ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާނު ދުއްވަމުންދިޔަ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ހާދިސާ ވެގެންދިޔައީ މިހަފްތާގައި އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގިނަބައެއްގެ ސަމާލުކަމަށް އައި ހާދިސާއަކަށެވެ.
އޭގެ އެއް ސަބަބަކަށްވީ ކުރީގެ ވަޒީރެއްގެ ކާރު ކުޑަ ޕިކަޕަކާ އެކްސިޑެންޓު ވުމެއް ނޫނެވެ. އެ އެކްސިޑެންޓަށްފަހު, އެކްސިޑެންޓްވީ ދެފަރާތުން ގާނޫނުގައި އޮތް އުސޫލުގެމަތިން, މައްސަލާގައި ފައިސަލާކުރަނިވި ގޮތްތަކެއް ނިންމާން, އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްގެން ތިއްބާ, ކުއްލިއަކަށް އެ ސަރަހައްދަށް ވަޑައިގަން އިންތިޚާބީ މެމްބަރަކު މައްސަލާގައި ގޮތް ކަނޑައަޅުއްވާ, ފައިސަލާކޮށް މައްސަލަ ނިންމެވި ގޮތުންނެވެ.
ޝެއިޚް އިމްރާނު ދުއްވަމުންދިޔަ ކާރުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވި ހާދިސާ ހިނގި ސަރަހައްދަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރ އިމްރާން ލަތީފް ވަޑައިގެން ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އެކްސިޑެންޓްވި ޕިކްއަޕްގެ ޑަރައިވަރަށް ޝެއިޚް އިމްރާމް މާފް ކޮށްދޭންޖެހޭނެ ކަމުގައެވެ. އަދި އެ ޑްރައިވަރަކީ ވަރަށް ބޮޑު ނިކަމެއްޗެއް ކަމުގައިވެސް އޭނާ ބުނެފައި ވެއެވެ. އެއަށްފަހު އޭނާ ބުނެފައިވަނީ ޝެއިޚް އިމްރާން އޭނާއަށް މާފް ނުކޮށްފިނަމަ، ޕިކަޕް ޑްރައިވަރުގެ ފަރާތުން އޭނާ ބަދަލު ދޭންވެސް ނިންމާފައިވާ ކަމުގައެވެ.
އާދޭހެވެ. މި ދެންނެވުނީ މީގެ 2 ހަފްތާފަހުން ރާއްޖޭގެ ގާނޫނުހަދާ މަޖިލިހުގައި ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދީ, ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ތައްޔާރުވަމުންދާ އިންތިޚާބީ މެމްބަރަކު, މަގުމަތީގައި ހިނގި އެކްސިޑެންޓެއްގެ މައްސަލަ ފައިސަލާކޮށް ނިންމާލި ގޮތުގެ ވާހަކައެވެ.
މަގުމަތީގައި ހިނގި އެކްސިޑެންޓުގެ މައްސަލާގައި ގޮތް ކަނޑައަޅުއްވަމުން އިންތިޚާބީ މެމްބަރު ކުރީގެ ވަޒީރު ޝެއިޚް އިމްރާނަށް އަމުރު ކުރެއްވީ ޕިކަޕް ޑްރައިވަރަށް މާފް ކުރުމަށެވެ. އެކްސިޑެންޓްވި ޕިކަޕްގެ ޑްރައިވަރަކީ ވަރަށް ބޮޑު ނިކަމެއްޗެއްކަމަށްވެސް ކަނޑައެޅުއްވީ އިންތިޚާބީ މެމްބަރެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުންނަވައިގެން އިންތިޚާބީ މެމްބަރު ނިންމެވީ ޝެއިޚް އިމްރާން ޕިކަޕް ޑްރައިވަރަށް މާފް ނުކޮށްފިނަމަ އެ ޑްރައިވަރުގެ ކިބައިން ލިބެންޖެހޭ ބަދަލުވެސް ދީ އޭނާ މައްސަލަ ނިންމާނެ ކަމުގައެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި ދެފަރާތުން އަމަލުކުރާންޖެހޭ ހަމައެއް އުސޫލެއް އޮތްކަމަކަށް އިންތިޚާބީ މެމްބަރު ގަބޫލު ކުރައްވާކަށް ބޭނުމެއް ނުވިއެވެ. ފުލުހުން ސީނަށް ހާޒިރުވެ, އެކްސިޑެންޓުގައި ޝަމިލްވީ ދެފަރާތާއި ސުވާލުކޮށް, މައްސަލާގައި ކަންހިގިގޮތް ތަހުގީގު ކުރުމަކީ ގާނޫނުން އެކަން ކުރުމަށް ލާޒިމް ކޮށްފައި އޮތް ގޮތް ކަމުގައި ވީނަމަވެސް, އެއީވެސް އިންތިޚާބީ މެމްބަރު ގަބޫލު ކުރައްވާ އުސޫލަކަށް ނުވިއެވެ.
އެ މެމްބަރަށް ވިސްނިވަޑައިގަތީ ހަމަޔާއި އިންސާފްއަކީ މަގުމަތިން ނިންމާންޖެހޭ އެއްޗެއް ކަމުގައެވެ. އޭނާއަށް ފެނުނު ހަމަޔަކީ މީޑީއާކުރިމަތީގައި, މަގުމަތީ ކޯޓު ހައްދަވައިގެން ހުކުމް ކުރެއްވުމެވެ. އޭނާ އަމަލު ކުރެއްވީވެސް ހަމަ އެބީދައިންނެވެ.
ފަހަރެއްގައި މިއީ އޭނާކޮށްލި މޮޅުކަމެއް ކަމުގައިވެސް ވެދާނެއެވެ. އަދި އޭނާ ގަބޫލުކުރާ ހަމަކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް މިއީ ގަނޫނޫހަދާ މަޖީލިހަށް ވަނުމަށް ތައްޔާރުވަމުންދާ އިންތިޚާބީ މެމްބަރެއްގެ ކިބައިން ފެނިގެންދިޔަ ވަރަށްވެސް ދަށުދަރަޖައިގެ އަމަލެއްކަމުގައި މެނުވީ ނުވެއެވެ. ސާފުވެގެން ދިޔައީ އޭނާގެ ވިސްނުމުގެ ކޮށިކަމާއި, ނަފްސުގެ ނުކުޅެދުންތެރިކަމާއި ދެއްކުންތެރިކަމެވެ.
ސަބަބަކީ އިންސާފާ ހަމަ ގަބޫލުކުރުމާއި, ގާނޫނުތަކަށް ތަބާވުމާއި, އެނޫނަސް އެންމެހާ ކަންކަމުގައިވެސް ގާނޫނޫ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ބައެއްގެ ކިބައިގައި ހުންނާންޖެހޭ އެންމެ އަސާސީ ސިފަ ކަމުގައިވާތީއެވެ.
އެހެންނަމަވެސް, ޖެއްސުން ކުރުމާއި, މައްލަވަ ކުރުމާއި, އަނެކުންގެ އަބުރާ އިއްޒަތަކީ ތިމާމެންގެ ކުރިމަތީގައި އަގެއްހުރި އެއްޗަކަށް ނުވެ, މަގުމަތީ ކޯޓު ހަދައިގެން ހުކުމްކޮށް, ކަނޑުގެ ގާނޫނު މިގައުމުގައި ހިންގުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ މެމްބަރުންގެ އިންސާފު ކަމުގައިވެ, އެއީ ސުޕަރ މެޖޯރިޓީން ގައުމު ހިންގާނޭ ގޮތުގެ ފުރިހަމަ މިސާލެއްކަމުގައި އެކަން ވެގެން ދިއުމުން, ގައުމުގެ ހާލަތާމެދު ކޮންމެ ބޭފުޅަކުވެސް ވިސްނަވާ, އަމިއްލަފުޅު ވިސްނުމުގެ ތަރާދުން އެކަން ވަޒަން ކޮށްލައްވާށެވެ.