ޚަބަރު

އަނިޔާވެރި ޔަހޫދީ ގާތިލުން ރާއްޖެއަށް އެތެރެވުން މިސަރުކާރުން ހުއްދަ ކޮށްފައި އޮތް އޮތުމަށް ޝައިޚު ޒައިދުގެ ތާއީދު!

ދިޔަވަރު
އަނިޔާވެރި ޔަހޫދީ ގާތިލުން ރާއްޖެއަށް އެތެރެވުން މިސަރުކާރުން ހުއްދަ ކޮށްފައި އޮތް އޮތުމަށް ޝައިޚު ޒައިދުގެ ތާއީދު!

ފަލަސްތީނުގެ ރައްޔިތުން ގަތުލުކޮށް ޝަހީދު ކުރަމުންދާ އަނިޔާވެރި ޔަހޫދީ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާ ނުކުރެވިދާނެ ހާލަތްތަކެއްވެސް ހުރެދާނެކަމަށް ވިދާޅުވީ, ޔަހޫދީ ގާތިލުން ރާއްޖެ އެތެރެވުމަށް މިސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތަށް ދީނި އިލްމުވެރިޔާ ޝައިޚު ޒައިދު ތައުރީފް ކޮށްފިއެވެ.

އެގޮތުން ޒައިދު ކުރެއްވި އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވީ ރާއްޖެއަށް ޔަހޫދީ ގާތިލުން އެތެރެވުން މިސަރުކާރުން މަނާނުކޮށް އޮތީ އެކަން ކުރަން އެއްވެސް ފުރުސަތެއް ނެތިގެން ކަމުގައެވެ. ޒައިދުގެ އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ޤަބޫލު ކުރެވެނީ އިޒްރޭލު ޕާސްޕޯޓް މަނާކުރެވޭނެ ހުރިހާ ގޮތެއް އޮތްތޯ މުއިއްޒު ބައްލަވާނެކަމަށާއި, ކިރިޔާވެސް އެކަން ކުރެވެން އޮތްނަމަ މުޢިއްޒު އެކަން ނުކުރައްވައި ދޫނުކުރައްވާނެކަމަށެވެ.

ރާއްޖެއަށް ޔަހޫދީން އެތެރެވުން ނުހުއްޓުވާ މިސަރުކާރުން ގެންގުޅެމުންދާ ސިޔާސަތަށް ޒައިދު ތައުރީފް ކޮށްފައިވާއިރު, އޭނާ ވަނީ މީގެ ކުރީގެ ސަރުކަރުން ޔަހޫދީން އެތެރެއިން ނުހުއްޓުވައިގެން އެ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ފާއިތުވި ނޮވެމްބަރުމަހު، ރައީސް މުއިއްޒުއަށް ސިޓީ ފޮނުވިތާ 5 މަސްވެގެންދިޔައިރުވެސް, އެސީޓީއަށް މިއަދާއި ހަމައަށްވެސް މުއިއްޒު ޖަވާބު ދެއްވާފައި ނުވާއިރު, ދިވެހި ރައްޔިތުންގެ ޝަކުވާތަކާއެކުވެސް, ދިވެހިރާއްޖޭގެ ބޯޑަރުތައް އަނިޔާވެރި ޔަހޫދީންނަށް ރައީސް މުއިއްޒުވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ހުޅުވާލާފައެވެ.

އެގޮތުން އިސްރާއީލު ސިފައިން ރާއްޖެ އަންނަމުން ދަނީ އެގައުމުގައި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށްފަހު, ލިބޭ ޗުއްޓީތަކުގައި އެމީހުންގެ އާއިލާތަކާވެސް އެކުގައިކަމަށްވެސް އެނގިފައި ވެއެވެ.

ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގަތުލުކޮށް ޝަހީދުކޮށްލުމަށްފަހު, އާއިލާތަކާއެކީ އަރާމު ކޮށްލުމަށް މިރާއްޖެއަށް ޔަހޫދީ ގާތިލުން އަންނަމުންދާއިރުވެސް, ކުރީގެ ވެރިކަންތަކުގައި ދީން ހިމާޔަތްކުރުމުގެ ނަމުގައި އަޑު އުފުލަމުންދިޔަ, އަދި މިހާރުވެސް ފުޅާ ދާއިރާއެއްގައި ދީނީ މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ސަލަފް ޖަމިއްޔާއިންވެސް, މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުމާއި ދެކޮޅަށް އެއްވެސް ވަރަކަށް އަޑު އުފުލާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި, ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް މިސަރުކާރަށް, ދީނީ އިލްމުވެރިޔާ ޒައިދު ފަދައިން, ސަލަފް ޖަމިއްޔާއިންވެސް އެއްވެސް ވަރަކަށް އިލްތިމާސްކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ސަލަފު ޖަމިއްޔާއިންވެސް ގެންދިޔައީ އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ތަކުރާރުކޮށް އެ ސަރުކާރަށް އިލްތިމާސްކޮށް, އަދި އެ މައުޟޫއަށް ދީނީ ދަރުސްތައްވެސް ދެމުންނެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ އަދި ދެޖިންސު މަސްހުނިވެގެން ބާއްވާ މިއުޒިކު އާންމުކޮށް, ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަރުކާރަށް ތާއީދުކުރާ ދީނީ އިލްމުވެރިންނާއި, ސަލަފް ޖަމިއްޔާގެ ވެރިންވެސް މިހާތަނަށް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރުން ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.

އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ދީނީ ބައެއް އިލްމުވެރިންނާއި ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނު ތިބެމުންނެވެ.