ސައުދީ ރަސްގެފާނުގެ މެހެމާންދާރީގައި އުމުރާ ދަތުރުފުޅެއް ކުރެއްވުމަށް ސައުދީ އަރަބިއާއަށް މިހާރު ވަޑައިގެން އުޅުއްވާ, ރައީސް މުއިއްޒު އިއްޔެ ވަނީ މައްކާގެ ހަރަމްފުޅާ މާދުރުނޫން ހިސާބެއްގައި ހުންނަ, އަޅުކަމަށް ވަޑައިގެންނަވާ ބައެއް މެހެމާނުން ސައުދީ ސަރުކާރުން ބައިތިއްބާ އެއް ގަނޑުވަރު ކަމުގައިވާ ސަފާ ގަނޑުވަރުގެ އެތެރޭގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްފައިވަނީ, ރައީސް އޮފީހުގެ "ސްޓެރެޖިކް ކޮމިއުނިކޭޝަން" މިނިސްޓަރުކަމުގައި ހުންނެވި, އިބުރާހިމް ޚަލީލުގެ ލަފާގެ މަތިންނެވެ.
އަދި މި ފޮޓޯތައް އާންމު ކުރުމަށްފަހު ރައީސް މުއިއްޒުގެ އެންގެވުމަށް މުއިއްޒު ޕްރޮމޯޓު ކުރަމުންދާ ސޯޝަލް މީޑިއާ އެކައުންޓްތަކުންވަނީ, ގައުމުން ބޭރުގައި ހުންނަވައިގެންވެސް ދައުލަތް ހިންގެވުމުގެ ޒިންމާ މުއިއްޒު އަދާކުރައްވަމުން ގެންދަވާކަމަށް ބުނެ, މުއިއްޒު ވަރަށް ބޮޑަށް ޕްރޮމޯޓުކޮށް ހަދާފައެވެ.
އެގޮތުން, ސަފާ ފަރުބަދައާއި އިންވެގެން, ހަރަމްގެ ބުޑުގައި ކަހަލަ ގޮތަކަށް ހުންނަ މި ގަނޑުވަރުގެ އެތެރޭގައި, ޕްރެޒިޑެންޝަލް ސުއިޓެއްގައި ލިޔުންތައް އެކުލެވޭ ގަނޑުތަކާއި އަދި ގަލަމެއް އަތަށް ލައްވައިގެން މުއިއްޒު ފޮޓޯއަށް ހުއްޓިގެން އިންނަވަނިކޮށް ނަގާފައިވާ 5 ފޮޓޯއެއް ރައީސް އޮފީހުންވަނީ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ.
ރައީސް އޮފީހުން, އެއޮފީހުގެ ރަސްމީ ހޭންޑްލްއިން އާންމު ނުކޮށް, އެހެންނަމަވެސް މުއިއްޒު ޕްރޮމޯޓުކުރާ ހެންޑްލްތަކުން އާންމުކުރި މި ފޮޓޯތަކާއި ގުޅޭގޮތުން މުހިންމު 4 ކަމެއް ފާހަގަ ކޮށްލާނަމެވެ.
1. މިއީ ރާއްޖޭގެ ހުރިހާ ވެރިންވެސް ކުރާ ކަމެކެވެ. އާކަމެއް ނޫނެވެ. ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި, ގިނަ ދުވަސް ވާނަމަ، އެމްބަސީ މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކުންނަމަވެސް، ބޭނުންވާ މުހިންމު ބައެއް ލިޔުންތައް ގެނެސް ސޮއެ ކުރަން ހުންނަ ތަކެތީގައި އޭރަކު ހުންނަވާ ރައީސަކު ސޮއިކުރުން މިއީ އާންމު ކަމެކެވެ. ތަފާތަކީ ކުރީގެ ރައީސުން އަދާކުރައްވަންޖެހޭ ޒިންމާތައް ފޮޓޯ ޝޫޓުއައުޓެއްގެ ގޮތުގައި އަދާކުރައްވާފައި ނުވުމުވެ. މުއިއްޒުގެ ހުރި ތަފާތަކީ ދެއްކުންތެރިކަމެވެ.
އެހެން ރައީސުން ނުކުރެއްވި ކަމަކީ މިކަމަށް ބޮޑު މޭޒު ބަހައްޓައި، ހަ ފަރާތުން ފޮޓޯ ނަގުވައި ސޯޝަލް މީޑިޔާގައި އެފޮޓޯތައް ބޭނުންކޮށްގެން އަމިއްލަ ނަފްސު ޕްރޮމޯޓުކޮށް, އަނެކުން ލައްވާ ކުރުނީސްކޮށް ސަނާ ކިޔުއްވުމެވެ. އަދި އަމުދުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުފުޅެއްގައި މިބީދައިން މުއިއްޒު އަމަލުކުރައްވަމުން ގެންދެވުމުން, ތަންދޮރު ދަންނަހާ ބަޔަކު މިކަންކަމަށް ކުރާނީ މަލާމާތެވެ. މިއީ ވެރިއެއްގެ ކިބައިން ފެނިގެން ނުވާނެ ފަދަ ދެއްކުންތެރި ދަށުދަރަޖައިގެ އަމަލެކެވެ.
