ދިވެހިރާއްޖެއާއި އިންޑިއާދެމެދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް, މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ޒަމީރު އިންޑިއާއަށް ވަޑައިގަތުމުން, އިންޑިއާއިން އޭނާއަށް ކިޔާފައި ވަނީ ފިނި މަރުހަބާއެކެވެ.
އެގޮތުން ޒަމީރު އިންޑިއާއަށް ވަޑައިގަތުމުން އެއަރޕޯޓުން އޭނާއަށް ރަސްމީ މަރުޙަބާއެއް ކިޔާފައި ނުވާއިރު, ޒަމީރު ރިސީވް ކުރުމަށްވެސް އެއަރޕޯޓަށް މިނިސްޓީރިއަލް ފެންވަރުގެ ބޭފުޅަކު ވަޑައިގެންފައެއް ނުވެއެވެ.
އަދި ޒަމީރު މުޅި ދަތުރުގައިވެސް ހަމައެކަނި ހިމެނުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައި ޝަންކަރުއާ ބައްދަލު ކުރެއްވުން އެކަންޏެވެ. އެއަށްފަހު އިންޑިއާ ދަތުރު ނިންމާލުމަށްފަހު ޒަމީރު މާލެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
“ދިޔަވަރު އޮންލައިން”އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހެން ބައެއް އިސް އޮފިޝަލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ހޯދުމަށްވެސް ފޮރިން މިނިސްޓްރީން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފިޔަވާ އެހެން އެއްވެސް އޮފިޝަލަކާ ބައްދަލުކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރު ދީފައެއް ނުވެއެވެ.
އޭގެ އިތުރުން ރަސްމީ ވާހަކަ ތަކުގައި ޒަމީރުވަނީ އިންޑިއާގެ ލޯންތައް ރީ ޝެޑިއުލް ކޮށްދިނުމަށްވެސް އިންޑިއާގެ ކިބައިން އެދިފައެވެ. އަދި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށްވެސް ޒަމީރު އިންޑިއާއަށް ހުށަހަޅިއެވެ. މިއިން އެއްވެސް ކަމަކަށް, އިއްޔެ ބޭއްވުނު ރަސްމީ ވާހަކަތަކުގައި އިންޑިއާއިން އިޖާބަ ދީފައެއް ނުވެއެވެ.
އިންޑިއާއިން އިއްޔެވެސް ވަނީ, އިންޑިއާއިން ރާއްޖެއަށް ބުލީ ކުރާކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ސީދާ ރައީސް މުއިއްޒު މާފަށް އެދުމަށް އިންޑިއާއިން ބޭނުންވާކަން ހާމަކޮށްފައެވެ.
އޭގެ ބަދަލުގައި މީޑިއާގައި, އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމަށް ޒަމީރު ވިދާޅުވި ނަމަވެސް, މި ސަރުކާރުން ރަސްމީކޮށް މާފަށް ނޭދެނީސް ދެގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް ނުދާނޭކަމަށްވެސް އިންޑިއާއިން ޒަމީރަށް ދަންނަވާފައި ވެއެވެ.
ހަމަ އެއާއެކު, ޗައިނާއިން އިންޑިއާ ކަނޑުގައި ޖާސޫސް ކުރުމަށް ރާއްޖެއިން ފުރުސަތު ދިނުމާއި, ޗައިނާއާއެކު ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އިންޑިއާކަނޑުގެ މަސްލަހަތު ގެއްލެމުންދާކަންވެސް ރަސްމީ ވާހަކަތަކުގައި އިންޑިއާއިން ފާހަގަކޮށްފައިވެއެވެ.
މިއިން އެއްވެސް މައްސަލައަކަށް ޒަމީރަށް ޖަވާބެއް ދެވިފައި ނުވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.
ޒަމީރުގެ އިންޑިއާ ދަތުރުގައި "ދެބޯގެރި" ދުއްވުމަށް ޒަމީރު މަސައްކަތް ކޮށްފައިވާކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން މިދަތުރު ސިފަކޮށްފައިވެއެވެ. އޭގެ ސަބަބަކީ ޗައިނާގެ ގޮނޑި ކޮއްކޮ ސަރުކާރެއްގެ ގޮތުގައި އޮވެމެ, އިންޑިއާގެ ރުހުން ހޯދަން މިސާރުކާރުން މިހާރު މަސައްކަތް ކުރަމުންދާކަމަށް އިންޑިއާއިން ދެކެމުންދާތީކަމަށްވެސް އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.