ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ އޮޕަރޭޝަނަށްް ކަޅު ދޫނީގެ (ކުރަނގި ދޫނީގެ) ނަމުން ނަން ދީފިއެވެ.
ހޯމް މިނިސްޓަރ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "ކުރަނގި" މި ނަން ކަމުގައެވެ. ކުރަނގި ދޫންޏަކީ ޒަމާނުއްސުރެ ދިވެހުން ކަޅު ދޫނީގެ ނަމުން ނިސްބަތްކުރާ ދޫންޏެކެވެ. އެ ދޫންޏަށް ކަޅު ދޫނި ކިޔަނީ އެއީ އާންމުކޮށް ކަޅު ކުލައިން ހުންނަަ ދޫންޏަކަށް ވާތީއެވެ. އެ ދޫނީގެ ބޮލުގައި މަޑު އަޅި ކުލައެއް ހުރި ނަމަވެސް އެދޫނީގެ ކުލައަކީ މައިގަޑުކޮށް ކަޅު ކުލައެވެ. އަދި ދުރުން ފެންނައިރު އެ ދޫނިތައް ފެންނަނީވެސް ކަޅު ދޫނި އައިނެއްގެ ގޮތުގައެވެ.
އެނގިފައިވާ ގޮތުގައި މި ދޫންޏަށް "ކަޅު" ދޫނީގެ ނަން ދީފައިވަނީ ރާއްޖޭގެ އުޅޭ ބިދޭސީންނަކީ ބަންގަލަދޭޝްގެ ރައްޔިތުންނަށް ވެފައި އެމީހުންނަކީ ކުލަ ދޮން ނޫން ބަޔަކަށް ވާތީއެވެ. ބަންގްލަދޭޝް މީހުންނަކީ ދޮން ނަސްލުން އައިސްފައިވާ މީހުންނެއް ނޫނެވެ. އަދި އެގައުމުގެ މެޖޯރިޓީ މީހުންނަކީ އެފްރިކާގެ ކަޅު ނަސްލުގެ ކުލައަށް ނުވި ނަމަވެސް ހަމަލު ކުލަ ކަޅު މީހުންނެވެ. ކަޅު ދޫނީގައި ވެސް ހުންނަނީ ސީދާ ކަޅު ކުލައަށް ނުފެދޭ މަޑު ކަޅު ކުލައެކެވެ.
އެހެންނަމަވެސް ބަންގްލަދޭޝްގެ މީހުންގެ ހަމުގެ ކުލައަށް ނިސްބަތްކޮށް, އެމީހުންނާއި ގުޅުން ހުރި އޮޕަރޭޝަނަކަށް ނަން ދިނުމަކީ ސީދާ ނަސްލީ އިމްތިޔާޒަށް ވެގެންދާއިރު, މިއީ އިންސާނީ ކަރާމަތަށްވެސް ހުތުރު އެރުވުން ކަމުގައި ގިނަބަޔަކު, ހޯމް މިނިސްޓްރީގެ މި އަމަލު ދަނީ ސިފަކުރަމުންނެވެ.
އަދި ވަކި ގައުމަކަށް ނިސްބަތްވީ އެބައެއްގެ ކަރާމާތް ނަގާލުމާއި, އެބަޔަކާއި ދެކޮޅަށް ނަސްލީ އިމްތިޔާޒު ގެންގުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުންވެސް މަނާކޮށްފައި އޮންނަ ކަމެއްކަންވެސް ފާހަގަކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު ފާހަގަވެގެން މިދަނީ ނަސްލީ އިމްތިޔާޒު ގެންގުޅޭ, ވަކި މީހަކަށް ނުވަތަ ބަޔަކަށް ވީތީ ތަފާތުކުރުންތައް އިންތިހާއަށް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައެވެ.