ޚަބަރު

‏ޑިޕްލޮމެޓް މާލިކު އާއި ހައިތަމް ޑޮލަރު މަނީ ލޯނޑަރ ކޮށްގެން ފަޅާއަރައިފި!

ދިޔަވަރު
‏ޑިޕްލޮމެޓް މާލިކު އާއި ހައިތަމް ޑޮލަރު މަނީ ލޯނޑަރ ކޮށްގެން ފަޅާއަރައިފި!

‏ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުގެ ތާޑް ސެކްރެޓަރީ ގޮތުގައި ހުރި މާލިކު އާދަމް (ސާކް، ތ. ތިމަރަފުށި) އަދި އޭނާގެ އަންހެނުން ފައިހާ ފަޔާޒް، 2 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ހިފައިގެން ވެލާނާ އިންޓަނޭޝިނަލް އެއާރްޕޯޓުން ފުރަން އުޅެނިކޮށް ކަސްޓަމްސްގެ އޮފިސަރުންނަށް އޭނާގެ އުޅުން ހުރި ގޮތުން ޝައްކުވެ ބާލާފާސްކޮށް 2 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ހިފަހައްޓައި އެކަން ފޮރިން މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކަށް އަނގައި ތަހުގީގު ފައްޓައިފިއެވެ.

‏މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާގެ ވަގު މުއާމަލާތްތަކުގައި މާލިކްގެ އިތުރުން ޝާމިލްވަނީ ސްރީލަންކާ ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ އަހުމަދު އަންވަރު (ސިމްވާ) އެވެ. ދެހިވަލަ ހިލްސްޓްރީޓް ގެ ބަރިސްތަރ ކެފޭއަކީ އާންމު ގޮތެއްގައި މުއާމަލާތްތައް ކުރުމަށް މާލިކް ބޭނުން ކުރާ އައްޑާއެކެވެ.

ސްރީލަންކާ ހައިކޮމިޝަން އާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ހައިކޮމިޝަނަރ ފާތިމަތު ޤިނާ މައުލޫމާތު ދެއްވާ ގޮތުގައި މި މައްސަލައާއި ގުޅިގެން މާލިކް އާދަމް ވަނީ ވަގުތުން ވަޒީފާއިން ވަކި ކުރެވި އަނބުރާ ރާއްޖެ ދިއުމަށް އެންގިފައެވެ. އަދި ހައިކޮމިޝަންގެ އެންމެހާ ސްޓާފުން މަސައްކަތު ވަގުތުގެ އިތުރުން އޮފީހަށް ވަނުންވެސް ތަހުޤީޤް ނިމެންދެން މަނާ ކުރެވިފައިވާ ކަމަށް އެކަމަނާ މައުލޫމާތު ދެއްވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމަށް އައި ފަހުން މާލިކު ދަނީ ކޮންމެ ހަފްތާ އެއްގައި ތުރުކީ އާއި ދުބާއި އަށް ދަތުރުކޮށް އެގައުމުން ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ރާއްޖެ އާއި ލަންކާ އަށް އެތެރެކުރަމުންނެވެ.

‏މާލިކުގެ ފަރާތުން ރަޙުމަތްތެރިންނަށް ލިބިފައިވާ މައުލޫމާތުން އެނގޭހާވެސް ކަމަކީ މި ފައިސާ އަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް މެދުވެރިވެގެން އޭނާ ކުރަމުންދާ ކަމެށް ކަމަށް ބުނެފައިވާކަމެވެ. އަދި މި ފައިސާގެ ހަގީގަތަކީ ތުރުކީ އަދި ދުބާއީ އިން މާލިކު ވަގު ސުޕަރ ޑޮލަރު ލަންކާ އާއި ރާއްޖެއަށް އެތެރެ ކޮށް އެ ފައިސާ ރަށުތެރެޔަށް އެކި ގޮތްގޮތައް ވިއްކައިގެން އޭގެން އަސްލު ޑޮލަރު ހަދައިގެން މާފިޔާ ބަޔަކަށް އެ ފޯރުކޮށްދެނީ ކަމަށް އޭނާގެ އެކުވެރިޔަކު މައުލޫމާތު ދީފައިވެއެވެ.

‏ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ބޭނުން ނަހަމު ގޮތުގައި ހިފައިގެން މާލިކު ކުރަމުން ދިޔަ މި ވިޔަފާރި ސްރީލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ (ސީއައިޑީ) ސަމާލުކަމަށްވެސް އައިސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އެ ގައުމުގެ ސީއައިޑީ އަށް މިކަން ފާހަގަވެގެން މާލިކު ސްރީލަންކާގެ އެއާޕޯޓުގައި 3-2 ފަހަރު ހިފައްޓާފައިވާކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މާލިކު ލަންކާގެ އެއާޕޯޓުގައި ހިފަހައްޓާ ކޮންމެ ފަހަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ދައްކައިގެން އޭނާ ދޫކޮށްލަން ލަންކާގެ ސީއައިޑީ އަށް މަޖުބޫރުވި ކަމަށް އޭނާގެ އެކުވެރިޔާ މައުލޫމާތު ދީފައިވެއެވެ. ސަބަބަކީ ޔޫއެން އިން 1961ގައި ފާސްކުރި ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންގެ ދަށުން ޑިޕްލޮމެޓް އަކު ހައްޔަރު ނުކުރެވޭތީއެވެ.

‏ވެރިކަން ބަދަލުވީ ފަހުން ރާއްޖެއިން ބޭރުގައި ތިބި ކުރީ ސަރުކާރުން އައްޔަނު ކުރި ގިނަ އަދަދެއްގެ ޑިޕްލޮމެޓުން 17 ނޮވެންބަރުގެ ކުރިން ރިކޯލް ކުރި އިރު މާލިކު ވެސް ރިކޯލް ކުރިއެވެ. ނަމަވެސް އޭރު އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓު ރައްދު ކުރުމާ ދެކޮޅު ހަދާ ހައިތަމް މެދުވެރި ކޮށް އޭނާގެ ޕޯސްޓިން ގެ މުއްދަތު އިތުރުކޮށްފައެވެ.

ދެވަނަ ފަހަރަކަށް އޭނާގެ ޕޯސްޓިންގެ މުއްދަތު އިތުރު 1 އަހަރަށް އިތުރު ކުރެވިގެން ދިއައީ ރައީސް އޮފީހުގެ އިސް ވެރިއަކަށް 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ދީގެން ކަމަށް އޭނާގެ ވަރަށް ގިނަ ރައްޓެހިން ގާތުގައި އޭނާ ބުނެފައިވެއެވެ.

‏މިސަރުކާރުގެ ތެރޭގައި ނާޖައިޒް މަންފާ ހޯދުމާއި ކޮރަޕްޝަންގެ ކަޅު ފައިސާ ދޮވުމުގެ ސަޤާފަތް ދިރުވާ އާލާކުރުން ފެށި މިފަދަ ކޮންމެ ކުށެއް ތުރުކީއާ ގުޅިފައި އޮތުން މިއީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ކުރިއަށްދާ ކަންތައްތަކެއްތޯ ސުވާލު އުފެދެއެވެ.