ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒް މުސާރަ ލިބޭގޮތަށް ގިނަ ޒިންމާތަކުން އެކަހެރި ކޮށްފި!

ދިޔަވަރު
ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒް މުސާރަ ލިބޭގޮތަށް ގިނަ ޒިންމާތަކުން އެކަހެރި ކޮށްފި!

މިނިސްޓަރުން ފެންވަރުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް އައްޔަން ކޮށްފައިވާ, މާލޭ ސިޓީގެ ކުރީގެ މެމްބަރު އާދަމް ރަމީޒު މުސާރަ ލިބޭގޮތަށް ޒިންމާތަކުގެ އެކަހެރި ކޮށްފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒު މަސައްކަތުން އެކަހެރި ކޮށްފައިވަނީ, މުއިއްޒުގެ ނަން ބޭނުން ކޮށްގެން ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބައެއް ކެނޑިޑޭޓުންނާއި މުއާމަލާތު ކުރުމުގެ މައްސަލައެއްގައެވެ. ރަމީޒް ގިނަ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި, ތިމަރަފުށި ދައިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ސަންޓޯއަށް ސިއްރިޔާތުގައި ތާއީދު ހޯދުމަށް ރަމީޒް މަސައްކަތް ކުރުންވެސް ހިމެނޭކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ފާއިތުވި މަޖިލިސް އިންތިޚާބުގައި ތިމަރަފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ސަންޓޯއަށް މުއިއްޒު ތާއީދު ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މުއިއްޒު ތާއީދު ކޮށްފައިވަނީ އެދާއިރާއަށް ޥާދަކުރެއްވި އަހުމަދު ރިޔާޒަށެވެ. އޭނާއަކީ އޭނާ ކުރިން އެޑިއުކޭޝަން މިނިސްޓްރީގަ މަސައްކަތް ކުރިއިރު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޮތް ފަރާތެކެވެ.

މީގެ އިތުރުންވެސް, ފާއިތުވި މަޖިލިސް އިންތިޚާބުގައި މުއިއްޒުގެ ތާއީދު ހޯދާދޭނެކަމަށް ވައުދުވެ ރަމީޒް ބައެއް ކެނޑިޑޭޓުން އަތުން ފައިސަ ނަގާފައިވާކަން ސާބިތުވެފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާ މައުލޫމާތު ހިއްސާކުރި މި ސަރުކަރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރަމީޒްއަކީ މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުނެވިއިރު, މުއިއްޒު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކުގެ އެންމެ އަޑީގައި ހުންނެވި ފަރާތެވެ. އެގޮތުން ނުއަގުގައި މާލޭގެ ބިންތައް ކޮރަޕްޝަންގެ އުސޫލުން މީހުންނަށް ދިނުމާއި އަދި އެނޫނަސް މާލޭ ސިޓީން ދޭ ޚިދުމަތްތަކުން މުއިއްޒު ނެންގެވި "ކޮމިޝަން"ތަކާއި "ކަޓު"ތަކަށް އަމަލީ ސިފަ ގެނައުމުގައި މުއިއްޒުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ ރަމީޒެވެ.

އަދި އޭގެ އިތުރުންވެސް 54 މިލިއަން ދިވެހި ރުފިޔާ ޚަރަދު ކޮށްގެން އެމްޑީޕީގެ 13 މެމްބަރަކު ގަތުމާއި, ދާދިފަހުން ސަރުކާރުން ގަނެފައިވާ ޑްރޯންގެ މުއާމަލާތުން މުއިއްޒުގެ ނެންގެވި ރިޝްވަތުގެ ފައިސާ ނެގުމުގައިވެސް އަމަލީގޮތުން އުޅުއްވާފައިވަނީ ރަމީޒްއެވެ.