ޚަބަރު

#ރިޕޯޓު: އެންމެ މުހިންމު ދެ ވުޒާރާގައި އިނގިރޭސިބަހަށް ކޮށި ދެ ވަޒީރުން! ބަހަށް ކޮށިވެ ދެވަޒީރުން ބޮލާފޮށާ އެޅެމުންދާއިރު, މުއިއްޒު ހުންނެވީ "ނުދަންނަ މީހާ" ކަމަށް ހެދިގެން! މިއީ ގައުމު ގަންނަޖެހިފައިވާ ބޮޑު ލަދެއް! އެހާމެ ބޮޑު ގެއްލުމެއް!

ދިޔަވަރު
#ރިޕޯޓު: އެންމެ މުހިންމު ދެ ވުޒާރާގައި އިނގިރޭސިބަހަށް ކޮށި ދެ ވަޒީރުން! ބަހަށް ކޮށިވެ ދެވަޒީރުން ބޮލާފޮށާ އެޅެމުންދާއިރު, މުއިއްޒު ހުންނެވީ "ނުދަންނަ މީހާ" ކަމަށް ހެދިގެން! މިއީ ގައުމު ގަންނަޖެހިފައިވާ ބޮޑު ލަދެއް! އެހާމެ ބޮޑު ގެއްލުމެއް!

ކޮންމެ ގައުމެއްގައިވެސް އާ ސަރުކާރެއް އިންތިޚާބު ވުމާއެކު, ހުރުން މުހިންމު ވުޒާރާތަކެއް ހުރެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް މުވައްސަސާއަކީ ޚާރިޖީ ވުޒާރާއެވެ. ދެން އެންމެ ފާހަގަ ކޮށްލެވެނީ ދައުލަތުގެ މާލީ ފުދުންތެރިކަމާ ގުޅުންހުރި ވުޒާރާތަކެވެ. އެގޮތުން ރާއްޖެއަށް އިގްތިސާދާ ގުޅުންހުރި އެންމެ މުހިންމު އެއް ވުޒާރާއަކަށް ވެގެން ދަނީ ފަތުރުވެރިކަމާބެހޭ ވުޒާރާއެއެވެ. އޭގެ އެއް ސަބަބަކީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަށްވާތީވެސްމެއެވެ. މިދެވުޒާރާއަކީވެސް ބޭރުދުނިޔެއާއި ގުޅިލާމެހިފައިވާ ދެ ވުޒާރާއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާ!

ފަތުރިވެރިކަމުގެ ވުޒާރާއިން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިސްތުހާރުކޮށް, ފަތުރުވެރިން ރާއްޖެއަށް ހުއްޓުމެއްނެތި އައުން ކަށަވަރުކޮށް, އަދި މި ސިނާއަތަށް އިންވެސްޓަރުން ހޯދުމުގެ މުހިންމު މަސައްކަތެވެ. މިމަސައްކަތަކީ ބޭރު ދުނިޔެއާއި ގުޅި ލާމެހިގެން މެނުވީ ނުކުރެވޭނެ މަސައްކަތެކެވެ. ނަތީޖާއެއްގެ ގޮތުން މި ވުޒާރާ ހިންގެވުމާ ހަވާލުވާ ބޭފުޅަކު ބައިނަލްއަގުވާމީ އެކި ފޯރަމްތަލުގައި ރާއްޖެ ތަމްސީލު ކުރާންޖެހެއެވެ. ދުނިޔޭގެ ވެރިންނާއި, ވިޔަފާރަވެރިންނާއި ގިނަގުނަ މުއާމަލާތުތައް ކުރާން ޖެހެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރަށް އެކަށީގެންވާ ގޮތުގައި މި މުއާމަލާތު ނުކުރެވޭނަމަ އޭގެ ނޭދެވޭ އަސަރު މުޅި ސިނާއަތަށް ކުރާނެއެވެ. މުހިއްމު ބައްދަލުވުންތަކުގެ މަގުސަދު ހާސިލެއް ނުވާނެއެވެ. ފޯރުކޮށްދޭންޖެހޭ މެސެޖް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭނެއެވެ.

