ޚަބަރު

އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމުން ސަލަފް ޖަމިއްޔާގެ ސަމީރުގެ ޝުކުރު މުއިއްޒުއަށް! ޔަހޫދީ ގާތިލުން ރާއްޖޭގެ ގޮނޑުދޮށްތަކާއި, މޫދާއި ވިލުތަކުން އުފާ ހޯދުން މުއިއްޒު ހުއްދަ ކޮށްފަ އޮތް އޮތުން "އޯކޭ"!

ދިޔަވަރު
އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމުން ސަލަފް ޖަމިއްޔާގެ ސަމީރުގެ ޝުކުރު މުއިއްޒުއަށް! ޔަހޫދީ ގާތިލުން ރާއްޖޭގެ ގޮނޑުދޮށްތަކާއި, މޫދާއި ވިލުތަކުން އުފާ ހޯދުން މުއިއްޒު ހުއްދަ ކޮށްފަ އޮތް އޮތުން "އޯކޭ"!

ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާކަން ސަރުކާރު ހާމަކުރުމާއެކު, ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއްކަމުގައިވާ ސަލަފް ޖަމިއްޔާގެ އިސް އިސް ދީނީ އިލްމުވެރިއެއް ކަމުގައިވާ އަހުމަދު ސަމީރު ރައީސް މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމާ ގުޅޭގޮތުން ސަމީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ "ރާއްޖޭގައި ތިބި އުތުރުކަރައިގެ ޢަސްކަރީން ރާއްޖެއިން ބޭލުމީ ދިވެހި ޤައުމުދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ޝުކުރުވެރިވުން ޙައްޤު ކަމެއް" ކަމަށާއި, "މި ކަމުގައި ރައީސުލް ޖުމުހޫރިއްޔާ ގެންގުޅުއްވި ޙިކުމަތުޢަމަލީ އަަށް ޝުކުރު ދަންނަވަން" ކަމުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަކީ ސަލަފް ޖަމިއްޔާއިން ވަރަށް ބޮޑަށް ތައުރީފްކުރި ނަމަވެސް, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ފާއިތުވި ނޮވެމްބަރުމަހު، ރައީސް މުއިއްޒުއަށް ސިޓީ ފޮނުވިތާ 5 މަސްވެގެންދިޔައިރުވެސް, އެސީޓީއަށް މިއަދާއި ހަމައަށްވެސް މުއިއްޒު ޖަވާބު ދެއްވާފައި ނުވާއިރު, ދިވެހި ރައްޔިތުންގެ ޝަކުވާތަކާއެކުވެސް, ދިވެހިރާއްޖޭގެ ބޯޑަރުތައް އަނިޔާވެރި ޔަހޫދީންނަށް ރައީސް މުއިއްޒު އެއްވެސް ހިފެހެއްޓުމެއްނެތި ހުޅުވާލާފައި އޮންނަ އޮތުން އަހުމަދު ސަމީރުވެސް, އަދި ސަލަފް ޖަމިއްޔާއިންވެސް މިއަދާއި ހަމައަށްވެސް ކުށްވެރި ކޮށްފައެއް ނުވެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެދި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ކައިރިއަށް އާންމުން ފުރަތަމަ އެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ މީގެ 5 މަހެއްހާ ދުވަސްކުރިއެވެ.

ސިލްސިލާކޮށް ކުރިޔަށްދިޔަ އެ އަޑުއުފުލުންތަކަށްފަހު, ޕްރެޝަރު ބޮޑުވެ މަޖިލީހަށް ބިލުތަކާއި ގަރާރުތައްވެސް ހުށަހެޅި އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު މަހުގައި, މުއިއްޒު ހުވާ ކުރެއްވިފަހުން، ރައީސަށް ސިޓީ ފޮނުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ބޭއްވުނު މުޒާހިރާތަކަށް ފަހުއެވެ.

އެއާއެކު އޭރު ރައީސް އޮފީހުގެ ޕްރެސްތަކަށް އަރުއްވަމުން ގެންދެވި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމުގައެވެ.

އެހެންނަމަވެސް މިހާތަނަށްވެސް އިޒްރޭލު ރައްޔިތުން ރާއްޖެއައުން މި ސަރުކާރުން މަނާކޮށްފައެއް ނުވެއެވެ. އަދި ރާއްޖެއަށް އިސްރާއީލު ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް އެއްވެސް ހުރަހެއް ނެތި އަންނަމުންދާއިރު, އޭގެ ތެރޭގައި އިސްރާއީލު އަނިޔާވެރި ސިފައިންވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން އިސްރާއީލު ސިފައިން އަންނަނީ އެގައުމުގައި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށްފަހު, ލިބޭ ޗުއްޓީތަކުގައި އިސްރާއީލު ސިފައިން އެމީހުންގެ އާއިލާތަކާވެސް އެކުގައިކަމަށްވެސް އެނގިފައި ވެއެވެ.

ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގަތުލުކޮށް ޝަހީދުކޮށްލުމަށްފަހު, އާއިލާތަކާއެކީ އަރާމު ކޮށްލުމަށް މިރާއްޖެއަށް ޔަހޫދީ ގާތިލުން އަންނަމުންދާއިރުވެސް, ކުރީގެ ވެރިކަންތަކުގައި ދީން ހިމާޔަތްކުރުމުގެ ނަމުގައި އަޑު އުފުލަމުންދިޔަ, އަދި މިހާރުވެސް ފުޅާ ދާއިރާއެއްގައި ދީނީ މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ސަލަފް ޖަމިއްޔާ, މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, އިސްރާއީލު ރައްޔިތުން ރާއްޖެ އެތެރެވުމާއި ދެކޮޅަށް އެއްވެސް ވަރަކަށް އަޑު އުފުލާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މި ޖަމިއްޔާއަކީ އަހުމަދު ސަމީރު އިސްކޮށް ހަރަކާތްތެރިވަމުންދާ ޖަމިއްޔާއެކެވެ.

އަދި, ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް މިސަރުކާރަށް ސަލަފް ޖަމިއްޔާއިން އެއްވެސް ވަރަކަށް އިލްތިމާސްކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި މިޖަމިއްޔާއިން ގެންދިޔައީ އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ތަކުރާރުކޮށް އެ ސަރުކާރަށް އިލްތިމާސްކޮށް, އަދި އެ މައުޟޫއަށް ދީނީ ދަރުސްތައްވެސް ދެމުންނެވެ. އެ ހަރަކާތްތަކުގައިވެސް އޭރު އަހުމަދު ސަމީރުވެސް އިސްކޮށް ހަރަކާތްތެރިވެ, އޭރުގެ ސަރުކާރަށް އޭނާވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ އަދި ދެޖިންސު މަސްހުނިވެގެން ބާއްވާ މިއުޒިކު އާންމުކޮށް, ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަލަފް ޖަމިއްޔާގެ ވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރުން ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.

އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.