ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޗައިނާ/މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓު ހިންގާ ތަން ރައީސް ސޯލިހްގެ ސަރުކާރުން އަތުލާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވުމުން، އެއިން ސާބިތު ވެގެން ދަނީ މިނިސްޓަރަކަށް މުއިއްޒު ހުންނަވައި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކޮރަޕްޝަނަށް މަގުފަހިވާހެން ނިއުޕޯޓަށް ދޫކުރި ބިމުން، ކުލި ނުނަގާ އެތައް އަހަރެއް ހުންނެވި ކަމެވެ.
މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައި، އެ ތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު 2016، ގަ އެވެ. އެދުވަހުން ފެށިގެން އެތަނުން ދައުލަތަށް ލިބެން ހުރި ފައިސާ ގަސްތުގައި މުއިއްޒު ނުހޯދާ ހުންނެވީ، އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައިގެންނެވެ.
އެމްޑީޕީ ސަރުކާރުން ވަނީ އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އަންގާފަ އެވެ. އެއީ މާޗު 11، 2019 ގަ އެވެ. މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މައްސަލަ ނިންމީ މިނިސްޓްރީ ކޮޅަށެވެ.
ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019 ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޫބަރު 2021, ގައި އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.
މިއަދު ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް އެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. އެގޮތަށް ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
މުއިއްޒުގެ ފަރާތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގައި މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ނުވުމަކީ ޤާނޫނީ ކުށެކެވެ.
މުއިއްޒު ވެރިކަމަށް އައީ، ސިޓީ ކައުންސިލުގެ މުދަލާއި، ފައިސާ ކޮރަޕްޝަނުގެ ގޮތުގައި ޕީޕީއެމް އެކި ފަރާތްތަކަށް އެކި ނަންނަމުގައި ބަހައިގެންނެވެ. މިކަމާއި ގުޅޭ އެތައް މައްސަލަތަކެއް އޭސީސީއަށް އާންމުން އެކި ފަހަރު މަތިން ލާފައި ވީނަމަވެސް، އޭސީސީއަށް ނުފޫޒު ފޯރުވައިގެން މުއިއްޒު ވަނީ މި މައްސަލަތައް ފަސްކޮށް، އަދި ބައެއް މައްސަލަތަކުން ރެކި ގަނެފައެވެ.