަވެސް މުއިއްޒު ކަނޑައެޅިގެން ގަސްތުގައި މިކަން އެނގިހުރެ، އަނިޔާވެރިކަން އިސްކުރިއެވެ.

ވޯލްޑް ބޭންކުން މުއިއްޒަށް ފޮނުވި ރިޕޯޓުން އެއް ސަފުހާ

މި ރިޕޯޓްގައި ތަފްސީލުކޮށް، މުއިއްޒު މި ޕްރޮޖެކްޓް ހިންގި އަގާއި މިވަރުގެ ޕްރޮޖެކްޓަކަށް ދާނެ ފައިސާ ބަޔާން ކޮށްފައި ވެއެވެ. ވޯލްޑް ބޭންކާއި، ދިވެހި ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ހިޔާނާތްތެރިވެ، އަމިއްލަ ޖީބު ފުރާ އެތައް މިލިއަން ޑޮލަރެއް ވެރިކަމަށް އައުމަށްޓަކައި އޭރު ވަގަށް ނަގައިގެން ހުރި، ފަރާތަކަށް، ދިވެހިން ވޯޓުލައިގެން ދިން ވެރިކަމަކުން، އިތުރަށް ކޮރަޕްޝަން ނޫން އެއްވެސް އެއްޗެއް އުފަން ނުވާނެއެވެ. ގެއްލި ބިކަވެ، އިތުރަށް ނިކަމެތި ވެގެން ދާނީ، މިކަހަލަ ކޮރަޕްޓް މީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރި ރައްޔިތުންނެވެ.

ނޯޓް: ވޯލްޑް ބޭންކުގެ ރިޕޯޓް ގައި މިކަމާއި ގުޅުންހުރި ޕޭޗްތައް އެޓޭޗް ކުރެވިފައި!