ފާއިތުވެދިޔަ ސަރުކާރުތަކުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ވަޒީރުން އައްޔަން ކުރެއްވީ މިއުސޫލުން ވިސްނަވާފަކަމަށް ބެލެވެއެވެ. އެންމެ ފަހުން އައި ސަރުކާރުގައި, އެމްޑީޕީގެ ވެރިކަމުގައި ފަތުރިވެރިކަމާބެހޭ ވަޒީރަކަށް ހުންނެވި ޑރ. މައުސޫމަކީ ދާއިރާގެ ތަޖުރިބާހުރި, ރަގަޅަށް މުއާމަލާތު ކުރުމުގެ ގާބިލްކަން ހުރި ފަރާތެކެވެ. މައުސޫމުވަނީ އެމަގުން ތަފާތު ދައްކަވާފައެވެ.

އެއާ ޚިލާފަށް މިސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރަކަށް ހުންނެވި, މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް ފާހަގަވެގެން ދަނީ އިނގިރޭސިބަހުން މުއާމަލާތު ކުރާން ނުދަންނަ, ގައުމުން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައިވެސް, ބޮލާފޮށާއެލި, ގައުމު ލަދު ގަންނުވާލަމުންދާ ފަރާތެއްގެ ގޮތުގައެވެ.

ޚާރިޖީ ވުޒާރާ!

ހަމަ އެބީދައިން ކޮންމެ ގައުމެއްގެވެސް ފޮރިން މިނިސްޓަރއަކީ ގައުމުން ބޭރުގައި އެގައުމެއް ތަމްސީލުކުރާ އެންމެ މުހިންމު ވުޒާރާއެވެ. އެއީ ގައުމުގެ މޫނުމައްޗެވެ. އެގޮތުން, ދައުލަތުގެ އެހެން ގިނަ ވުޒާރާތަކާއި ޚިލާފަށް, ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފުން ވެގެން ދަނީ, ތައުލީމީ ގޮތުންނާއި ގާބިލްކަމުގެ ގޮތުންވެސް ތަފާތު މުވައްޒަފުންތަކެއް ކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިނގިރޭސިބަހުން މުއާމަލާތު ކުރުމުގެ ފެންވަރު ރަގަޅުވާން ޖެހެއެވެ. އެއީ ދުވަހުން ދުވަހަށް ކުރާންޖެހޭ މުއާމަލާތުތަކުގެ ގޮތުންނެވެ. ގައުމުން ބޭރުގަ އެކިއެކި ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރަން ޖެހޭތީއެވެ. ޑިޕްލޮމޭޓުންނާއި ބައްދަލުކޮށް ގައުމު ހާލަތުގެ ވާހަކަތައް ބަޔާންކޮށްދޭން ޖެހޭތީއެވެ.

އެގޮތުން, ޚާރިޖީ ވަޒީރަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި މިދެންނެވުނު ގާބިލްކަން ވަކީން ބޮޑަށް ފުރިހަމަވާން ޖެހެއެވެ. އިނގިރޭސިބަހަށް ފަރިތަވުމުގެ އިތުރުން, ޑިޕްލޮމެޓިކް ލޭންގުއޭޖް އެގެން ޖެހެއެވެ. އެގިގައުމުތަކުގެ ވެރިންނަށާއި އިސް ޑިޕްލޮމޭޓުންނަށް އިހުތިރާމް އަދާކުރަންޖެހޭ ގޮތާއި, ދައްކަންޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަވެސް އެގެން ޖެހޭނެއެވެ. ހަމައެއާއެކު ދައްކާވަހަކަ ދައްކާލަން ރަގަޅަށް އެގުމުގެ އިތުރުން, ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން އިނގިރޭސިބަހުން ދައްކާވާހަކަ ވަރަށްވެސް ރަގަޅަށް ފަހުމްވެސް ވާން ޖެހެއެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި ޚާރިޖީ ވަޒީރަކީ ވަރަށް ގިނަ ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރާ އެންމެ އިސް ޑިޕްލޮމޭޓެވެ. އޭގެ އެންމެ ފުރިހަމަ މިސާލެއް ފެނިގެން ދިޔައީ, ރައީސް ސާލިހުގެ ވެރިކަމުގަ އޭރުގެ ޚާރިޖީ ވަޒީރު އަބުދުالله ޝާހިދު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރުމުގައި އަދާކުރެއްވި މުހިންމު ދައުރެވެ.

