ޚަބަރު

މަޖިލީސް އިންތިހާބު ނިމުމުން، ޖިންސީ ފުރައްސާރަ ކުރި، ބީކޭ ފަހުމީ އަވަހަށް އަނބުރާ ސަރުކާރަށް ގެނެސްފި!

ދިޔަވަރު
މަޖިލީސް އިންތިހާބު ނިމުމުން، ޖިންސީ ފުރައްސާރަ ކުރި، ބީކޭ ފަހުމީ އަވަހަށް އަނބުރާ ސަރުކާރަށް ގެނެސްފި!

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން މަޖިލީސް އިންތިހާބު ނިމުމުން އެ ވުޒާރާގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.

އޭނާ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 20، 2023 ގަ އެވެ. ވަކިކުރީ ނޮވެމްބަރު 24، 2023 ގަ އެވެ.

ފަހުމީ އަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން ފާޑުކިޔުން އަމާޒުވީ މީގެ ކުރިން އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރުމާ ގުޅުވައިގެންނެވެ.

ނަމަވެސް، އަނެއްކާވެސް ފަހުމީއަށް ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ދީފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ދިނީ އެމްބެސަޑާ އެޓް ލާޖްގެ މަގާމެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ފަހުމީ ފަދަ ފަރާތްތައް ކުރު މުއްދަތެއްގެ ތެރޭގައި މަގާމުތަކުން ވަކިކުރަން ޖެހުނު މީހުން އެ މަގާމުތަކަށް އައްޔަނުކުރެވުނީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ވިދާޅުވެފަ އެވެ.

"އައްޔަނުކުރި ދެ ތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ، އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" ޑިސެމްބަރު ފަސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.