ޚަބަރު

މަޖިލިސް އިންތިޚާބާ ދިމާކޮށް ސްޓެލްކޯއަށް 280 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވައްދާފަ! މި ދަރަޖައަށް އެއްވެސް ސަރުކާރެއްގައި ސްޓެލްކޯ ސިޔާސީ ގޮތުން ގުރުބާން ކޮށްފައެއް ނުވޭ!

ދިޔަވަރު
މަޖިލިސް އިންތިޚާބާ ދިމާކޮށް ސްޓެލްކޯއަށް 280 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވައްދާފަ! މި ދަރަޖައަށް އެއްވެސް ސަރުކާރެއްގައި ސްޓެލްކޯ ސިޔާސީ ގޮތުން ގުރުބާން ކޮށްފައެއް ނުވޭ!

ރާއްޖޭގެ އެންމެ ބޮޑު އާބާދީ ކަމުގައިވާ މާލެއަށާއި އަދި ރާއްޖޭގެ އެހެން ބައެއް ރަށްތަކަށްވެސް ކަރަންޓުގެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ, ފާއިތުވެދިޔަ ތަނުގައި އެންމެ ކާމިޔާބުކަމާއެކު ހިންގަމުން އައިސްފައިވާ ސްޓެލްކޯއަށް ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް 280 އަށްވުރެ ގިނަ މުވައްޒަފުން ނުގަވާއިދުން ވައްދާފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

ދިޔަވަރު އޮނަލައިންއާއި މައުލޫމާތު ހިއްސާކުރި އެކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކުންފުނީގެ މިހާރުގެ އެމްޑީ ފަހުމީ ގެންދަވަނީ އެއްވެސް ހަމައެއްލަމައެއް ނެތި އެކުންފުނި ސިޔާސީ ގޮތުން ގުރުބާން ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ސަރުކާރު ތަކުގައިވެސް ކުންފުންޏަށް ސިޔާސީ މުވައްޒަފުން ވައްދާފައިވާ ކަމަށާއި, އެހެންނަމަވެސް އެ ސަރުކާރުތަކުން ކޮންމެވެސް ހަމަތަކެއް ގެންގުޅެފައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނި ރައްޔިތުން އިތުބާރުކުރާ ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓިފައިވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވެފައިވަނީ އެހެންނަަމަވެސް ފާއިތުވި މަޖިލިސް އިންތިޚާބާ ދިމާކޮށް އެކުންފުންޏަށް އެއްވެސް ހަމައެއް ލަމައެއް ނެތި މުވައްޒަފުން ވެއްދުމުގެ ސަބަބުން ކުންފުނީގެ ބަޖެޓަށް މިހާރު ބާރު ބޮޑުވެފައިވާ ކަމުގައެވެ. އަދި އާދައިގެ އެއްވެސް ތަޖުރިބާއެއް ނެތް މުވައްޒަފުންނަށް އުސޫލާއި ޚިލާފަށް މަޖިލިސް އިންތިޚާބާ ދިމާކޮށް ޕްރޮމޯޝަން ދިނުމުގެ ސަބަބުން ކުންފުނީގަ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ އެތައް މުވައްޒަފުންނެއްގެ ރޫޙު މަރުވެފައި (ޑީ މޯޓިވޭޓް ވެފައި) ވާކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އިތުރުން, ފާއިތުވި މަޖިލިސް އިންތިޚާބާއި ދިމާކޮށް, ރޯދައަށްކަމަށް ބުނެ ސްޓެލްކޯއިން މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު ކަރަންޓުގެ އަގު ބޮޑުކޮށް ގޭބިސީތަކަށް ސްޓެލްކޯއިން މިހާރުދަނީ އަގު ބޮޑުކޮށް ބިލްކުރަމުންނެވެ.

އެގޮތުން މިހާރު ސޯޝަލް މީޑިއާގަވެސް ގިނަ ބަޔަކު ހިއްސާކުރަމުންދާ ކަރަންޓު ބިލްތަކަށް ބަލާއިރު ސްޓެލްކޯއިން ދަނީ ގޭބިސީތަކަށް, އާންމު މަސްތަކުގައި ބިލަށް އަރާފަހުރި މިންވަރާއި އަޅާ ކިޔާލުމުން %50 އާއި %100 އާއި ދެމެދުގެ އަދަދަކުން ބޮޑުކޮށް ބިލްކުރަމުންނެވެ.

ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓުގެ އަގު ބޮޑުކޮށް ބިލް ކުރަމުންދަނީ ރެންޑަމްކޮށް (ވަކި ތަރުތީބެއް ގާއިމް ނުކޮށް) އެވެ. އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި, ހުރިހާ ގޭބިސީތަކުގެ ބިލްތައް ބޮޑު ކުރުމުގެ ބަދަލުގައި, އެކި ގޭބިސީތަކުން ބިލް ބޮޑު ކުރުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ނާންނާނެކަމަށް ބަލައިގެންކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެގެންކަމަށް ބުނެ ސްޓެކްލޯއާއި ފެނަކައިން ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަން އިއުލާނު ކުރީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ދިމާކޮށެވެ. އެހެންނަމަވެސް މިހާރު ފެނިގެން މިދަނީ މަޖިލިސް އިންތިޚާބު ނިމި ދިއުމާއެކު ކަރަންޓު ބިލް ބޮޑުކޮށް, ސަރުކާރުން ކުންފުނިތައް ބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާން ފެއްޓި މަންޒަރެވެ.

މިސަރުކާރުގައި, ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ މިހާރު ހިމެނިފައިވަނީ އެންމެ ކޮރަޕްޓް އެއް ކުންފުނީގެ ގޮތުގައެވެ. އެގޮތުން, މިހާތަނަށް ދައުލަތުގެ "އޭ ގްރޭޑް"ގެ ކުންފުންޏެއްގެ ގޮތުގައި ދަމަހައްޓަމުން އައި މިކުންފުންޏާ ދޭތެރޭ އާންމުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.