ޚަބަރު

އެއްވެސް ކަމެއް ސިއްރު ނުކުރަން ވައުދުވި ސަރުކާރުން ޑިފެންސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމައެއް ނުކުރި!

ދިޔަވަރު
އެއްވެސް ކަމެއް ސިއްރު ނުކުރަން ވައުދުވި ސަރުކާރުން ޑިފެންސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމައެއް ނުކުރި!

ޑިފެންސް މިނިސްޓްރީއަށް އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެދުމުން، އެ މިނިސްޓްރީން އެ މައުލޫމާތު ހާމަނުކޮށް ވެބްސައިޓުގައި ހުންނާނެ ކަމަށް ބުނެފި އެވެ. އެހެންނަމަވެސް އެމިނިސްޓްރީއަށް އައްޔަން ކޮށްފައިވާ ސިޔާސީ މީހުންގެ ތަފްސީލުތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ހިމަނާފައެއް ނުވެއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އަމިއްލަ ނޫހަކުން މި މަހު ދެ ވަނަ ދުވަހު ހޯދުމަށް އެދުނު ހުށަހެޅުމަށް އެ މިނިސްޓްރީން މިއަދު ވަނީ ޖަވާބު ދީފަ އެވެ. ނޫހުން ހޯދުމަށް އެދިފައި ވަނީ، 17 ނޮވެމްބަރު 2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް ޑިފެންސް މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތަކެވެ.

"ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކެއް ކަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުން ފޮނުވާފައިވާ ޖަވާބުގައި ލިޔެފައިވެ އެވެ.

މިނިސްޓްރީތަކަށް އައްޔަންކުރާ ސިޔާސީ ބޭފުޅުންގެ މުސާރަތަކަކީ ވެބްސައިޓުގައި ޝާއިއުކުރާ މައުލޫމާތެއް ނޫނެވެ. ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގޮތުން ސިޔާސީ މަގާމުތަކުގެ އަދަދަކީ ތިނެކެވެ، އެއީ:

  • ސްޓޭޓް މިނިސްޓަރެއް
  • ޑެޕިއުޓީ މިނިސްޓަރެއް
  • ޕާމަނަންޓް ސެކެޓްރީއެއް 

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެހެން ކަމުން ދެ ވެބްސައިޓުގައި ހުރީ ސައްހަ މައުލޫމާތު ނޫންކަން އެނގެއެވެ.