ޚަބަރު

މުއިއްޒުގެ ބޮޑު ކޮރަޕްޝަން: ހައުސިން މިނިސްޓަރުކަމުގައި ހުރެ, މުއިއްޒު ޗައިނާގެ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން ހާމަވެއްޖެ!

ދިޔަވަރު
މުއިއްޒުގެ ބޮޑު ކޮރަޕްޝަން: ހައުސިން މިނިސްޓަރުކަމުގައި ހުރެ, މުއިއްޒު ޗައިނާގެ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން ހާމަވެއްޖެ!

ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން, މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބޮޑެތި ކުންފުނިތަކުގެ ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ, ސޯޝަލް މީޑިއާގައި މިހާރު ލީކު ކޮށްލާފައިވާ, މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ކޮށްފައިވާ ޝައްކު އުފެދޭ މާލީ މުއާމަލާތްތަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ރިޕޯޓު އެނަލިސިސް އިންނެވެ.

މި ރިޕޯޓުގައި މުއިއްޒު ދިމްޔާތު ޓުއަރިސްޓު ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރި ފައިސާގެ މުއާމަލާތްތައް އެމްއެމްއޭގެ ސަމާލުކަމަށް އައިސް, އެފައިސާގެ މުއާމަލާތަކުގެ ތަފްސީލީ މައުލޫމާތު ހިމަނާފައި ވެއެވެ.

އޭގެތެރެއިން ފާހަގަ ކޮށްލެވޭ އެއް މައުލޫމާތަކީ, ރައީސް ޔާމިންގެ ވެރިކަމުގައި, މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައިގެން, އޭރު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޕްރޮޖެކްޓްތައް ހަވާލު ކުރި ޗައިނާގެ ކުންފުނިތަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްގައިވާކަމަށް ބުނެ އެ ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކެވެ.

އެގޮތުން ރިޕޯޓުގައި ވާގޮތުން, ޗައިނާގެ ހުނާން ނަމްބަރ 6 އިންޖިނިއަރުން ކޯ އެލްޓީޑީ (Hunan No 6 Engineering Co Ltd) އިންނާއި ހުނާން ރުއިން ޓްރޭޑިން ލިމިޓޭޑް ކޮމްޕެނީ (Hunan Ruin Trading Limited Company) އިން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުގެ ސަމާލުކަމަށް އައިސްފައި ވެއެވެ. މި ކުންފުނިތަކަކީ މުއިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އައިސްފައިވާ ކުންފިނިތަކެއްކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި, ހުޅުލެއާއި ހުޅުމާލެ ގުޅުވާދޭ ލިންކު ރޯޑު ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ހުނާން އިންޖިނިއަރިންގ އާއިއެވެ. މިމަސައްކަތް ހުނާން އިންޖިނިއަރިންގ އާއި އޭރު ހަވާލު ކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.

މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މުއިއްޒު ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަދި އެތަނުގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ

އަދި މި ދަތުރުފުޅުގައި ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ "ކޮމާޝަލް ސްޕައިން" މަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ކުންފުންޏާކަން ފާހަގަ ކޮށްލެވެއެވެ. މިމަޝްރޫއަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ހުނާން ކުންފުންޏާ މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހުޅުމާލޭ އާބަން އައިލްގައި ތަރައްޤީކުރާ "ކޮމާޝަލް ސްޕައިން" މަޝްރޫޢު ޗައިނާގެ ހުނާން ކުންފުންޏާއި ހަވާލުކޮށްފައިވަނީ މުއިއްޒި އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި

އެމްއެމްއޭގެ ފައިންނޭންސް އިންޓެލިޖެންސް ރިޕޯޓުގައި ވާގޮތުން ރައީސް މުއިއްޒު ހިންގި ކޮރަޕްޝަންގެ މުއާމަލާތްތަކުގައި އަމަލީގޮތުން, ހަރަކާތްތެރިވެފައިވާ އެއް ފަރާތަކަކީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާގެ ފިރިމީހާ އިދުރީސް ފައުޒީއެވެ.

ސައުދާ ނިލަންދޫ ދާއިރާއަށް އިންތިޚާބު ކުރުމަށް މުއިއްޒު ގެންދަވަނީ ސިޔާސީ ނުފޫޒުގެ ބޭނުންކޮށް ކޮރަޕްޝަންގެ އުސޫލުން އެތައް އަމަލެއް ހިންގަވަމުންނެވެ.

ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ކޮރަޕްޝަންގެ އެތައް ތުހަމަތުތަކެއް ކުރެވި, އެމަނިކުފާނުގެ މައްސަލަތައް މިހާރުވެސް އޭސީސީގައި ހުރި ބޭފުޅެއްގެ ގޮތުގައެވެ.