ޝާހިދު ވަނީ ޔޫއެންގެ އާންމު މަޖިލިހުގެ ރައީސްކަން ކުރައްވާ, ދިވެހިރާއްޖޭގެ އެންމެ އިސް ޑިޕްލޮމޭޓެއްގެ ދައުރު ވަރަށްވެސް ފުރިހަމައަށް އަދާކުރައްވާ, ގާބިލްކަމާއެކު ގައުމު ތަމްސީލުވެސް ކޮށްދެއްވާފައެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް, ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޚާރިޖީ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި މޫސާ ޒަމީރު ޚާރިޖީ ވުޒާރާއާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިޕްލެމޭޓުންނާއި މުއާމަލާތު

ކުރުމުގައި އިނގިރޭސިބަހަށް ނުފަރިތަ ވުމާއި, އަދި ދުނިޔޭގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި މުއާމަލާތު ކުރެއްވުމުގައި ގެންގުޅުއްވަންޖެހޭ ޑިޕްލޮމެޓިކް ބަހުރުވަ ރަގަޅަށް އެނގިވަޑައިނުގަތުމުގެ ސަބަބުން ފޮރިން މިނިސްޓްރީގެ ރަސްމީ މުއާމަލާތްތަކުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުން ފޮރިން މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.

އެގޮތުން ފޮރިން މިނިސްޓްރީގެ މުވައްޒަފުން ވިދާޅުވާ ގޮތުގައި, ޒަމީރު އިނގިރޭސިބަހަށް ކޮށި ވުމުގެ ސަބަބުން ބައެއް ޑިޕްލޮމޭޓުންނަށް ވާނުވާ އޮޅުން ނުފިލާ ހިސާބަށްވެސް ހާލަތު ގޮސްފައި އެބަހުއްޓެވެ.

އިނގިރޭސިބަހަށް ނުފަރިތަ ވުމުން "ދަނޑިމާރު ލައިގެން" އެބަހުން ވާހަކަ ދައްކާން ޖެހޭތަ?

މި ސަރުކާރުގެ ފޮރިން މިނިސްޓަރ ޒަމީރަކީ އެއްވެސް އިރަކު ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިނުވާ, އެދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނުވާ ފަރާތެއްކަންކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ. ހަމަ އެބީދައިން, ފަތުރުވެރިކަމާބެހޭ ވަޒީރު މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލްއަކީ ރަސްމީ އެއްވެސް ތައުލީމެއް ލިބިފައިވާ މީހެއް ނޫނެވެ.

އޭގެ އިތުރަށް އޭނާއަކީ މީގެކުރިން ތެޔޮބިޑި ޖައްސަމުން އައި "ޕާޓޭ"އެއް ކަމުގައިވެސް އޭނާ ދަންނަ ފަރާތްތަކުން ބުނެއެވެ.

މައްސަލައެއް ނެތެވެ. ސިނާއަތުގެ އެތައްބަޔަކު އޭނާ ވަޒީރުކަމަށް ނުގެނައުމަށް އާދޭސް ކުރަމުންދަނިކޮށް, އަބުދުއްރަހީމްގެ ނުފޫޒުން އޭނާ ވަޒީރުކަމަށް އައީއެވެ.

އެހެންނަމަވެސް, ދިވެހިރާއްޖެއަކީ ތައުލީމީ އެތައް ޒުވާނުންނެއް ތިބި, އަދި އުފެދި ބޮޑުވަމުންދާ ޖީލު އިނގިރޭސިބަހަށް ފަރިތަ ގައުމެކެވެ. މިފަދަ ގައުމެއްގެ ފަތުރުވެރިކަމާބެހޭ ވަޒީރު ބޮލާ ފޮށާއެޅި, ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ ހާލަތުގައި ހުރެ މިރާއްޖެ ތަމްސީލު ކުރަމުންދިއުމަކީ މިއަދު ގައުމަށް ގަންނަންޖެހިފައިވާ އެންމެ ބޮޑު ލަދެކެވެ.

