ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް, ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަދި އެމަނިކުފާނުގެ ރޯލް މޮޑެލް އަބުދުއްރަހީމް އައްޔަން ނުކުރުމަށް ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމަށް އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯ ބެލުމަށް "ދިޔަވަރު އޮންލައިން"އިން ކުރިޔަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި, ވޯޓުދިން މެޖޯރިޓީ ރައްޔިތުން އަބުދުއްރަހީމް މަޖިލިސް ރައީސްކަމަށް އައްޔަން ނުކުރުމަށް ވޯޓު ދިނުމާއި ގުޅިގެންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އެންމެ ގާބިލީ ކޮން ބޭފުޅެއްތޯ ބެލުމަށް "ދިޔަވަރު އޮންލައިން"އިން ކުރިޔަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި, ވޯޓު ލީ މީހުންގެ %40 މީހުން ވޯޓު ދީފައިވަނީ މަޖިލިސް ރައީސްކަމަށް އެންމެ އެކަށީގެންވަނީ ދިއްގަރު ދާއިރާއަށް އިންތިޚާބު ނާޒިމް (ޖަނގިޔާ) ކަމަށް ބުނެއެވެ. އަބުދުއްރަހީމް މަޖިލިސް ރައީސްކަމަށް އެކަށީގެންވާކަމަށްބުނެ ވޯޓު ދީފައިވަނީ އެންމެ %33 މީހުންނެވެ.
މި ޕޮލްގައި މަޖިލިސް ރައީސްކަމަށް ގާސިމް އިބުރާހިމް އެކަށީގެންވާކަމަށް ބުނެ %27 މީހުން ވޯޓު ދީފައި ވެއެވެ.

އަބުދުއްރަހީމް މަޖިލިސް ރައީސްކަމަށް އެކަށީގެން ނުވާކަމަށް މެޖޯރިޓީ ރައްޔިތުން ބުނެފައިވި ނަމަވެސް އޭނާވަނީ މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް މިހާރު ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް, އަބުދުއްރަހީމް ދަނީ އިންތިޚާބުވި މެމްބަރުންނަށް ބޮޑެތި އަދަދުން ފައިސާ ދެމުންނެވެ.
ނަން ހާމަނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތުދިން, މަޖިލިހަށް އަލަށް އިންތިޚާބުވި މެމަބަރަކު ވިދާޅުވީ އާ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް މިހާރު ކެމްޕޭން ފަށާފައިވާ ކަމަށާއި, އަބުދުއްރަހީމްގެ ފަރާތުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލްއާއ އަދި އެ ނޫން ބައެއް މަމްބަރުންވެސް މިހާރު އޭނާ އާއި ވާހަކަ ދައްކާފައިވާ ކަމުގައެވެ.
އެނގިފައިވާ ގޮތުގައި, މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް ކެމްޕޭން ފަށާފައިވާއިރު, އޭނާ މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒުގެ ރުހުން ނެތްނަމަވެސް މަގާމް ކަށަވަރު ކުރެވޭވަރަށް މެމްބަރުންގެ ރުހުން ހޯދުމަށެވެ. އެގޮތުން ގިނަ މެމްބަރުންނަށް ފައިސާ ދީގެން އެމެމްބަރުން ލައްވާ ޕާލަމެންޓްރީ ގުރޫޕުގައި ލޮބީކޮށްގެން, އެހެން މެމްބަރަކު މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް ތާއީދެއް ނެތްކަން ކަށަވަރު ކުރުމަށް އަބުދުއްރަހީމް މަސައްކަތް ކުރަމުންދާކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އިންތިޚާބީ މެމްބަރު ވިދާޅުވިއެވެ.
މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް ކެމްޕޭން ފަށާފައިވާއިރު, އޭނާއަކީ 12 ގަނޑު ޓިނު ވަގަށް ނަގައިގެން އަރުވާލާފައިވާ މީހެއްކަން ފާހަގަ ކޮށްލެވެެއެވެ. އަދި އަބުދުއްރަހީމް ފާހަގަ ވެފައިވަނީ ހަޑި ހުތުރުބަހުން ވާހަކަ ދައްކާ, އެއްވެސް ތައުލީމެއް ނެތް, އެއްވެސް އަދަބު އަޚްލާގެއްވެސް ނެތް ފަރާތެއްގެ ގޮތުގައެވެ.