ސަރުކާރަށް ފާޑުކިޔާ ހުރިހާ ނޫސްވެރިންނަކީވެސް "ރަނޑު" ބައެއްގެ ގޮތުގައި ސިފަކޮށް, ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވާހަކަ ދައްކަވައިފިއެވެ.
ނޫސް ހިންގަނީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ނޫސްތަކުން ސަރުކާރަށް ފާޑުކިޔަކުން, ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދިން އިންޓަރވިއުއެއްގައި ޚަލީލު ވިދާޅުވީ ކޮންބައެއްކަން ނޭގޭ ގޮތަށް ސަރުކާރަށް ފާޑުކިޔަމުންދަނީ "ތަންކޮޅެއް ރަނޑު" ކަމެއް ކަމަށާއި, ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ކަމުގައެވެ.
ދެން އެހާ ރަނޑުކޮށް އަމިއްލަ އަށް ކޮން ބައެއް ކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ، ތަންކޮޅެއް ރަނޑު ނޫންތޯ؟ އަޅުގަނޑަށް ތަންކޮޅެއް 'ރަނޑު' މި ބަސް ބޭނުންކުރެވެނީ ވެސް.
އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވިދާޅުވިއެވެ.
ނޫސްވެރިންނަކީ ރަނޑު ބައެއްކަމަށް ސިފަކޮށް ޚަލީލު ވާހަކަ ދެއްކެވިއިރު, މި ސަރުކާރުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާކަމަށްބުނެ "ދިޔަވަރު އޮންލައިން" ބްލޮކް ކޮށްފައެވެ. އެހެންނަމަވެސް މީޑިއާތަކުންނާއި ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުތަކަށް ކެތްނުވެގެން, ފަހުން "ދިޔަވަރު އޮންލައިން" އަންބުލޮކް ކުރިނަމަވެސް, "ދިޔަވަރު އޮންލައިން"އަށް ތަކުރާރުކޮށް ދަނީ މަރުގެ އިންޒާރު ލިބެމުންނެވެ.
އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްތައް ބްލޮކް ކުރާނެކަމުގެ އިންޒާރު މުއިއްޒުވެސް ގެންދަވަނީ އަދިވެސް ތަކުރާރުކޮށް ދެއްވަމުންނެވެ.
"ދިޔަވަރު އޮންލައިން"ގެ މެނޭޖްމަންޓުން މީގެ ކުރިން ބުނެފައިވަނީ އެ ނޫހުގެ މެނޭޖްމަންޓާއި ޖާނަލިސްޓުންގެ ފުރާނައިގެން ރައްކާތެރިކަން ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ކަށަވަރު ކުރުމުން އެ ނޫސް ރަޖިސްޓްރީ ކޮށްގެން ހިންގަން ފަށާނެ ކަމުގައެވެ.
ނޫސްވެރިންނަކީ ރަނޑު ބައެއްގެ ގޮތުގައި ޚަލީލު ސިފަ ކުރެއްވިއުރ, ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އަހަރަކު އެއްފަހަރު ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ހާލަތު ދަރަޖަކުރާ އިންޑެކްސްގައި ރާއްޖެވަނީ ހަ ދަރަޖަ ފަހަތައް ވެއްޓިފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަހު ޝާއިއުކުރާ މި ރިޕޯޓުގައި ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެ އޮތީ 100 ވަނައިގައެވެ. އެއީ ”ޕްރޮބްލޮމެޓިކް“ ނުވަަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައްހުރި ގައުމުގެ ކެޓަގަރީއެވެ. އެހެންނަމަވެސް މިހާރު ރާއްޖެ އޮތީ 106 ވަނައަށް ވެއްޓި ނޫސްވެރިކަން ކުރަން އުނދަގޫ ގައުމެއްގެ ގޮތުގައެވެ.
ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފިނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނު ހިމެނެ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފައެވެ. އެހެންވެ އެކަންވެފައި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިންގަޑުން ރާއްޖެ ފަހަތަށް ސޮއްސާލި އަނެއް މައިގަޑު ސަބަބައްގެ ގޮތުގައި ފާހަގަ ވެފައިވަނީ, މައުލޫމާތު ހާމަ ނުކުރުމާއި, މިނިވަން މީޑިއާތައް ބްލޮކް ކުރުމާއި, ސަރުކާރުން ދޮގު މައުލޫމާތު ފެތުރުމެވެ.