ޚަބަރު

ސްޓެލްކޯގެ "ސްކޭމް" ފަޅާއެރުމުން, އިތުރު ޑިސްކައުންޓް ދިނުމަށްފަހުކަމަށްބުނެ ގޭބިސީތަކަށް މިރޭ ބިލްކުރަން ފަށައިފި! ބައެއް ބިލްތަކަށް ދީފައިވަނީ އެންމެ 100 ރުފިޔާގެ ޑިސްކައުންޓެއް! މިއީ ރައްޔިތުންނަށް ކުރާ ބޮޑު ޖެއްސުމެއް!

ދިޔަވަރު
ސްޓެލްކޯގެ "ސްކޭމް" ފަޅާއެރުމުން, އިތުރު ޑިސްކައުންޓް ދިނުމަށްފަހުކަމަށްބުނެ ގޭބިސީތަކަށް މިރޭ ބިލްކުރަން ފަށައިފި! ބައެއް ބިލްތަކަށް ދީފައިވަނީ އެންމެ 100 ރުފިޔާގެ ޑިސްކައުންޓެއް! މިއީ ރައްޔިތުންނަށް ކުރާ ބޮޑު ޖެއްސުމެއް!

ފާއިތުވެދިޔަ ރޯދަމަހުގެ ފެން ބިލާއި ކަރަންޓު ބިލް އާދަޔާ ޚިލާފަށް ބޮޑުކޮށް ސްޓެލްކޯއިން ގޭބިސީތަކަށް ބިލްކޮށް, އަދި ފަހުން މަޖިލިސް އިންތިޚާބާ ދިމާކޮށް, ކަރަންޓުގެ އަގު ހެޔޮކޮށްފައިވާކަމަށް ބުނެ ރައްޔިތުން ގުބޯ ހައްދަމުން ދަނިކޮށް, ސްޓެލްކޯއިން ހިންގަމުން އައި "ސްކޭމް" ފަޅާ އެރުމާއި ގުޅިގެން މިރޭ އަނެއްކާވެސް ބިލްތައް އިސްލާހު ކުރުމަށްފަހު ކަމަށްބުނެ ގޭބިސީތަކަށް ބިލް ކުރަން ފަށައިފިއެވެ.

އެހެންނަމަވެސް ސްޓެލްކޯއިން ގޭބިސީތަކަށް ބިލްކުރަމުންދާއިރު, "ދިޔަވަރު އޮންލައިން"އަށް މިހާރު ލިބިފައިވާ ބައެއް ބިލްތަކުން ދައްކާ ގޮތުގައި ސްޓެލްކޯއިން އުނިކޮށްފައިވަނީ އެންމެ 100 ވަރަކަށް ރުފިޔާއެވެ.

އެންމެ 100 ރުފިޔާ އުނިކުރުމަށްފަހު ސްޓެލްކޯއިން ބުނަމުންދަނީ ހުރިހާ ގޭބިސީތަކަށްވެސް ބޮޑު ޑިސްކައުންޓެއް މިހާރު ދެމުންދާ ކަމަށާއި, މިއީ ރައީސް މުއިއްޒުގެ ވައުދު ފުއްދުމުގެ ގޮތުން ގެންނަމުންދާ ބަދަލެއް ކަމުގައެވެ.

ފާއިތުވި ރޯދަމަހު ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިންކަމަށް ބުނެ ސްޓެލްކޮއިން ބުނެފައިވަނީ 20 މިލިއަން ރުފިޔާގެ ބޮޑު ޑިސްކައުންޓެއް ހުރިހާ ގޭބިސީތަކަށް ދީފައިވާ ކަމުގައެވެ. އެކަން ހާމަކޮށް ސްޓެލްކޯއިން އިސްތިހާރު ކުރަމުން ގޮސްފައިވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށެވެ.

އެހެންނަމަވެސް މަޖިލިސް އިންތިޚާބު ނިމި ބިލްތައް ގޭބިސީތަކަށް އައިއިރު އަދި ސޯޝަލް މީޑިއާގަވެސް ގިނަ ބަޔަކު ހިއްސާކުރަމުންދާ ކަރަންޓު ބިލްތަކުން އެނގުނު ގޮތުގައި ސްޓެލްކޯއިން ގޭބިސީތަކަށް ފޮނުވި ބިލްތައް ހުރީ, އާންމު މަސްތަކުގައި ބިލަށް އަރާފަހުރި މިންވަރާއި އަޅާ ކިޔާލުމުން %50 އާއި %100 އާއި ދެމެދުގެ އަދަދަކުން ބޮޑުކޮށެވެ.

އެބަދަލަށް ދައްކަމުން ގޮސްފައިވާ އުޒުރަކީ, ކަރަންޓު ބިލް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުންކަމަށް ބުނެ އެ އުޒުރެވެ. އަދި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ އަންނަ މަހުގެ ބިލްވެސް ބޮޑުވާނެކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

އެހެންނަމަވެސް ފާއިތުވި ދެމަހެއްހާ ދުވަސްވެސް ވެގެން ދިޔައީ ގިނަ ދުވަސްތަކުގައި ވިއްސާރަ, އަދި މާލެއަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހިފައިވާ ދުވަސްތަކެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށްކަމަށް ބުނެ, މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތައް ކެޕްކުރުމަށް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވާނެކަމަށް ފެނަކާ އާއި ސްޓެލްކޯއިންވެސް ވަނީ ދާދިފަހުން ބުނެފައެވެ.

ރައީސް މުއިއްޒު ވިދާޅުވެގެންކަމަށް ބުނެ ސްޓެކްލޯއާއި ފެނަކައިން ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަން އިއުލާނު ކުރީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ދިމާކޮށެވެ. އެހެންނަމަވެސް މިހާރު ފެނިގެން މިދަނީ މަޖިލިސް އިންތިޚާބު ނިމި ދިއުމާއެކު ކަރަންޓު ބިލް ބޮޑުކޮށް, ސަރުކާރުން ކުންފުނިތައް ބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާން ފެއްޓި މަންޒަރެވެ.

ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކާ ރައްޔިތުން ގުނބޯ ހެއްދުމަށް އޭރު ގެނައި ގިނަ ބަދަލުތައް އަލުން އިއާދަކުރަމުންނެވެ. އެގޮތުން އަންހެނެއްގެ ބަނޑު ކޮށްޓި ކަމުގެ ތުހުމަތު ކުރެވޭ, ޔާމިންގެ ދައުރުގައި މެލޭޝިއާގެ ހައިކޮމިޝަނަރުކަން ކުރެއްވި ފަހުމީއަށް އޮޅިގެން ވަޒީފާ ދެވުނުކަމަށް ބުނެ, މަޖިލިސް އިންތިޚާބުގެ ކުރިން ވަޒީފާއިން ވަކި ކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު މިއަދު ވަނީ އަލުން ވަޒީފާ ދީފައެވެ.