ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލާފައިވާކަމަށް ބުނެ, މި ސަރުކާރުން ދޮގުހަދާ އޮޅުވާލާފައިވާކަން ހާމަ ވެއްޖެއެވެ. އެކަން ހާމަވީ މިހާރުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބަކަމަށާއި, އެމީހުން މަސައްކަތް ކުރަމުންދަނީ ސެނެހިޔާގައި ކަމަށް ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އެއްބަސްވެވަޑައިގަތުމުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ސެނަހިޔާގައި ތިއްބެވީ ސެޕްޓެމްބަރު 10، 2012 ގައި އެމްއެންޑީއެފްގެ އެދުމުގެ މަތިން އިންޑިއާ އިން ފޮނުވި ޑޮކްޓަރުންތަކެއް ކަމަށެވެ.
އަދި އެމީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަނީ ވަރަށް ކުރު މުއްދަތަކަށް ދޫކޮށްފައިވާ ވިސާއެއްގައި ކަމަށާއި ވިސާ ހަމަވުމުން އާ ޑޮކްޓަރުން ރޮޓޭޓްވާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. ޢައްސާން ވިދާޅުވީ އެމީހުންނަކީ އަސްކަރީ ދައުރެއް އޮތް ބައެއް ނޫންކަމުގައެވެ.
އެހެންނަމަވެސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭރު ގައުމެއްގެ އެއްވެސް ސިފައިންގެ މީހެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އަދި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިންނެއް މިމަހުގެ 10ގެ ނިޔަލަށް ރާއްޖެއިން ފައިބައިގެން ގޮސްފައިވާ ކަމުގައެވެ.
ސެނެހިޔާގައި މަސައްކަތް ކުރަމުންދާ ސިފައިންނަކީ އަސްކަރީ ދައުރެއް އޮތް ބައެއް ނޫންކަމަށް ޢައްސާން މައުމޫން ވިދާޅުވިއިރު, ރާއްޖޭގައި ދުއްވަމުންދާ ޑޯނިއަރއާއި ހެލިކޮޕްޓަރ ދުއްވަން ތިބި ސިފައިންނަކީވެސް އަސްކަރީ އެއްވެސް ދައުރެއް އޮތް ބައެއް ނޫނެނެވެ. އެމީހުން ފޯރުކޮށް ދެމުން އައީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޚިދުމަތްތަކެވެ.
މުއިއްޒުދަނީ ރިޔާސީ ވައުދުތައް ފުއްދުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލަމުންނެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވި ވައުދުތައް ނަމެއްގައި ފުއްދުމުގެ ގޮތުން ރައްޔިތުން "ގުބޯ" ހެއްދުމަށް މުއިއްޒު ދަނީ އާންމު ރައްޔިތުންނަަށް އޮޅުވާލަމުންނެވެ. އޭގެ ތެރޭގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވެ މުއިއްޒުވަނީ އެތައްސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކި ކޮށްފައެވެ.
އަދި މަސްވެރިންނަށް މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދޭނެކަމަށް ވިދާޅުވެ އެވައުދުވެސް މުއިއްޒު ފުއްދަވާފައެއް ނުވެއެވެ. އެންމެފަހުން މުއިއްޒު މިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލާފަވާކަަމަށް ބުނެ ދޮގުހަދާ އޮޅުވާލާފައެވެ.