ސަޕްލައި ހުސްވެ, ޑެންގީއާއި ޗިކެންގުންޔާއަށް ހުޅުމާލޭގައި ޓެސްޓު ކުރެވޭނެ ގޮތެއް ނެތްތާ 2 ދުވަސް ވެފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އާއި ހުޅުމާލެ ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގެ ސަޕްލައި ހުސްވެ ޑެންގީއާއި ޗިކެންގުންޔާއަށް ޓެސްޓު ނުކުރެވޭތާ މިހާރު 2 ދުވަސް ވެފައިވާ ކަމަށާއި, ޓްރީ ޓޮޕުންވެސް ޓެސްޓު ނުހެއްދޭތީ ހުޅުމާލެއިން ފެންނަމުންދާ ހުރިހާ ބަލިމީހުން މިހާރު ގެންދަންޖެހިފައިވަނީ މާލެއަށް ކަމަށެވެ.
އަދި ހުރިހާ ބަލިމީހުން ޓެސްޓު ހަދަން މާލެއަށް ގެންދަން ޖެހިފައިވާއިރު މާލޭގައިވެސް ސަޕްލައި ދަށްވެ, މިހާރު މެދި ނުކެނޑި ޓެސްޓް ހެދެންހުރީ އެންމެ ދުވަހަކަށް ނުވަތަ ގިނަވެގެން ދެ ދުވަހަށް ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ސަޕްލައި ދަށްވެ, ހުޅުމާލެއިން ޓެސްޓް ހެދުން މެދު ކެނޑިފައިވާތާ 2 ދުވަސް ވެފައިވާއިރު, ސަރުކާރުން މިމައުލޫމާތު މީޑިއާތަކާ ހިއްސާނުކޮށް ވަނީ ސިއްރު ކޮށްފައެވެ.
އެހެންނަމަވެސް ރާއްޖޭގައި ބާރު މިނުގައި ފެތުރެމުންދާ ޑެންގީ ހުން އެންމެ ގިނައިން ފެނިފައިވަނީ މާލެއާއި ހުޅުމާލެއިން ކަމުގައި އެޗްޕީއޭގެ ހިސާބުތަކުންވަނީ ދައްކާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަަހަރުގެ ޖެނުއަރީ މަހު 146، ފެބްރއަރީ 116، މާރްޗު 119، އޭޕްރީލް 239، އަދި މެއި މަހު 40 ކޭސް ވަނީ ފެނިފައިފައެވެ. މި އަހަރު މިއަދާއި ހަމައަށް ޖުމްލަ 660 ކޭސް ވަނީ ފެނިފައެވެ. އަދި 189 ކޭސް އާއި އެކު އެންމެ ގިނައިން މި ބަލި ފެނިފައިވަނީ މާލެ އާއި ހުޅުމާލެއިންނެވެ.
މާޗު މަހުގެ 21 އިން ފެށިގެން މިއަދާއި ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 660 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ ހާމަކޮށްފައިވެއެވެ. އަދި އޭޕްރީލް މަހު 28 އިން ފެށިގެން 4 މެއި އާއި ހަމައަށް ޑެންގީ ހުމުގެ ޖުމްލަ 40 ކޭސް ވަނީ ފެނިފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.
މީގެ އިތުރުން ޗިކެންގުންޔާގެ ބަލީގައި ޖުމްލަ 240 ކޭސް މިހާތަނަށް ފެނިފައިއެވެ. މިބަލި އެންމެ ގިނައިން ފެނިފައިވަނީ އޭޕްރީލް މަހު އެވެ. އެއީ ޖުމްލަ 117 ކޭސް އެވެ. އަދި 193 ކޭސް އާއި އެކު އެންމެ ގިނައިން މި ބަލި މިހާތަނަށް ފެނިފައިވަނީ މާލެ އިންނެވެ.
ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ އިން މަތިން ހުން ގަދަވުން، ގަދައަށް ބޮލާއި ގައިގައި ރިއްސުން، ހުޅުހުޅު ދުޅަވުން، ހުޅުހުޅުގައި ރިއްސުން އަދި ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
މާލޭ ސަރަހައްދުގައި ބާރު މިނުގައި ޑެންގީއާއި ޗިކެންގުންޔާ ފެތުރެމުންދާއިރު, މި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރަށް އަދިވެސް އެކަށީގެންގޮތެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.