އަދި މިކަމަށް ފަރުވާލެއް ނުބަހައްޓާ, ރައީސް މުއިއްޒު "ނުދަންނަ މީހާ" ކަމުގައި ހެދިގެން ހުންނެވުމަކީވެސް އެހާމެ ބޮޑު އިހުމާލެކެވެ. ހަތަރެސްފައި ބަނދެވިފައި ހުރި ރައީސެއްގެ ހާލަތުގައި މުއިއްޒު ހުންނަވަން ޖެހިވަޑައިގަތުމަކީ ވަރަށް ބޮޑު ގައުމީ މައްސަލައެކެވެ.

އާދޭހެވެ! އިނގިރޭސި ބަސް ނޭގުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެހަގީގަތް ތިމާމެން ގަބޫކުރަން ބޭނުން ނުވުމެވެ. ތިމާމެންގެ ހާލަތު ވަޒަން ނުކުރެވުމެވެ. ބޭރު ދުނިޔޭގައި އެހާލަތު ކުރިމަތިވުމުން ވަޒީރުންނާއި ރައީސުން ތަރުޖަމާނުންގެ އެހީ ހޯއްދަވައެވެ. އެއީ, ތިމާގެ ދުލުން ކިޔޭ ނުކިޔޭއެއް ނޭނގޭ ހާލަތުގައި ހުރެ ގައުމެއް ތަމްސީލު ނުކުރެވޭނެތީއެވެ. ނުފޯރާފޮތިން ފޫގެޅީމާ ގަންނަންޖެހޭ ލަދުގެ ބޮޑުކަމާއި, ތިމާއާއި ގައުމުގެ ކަރާމާތް ގެއްލިގެންދާނެތީއެވެ.

ދުނިޔޭގެ ގައުމުތަކުގެ ބައެއް ވަޒީރުންނާއި އަދި ގައުމުތަކުގެ ވެރިންވެސް އިނގިރޭސިބަހަށް ފަރިތަ ނުވުމަކީ އާކަމެއް ނޫނެވެ. އެމައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ ހާލަތްތަކުގައި އެބޭބޭފުޅުން އިންޓަރޕްރިޓަރއިން (ތަރުޖަމާނުން) ގެންގުޅުއްވައެވެ. އެބޭބޭފުޅުން މުއާމަލާތު ކުރައްވަނީ ތަރުޖަމާނުން ބޭނުން ކޮށްގެންނެވެ.

އެހެންނަމަވެސް އެއާއި ޚިލާފަށް ރާއްޖެއިން ފެންނަމުން މިދަނީ އެއާއި މުޅިން ތަފާތު މަންޒަރެކެވެ. އިނގިރޭސިބަހުން ރަގަޅަށް މުއާމަލާތު ކުރަން ނޭނގުނު ނަމަވެސް, އަދި އޭގެ މުގާބިލުގައި ބޭރުގެ ޑިޕްލޮމެޓުންގެ ކުރިމަތީގައި ގައުމު ބަދުނާމްވެގެން ދިޔަނަމަވެސް, ފެންނަމުން މިދަނީ, އެކަން ވަރިހަމަ ކޮށްލައްވައިގެން, ޚާރިޖީ ވަޒީރުއާއި ފަތުރުވެރިކަމާބެހޭ ވަޒީރު ގޮތް ދޫނުކުރައްވާ, ގައުމު ލަދުގަންނުވަމުން ގެންދަވާ މަންޒަރެވެ.

އެެހެންނަމަވެސް, ކޮންމެ ދާއިރާއަކަށްވެސް, އެދާއިރާއަކާ ގުޅޭ, ގާބިލް ވަޒީރުން ކެބިނެޓަށް ލެއްވުމަކީ ރައީސް މުއިއްޒުގެ މައްޗަށް ގާނޫނީގޮތުން ލާޒިމްވެފައި އޮތް ކަމެއްކަމުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މިއީ ރައީސް މުއިއްޒު މިހާރުން މިހާރަށް ހައްލު ކުރާންޖެހިގައިވާ ގައުމީ ބޮޑު މައްސަލައެކެވެ.