20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ފ. ނިލަންދޫ އާއި ލ. ފޮނަދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫއުއާއެކު، ޖުމުލަ ހަތަރު ހޮސްޕިޓަލެއްގެ މަޝްރޫއު 5.7 ބިލިއަން ރުފިޔާ އަށް ޗައިނާގެ ސީއޭއެމްސީއަށް ހަވާލު ކުރަން ތައްޔާރުވެފައިވާކަން ދިޔަވަރު ނޫހަށް އެނގިޖެއެވެ.
ނިލަންދޫގައި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، ފާތުމަތު ސައުދާ އެވެ. އެ ދާއިރާގެ ގޮޑި ނެގުމަށް، އެތައް ވަޒީފާތަކެއް މިހާތަނަށް އުސޫލުން ބޭރުން ދީފައިވާއިރު، އެތައް ބަޔަކަށް ޤަވާއިދުން ބޭރުން ގޯތި ދިނުމަށްވެސް މުއިއްޒު ވަނީ ނިންމާފައެވެ.
ފޮނަދޫ ދާއިރާ އަށް ވާދަ ކުރައްވަނީ، ރައީސް މުއިއްޒުގެ އެންމެ އިސް ވަޒީރު، އަބްދުއްރަހީމް އަދުރޭ އެވެ. ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވަނީ އަބްދުއްރަހީމް ދެކެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެ މަޝްރޫއުތައް ހަވާލު ކުރަނީ ޗައިނާގެ ސީއޭއެމްސީއާ ކަމަށާއި، އެ ކުންފުނިން މިހާރު ހުށަހަޅާފައިވާ އަގަކީ 370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި މަޝްރޫއުތައް ހަވާލު ކުރަނީ ކުންފުނިން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ އުސޫލުންނެވެ.
މަޝްރޫއުގެ އަގު
- ނިލަންދޫ ހޮސްޕިޓަލް: 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)
- ފޮނަދޫ ހޮސްޕިޓަލް: 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)
- ހުޅުމާލޭގައި ހަދާ މަދާ އެންޑު ޗައިޑް ހޮސްޕިޓަލް: 150 މިލިއަން ޑޮލަރު (2.3 ބިލިއަން ޑޮލަރު)
- އޭއީއޭ ބޮޑުކުރުމުގެ މަޝްރޫއު: 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)
ސީއޭއެމްސީ އަކީ އޭޑީބީ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކުންފުންޏެކެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ވޯލްޑް ބޭންކުން ވެސް އެ ކުންފުނި ވަނީ ބްލެކް ލިސްޓް ކޮށްފައެވެ. 5.7 ބިލިއަން ރުފިޔާއިން 15 ހޮސްްޕިޓަލް އެޅޭ އިރު، މިހެން ދިވެހި ރައްޔިތުންގެ ފައިސާ ޗައިނާ ކުންފުނިތަކަށް ދޭއިރު މިއީ ރާއްޖޭގެ ކުންފުނިތަކަށް ވެސް ހިންގޭ ވަރުގެ ޕްރޮޖެކްޓްތަކެވެ.