ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެންނަން ގިނަ ޖަރީމާތަކެއް ހިނގި މޭސްތިރިން ކަމަށްވާ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމުގައި ތިއްބެވި ސުޕަރ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒް (ރަމީ) އަދި ޢަބްދުﷲ ނާޞިރު (ހެރިންސް އައްލޮ) އަށް ފެނު ކައްކާ ބޮލީގެ އިއްޒަތް އަރުވައިފިއެވެ.
މުއުތަބަރު ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މިހާރު ރައީސް މުޢިއްޒު ވަނީ އާދަމް ރަމީޒް (ރަމީ) އަދި ޢަބްދުﷲ ނާޞިރު (ހެރިންސް އައްލޮ) ވާހަކަ ދެއްކުން ވެސް ހުއްޓާލާފައިއެވެ. އަދި އެ މީހުންނަށް ރައީސް އޮފީހުގައި ރައީސް އުޅޭ ސަރަހައްދުތަކަށް ނުވަދެވޭހެން ހުއްދަތައްވެސް ވަނީ ކަނޑާލާފައި އެވެ. މިހާރު ރަމީޒުއާއި އައްލޮ މެދުވެރިކޮށް ފޮނުވާފައި ހުރި ހުރިހާ ރިކުއެސްޓްތަކެއްވެސް ހުއްޓާފައި ބާއްވަން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް އަށް ރައީސް މުއިއްޒު ވަނީ އަނގަވާފައެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރަން ރައީސް މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިސް ފަރާތަކަށް ގުޅާލުމުން ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ރަމީޒް އާއި ޢަބްދުﷲ ނާޞިރު އެހެލާފައިވަނީ ފުލުހުން މެދުވެރިކޮށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިޙްސާން ލިޔުނު އިންޓެލިޖަންސް ރިޕޯޓުތަކަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޓެލިޖެންސް ރިޕޯޓަކީ ކޮންމެ ވެރިކަމެއްގައިވެސް ފުލުހުން ކުރު ވާހަކައެއް ގޮތައް އޭރެއްގައި ހުންނަ މިނިސްޓަރަކަށް ބޭނުން ގޮތަކަށް ވަރަށް ފުރިހަމަޔަށް ލިޔެދޭ ކުރު ވާހަކައެކެވެ. މިކަމާއި ގުޅިގެން ދިޔަވަރު ނޫހުން އާދަމް ރަމީޒް (ރަމީ) އަދި ޢަބްދުﷲ ނާޞިރު (ހެރިންސް އައްލޮ)ގެ ބަހެއް ލިބޭތޯ ގުޅަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މީގެ އިތުރުންވެސް, ފާއިތުވި މަޖިލިސް އިންތިޚާބުގައި މުއިއްޒުގެ ތާއީދު ހޯދާދޭނެކަމަށް ވައުދުވެ ރަމީޒް ބައެއް ކެނޑިޑޭޓުން އަތުން ފައިސަ ނަގާފައިވާކަން ސާބިތުވެފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އާ މައުލޫމާތު ހިއްސާކުރި މި ސަރުކަރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ރަމީޒްއާއި ހެރިންސް އައްލޮ އަކީ މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުނެވިއިރު, މުއިއްޒު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކުގެ އެންމެ އަޑީގައި ތިބި ދެބޭފުޅުންނެވެ. އެގޮތުން ނުއަގުގައި މާލޭގެ ބިންތައް ކޮރަޕްޝަންގެ އުސޫލުން މީހުންނަށް ދިނުމާއި އަދި އެނޫނަސް މާލޭ ސިޓީން ދޭ ޚިދުމަތްތަކުން މުއިއްޒު ނެންގެވި ”ކޮމިޝަން“ތަކާއި ”ކަޓު“ތަކަށް އަމަލީ ސިފަ ގެނައުމުގައި މުއިއްޒުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ މި ދެބޭފުޅުންނެވެ.
އަދި އޭގެ އިތުރުންވެސް 54 މިލިއަން ދިވެހި ރުފިޔާ ޚަރަދު ކޮށްގެން އެމްޑީޕީގެ 13 މެމްބަރަކު ގަތުމާއި, ދާދިފަހުން ސަރުކާރުން ގަނެފައިވާ ޑްރޯންގެ މުއާމަލާތުން މުއިއްޒުގެ ނެންގެވި ރިޝްވަތުގެ ފައިސާ ނެގުމުގައި އަމަލީގޮތުން އުޅުއްވާފައިވަނީ ރަމީޒްއެވެ.