ޚަބަރު

މާލޭގައި ދިރިއުޅޭ މީހުންނަށް ރައީސް ސޯލިހު ތައްޔާރު ކުރި ކުޑަގިރި އަތުލައި، އެތަން ގެސްޓްހައުސް އައިލެންޑަކަށް ބަދަލު ކުރަން މުއިއްޒު ނިންމައިފި

ދިޔަވަރު
މާލޭގައި ދިރިއުޅޭ މީހުންނަށް ރައީސް ސޯލިހު ތައްޔާރު ކުރި ކުޑަގިރި އަތުލައި، އެތަން ގެސްޓްހައުސް އައިލެންޑަކަށް ބަދަލު ކުރަން މުއިއްޒު ނިންމައިފި

ރައީސް ސޯލިހުގެ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިޔުމަށް ހިއްކައިގެން ތައްޔާރު ކުރި ކުޑަގިރި އަތުލައި، އެތާގައި ގެސްޓްހައުސް އަޅަން ސަރުކާރުން ނިންމާފިއެވެ. މީގެ ކުރިން މާލޭގައި ދިރިއުޅުނު މީހުން ޕިކްނިކް ދިއުމަށް ބަޑޮސް އައްޔަން ކޮށްފައި އޮއްވާ ކުރީގެ ޕީޕީއެމް ސަރުކާރުން އެތަން ވަނީ ރިސޯޓު ހެދުމަށް ދޫކޮށްފައެވެ.

ކުޑަގިރި، މިހާރު ވަނީ އެޗްޑީސީ އަތުން ނަގައި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވޮލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ދަށަށް ގެނެސްފައެވެ.

އެމްއައިޓީޑީސީ އަކީ ރާއްޖޭގެ ޓުއަރިޒަމަށް އެއްވެސް އެދެވޭ މަސައްކަތެއް ނުކުރާ ޚަރަދު ބޮޑު ބޭކާރު ކުންފުންޏެކެވެ.

ރައީސް ސޯލިހުގެ ކެމްޕެއިންގައި އުޅުނު އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު ވަނީ މިކަން ރާއްޖޭގެ ދުވަހު ނޫހެއް ކަމަށްވާ ސަން އޮންލައިންނަށް ކަށަވަރު ކޮށްދީފައެވެ.

މިރަށް ގެސްޓްހައުސް ޓުއަރިޒަމަށް ތަރައްޤީ ކުރަން ޖެހޭ އެއްވެސް ސަބަބެއް ސަރުކާރުން ސާފުކޮށްފައެއް ނުވެއެވެ.

އަދި މާލޭ ރަށްވެހިން ޕިކްނިކް ދިއުމަށް އިތުރު ޕްރައިވެސީ އޮތް ތަނެއް މި ސަރަހައްދަކު ނެތެވެ. ހުޅުމާލެ އަކީ ފަތުރުވެރިން ނިވާކަން ކުޑަކޮށް އުޅޭތަނަކަށް ވަތީ، އިސްލާމީ ރިވެތި އަހުލާގު ނުގެއްލޭހެން ދަރިން ތަރުބިއްޔަތު ކުރާ މައިން ބަފައިން ދަރިން ގޮވައިގެން ޕިކްނިކް ދަތުރު ދިޔުމަށް ކުޑަގިރި ހަމަ ޖައްސާފައި ވަނިކޮށް އެތަން ނަގާފައި ވަނީ ރައީސް ސޯލިހް ރާއްޖެއަށް ކޮށްދީފައި ހުރި މިފަދަ އިޖުތިމާޢީ މަސައްކަތްތައް ނައްތާލުމަށެވެ. އަދި މި ސަރުކާރުގެ އިސް ބައެއް ފަރާތްތަކަކަށް ކުޑަގިރިން ލިބޭ މާލީ މަންފާއަށް މިތަން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން މުއިއްޒު ފޭރިގަނެފައި ވަނީ ރައްޔިތުންގެ އިޙްސާސްތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ.