ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އަހަރަކު އެއްފަހަރު ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްގައި ރާއްޖެ ހަ ދަރަޖަ ފަހަތައް ވެއްޓިއްޖެއެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަހު ޝާއިއުކުރާ މި ރިޕޯޓުގައި ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެ އޮތީ 100 ވަނައިގައެވެ. އެއީ "ޕްރޮބްލޮމެޓިކް" ނުވަަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައްހުރި ގައުމުގެ ކެޓަގަރީއެވެ. އެހެންނަމަވެސް މިހާރު ރާއްޖެ އޮތީ 106 ވަނައަށް ވެއްޓި ނޫސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައެވެ.
ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފިނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނު ހިމެނެ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފައެވެ. އެހެންވެ އެކަންވެފައި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ ފާހަގަތަކުން މިއަހަރު ޕޮއިންޓް ލިބުނު ގޮތަަށް ބަލާ އިރު ސިޔާސީ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 53.75 ޕޮއިންޓް ލިބުނު އިރު މިއަހަރު ލިބުނީ 43.48 ޕޮއިންޓެވެ. އެ ފާހަގައިން ބަލާއިރު މިދިޔަ އަހަރު ރާއްޖެ 97 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 109 ވަނައިގަ އެވެ.
އިގުތިސާދީ ގޮތުން މިއަހަރު ރާއްޖެ އޮތީ މިދިޔަ އަހަރާއި އާޅާބަލާއިރު ކުރީގައެވެ. އެގޮތުން މިދިޔަ އަހަރު 32.84 ޕޮއިންޓާ އެކީ 161 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 36.04 ޕޮއިންޓާއެކު 133 ވަނައިގައެވެ. މީގެއިތުރުން ގާނޫނީ ގޮތުން މިއަހަރު 54.42 ޕޮއިންޓާއެކު 111 ވަނާގައި އޮތްއިރު، މިިދޔަ އަހަރު 59.61 ޕޮއިންޓާއެކު އޮތީ 98 ވަނާގައެވެ،
އިޖުތިމާއީ މިންގަނޑުން މިދިޔަ އަހަރަށް ވުރެ ރާއްޖޭގެ ރޭންކް އޮތީ ދަށުގައެވެ. އެގޮތުން މިދިޔަ އަހަރު މިދާއިރާއިން 55.68 ޕޮއިންޓާއެކު 124 ވަނާގައި އޮތްއިރު މިއަހަރު 48.10 ޕޮއިންޓާއެކު ރާއްޖެ އޮތީ 131 ވަނާގައެވެ.
ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މިއަަހަރު ރާއްޖެއޮތީ ވަރަށް ބޮޑަށް ދަށުގައެވެ. އެގޮތުން މިއަހަރު 79.76 ޕޮއިންޓާއކު 80 ވަނާގައި އޮތްއިރު މިދިޔަ އަހަރު މިދާއިރާއިން 82.48 ޕޮއިންޓާއެކު 57 ވަނަ ރާއްޖެއަށް ލިބުނެވެ.
ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްއަކީ 180 ގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކުރާ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ރަސްމީ އިންޑެކްސްއެކެވެ.
ނޫސްވެރިކަމުގެ މިންގަޑުން ރާއްޖެ ފަހަތަށް ސޮއްސާލި އަނެއް މައިގަޑު ސަބަބައްގެ ގޮތުގައި ފާހަގަ ވެފައިވަނީ, މައުލޫމާތު ހާމަ ނުކުރުމާއި, މިނިވަން މީޑިއާތައް ބްލޮކް ކުރުމާއި, ސަރުކާރުން ދޮގު މައުލޫމާތު ފެތުރުމެވެ.