2. ހައްޖާއި އުމްރާގެ އަޅުކަމަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން ސައުދީ ސަރުކާރުން ބައިތިއްވާ ސަފާ ގަނޑުވަރުގައި ތިއްބަވާ ވެރީންނާއި އިއްޒަތްތެރިން މިބީދައިން އެގަނޑުވަރުގެ އެތެރެ ފޮޓޯނަގާ, އަމިއްލަފުޅު ޕްރޮމޯޝަންއަށް ބޭނުން ކުރެއްވުމަކީ ސަޢުދީ ސަރުކާރުން ނުރުހޭ, މަނާކޮށްފައި އޮންނަ ކަމެކެވެ. އަމުދުން އެއީ ގައުމުތަކުގެ ވެރީންނާއި އިއްޒަތްތެރިން އަމަލުކުރައްވަންޖެހޭ ޕްރޮޓޮކޯލްއާއި ޚިލާފް ކަމެއްވެސް މެއެވެ. ގަނޑުވަރުގެ ފޮޓޯތައް އެބީދައިން ނުފެތުރުމަށް އޮންނަނީ އަންގާފައެވެ. އަމުދުން ޤައުމެއްގެ ވެރިއެއް އެބީދައިން އަމަލު ކުރެއްވުން, ސައުދީގެ ރަސްމީ ފަރާތްތަކަށް ވެގެންދަނީ އަދަބާއި ޚިލާފް, ހަމަނުޖެހޭ ކަމަކަށްވެސްމެއެވެ.
3. ދުނިޔޭގެ ވެރިން ނޫނަސް މުއިއްޒު އިންވެވި ކޮޓަރިކޮޅާއި އަދި އެގަނޑުވަރުގެ އެހެން ކޮޓަރިކޮޅުތަކުގައި ތިބުމުގެ ފުރުސަތު ލިބޭ ދުނިޔޭގެ އެތައް އިއްޒަތްތެރިންނެއް އެބަތިއްބެވެ. އޭގެ ތެރޭގައި އެކި ޤައުމުތަކުން ދާ ވަފުދުތައްވެސް ހިމެނެއެވެ. ސަފީރުންނާއި, އެމްބަސީ ތަކުގެ އެތައް މުވައްޒަފުންނެއްވެސް ހިމެނެއެވެ. އެގޮތުން މި ގަނޑުވަރުގައި ހުންނަވަން ލިބިވަޑައިގަތް ފުރަތަމަ ފުރުސަތުގައި މުއިއްޒު ކަން ކުރެއްވިގޮތުން, މި ގަނޑުވަރުގައި ތިއްބަވާފައިވާ އިސްވެ ދެންނެވުނު އެތައް ބައެއްގެ ހިތަށް މިހާރު އަރާނީ ކީކޭތޯ ވިސްނަވާލައްވާށެވެ. އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅެނީ ބާވައެވެ.! ނުވަތަ ރައީސް މުއިއްޒު އުޅުއްވަމުން މިގެންދަވަނީ ހަގީގަތުގައިވެސް "ގުއި ނުދެކޭ ކާޅެއް" އުޅޭހެންތޯއެވެ.!
3. ސަފާ ގަނޑުވަރަކީ ވަރަށް ބާވެފައި ހުރި ގަނޑުވަރެކެވެ. އެ ގަނޑުވަރަށްވުރެ އަދި މާ ރީތި ހޮޓާތަށް ޙަރަމްގެ ވިއު ފެންނަ ގޮތަށް މިހާރު އެ ސަރަހައްދުގައި ބިނާކޮށްފައި އެބަހުއްޓެވެ. އެ ހޮޓާތައް ނުވަތަ ގަނޑުވަރެއްފަދަ ތަންތަނަކީ ސީދާ ކަޢުބާ ވިއު ފެންނަ ގޮތަށް ބިނާކޮށްފައި ހުރި ތަންތަނެވެ. ހިލްޓަން، ދާރުއް ތައުޙީދު ފަދަ ހޮޓާތަކެވެ. އަދި މިއީ ރައީސުން ފެންވަރުގެ ބޭފުޅުން ތިއްބަވާ ތަންތަންވެސް މެއެވެ. އެތަންތަނަކީ ސަފާ ގަނޑުވަރަށްވުރެ އަދި މާ ބޮޑަށްވެސް ޒީނަތްތެރިކޮށް ހަދާ ފަރުމާކޮށްފައިވާ ތަންތަނެވެ. މާފުރިހަމަ ޕްރެޒިޑެންޝަލް ސުއިޓްތަކާއި, ކޮޓަރިތަކާއި މޭޒުކޮޅުތަކާއި ގޮނޑިކޮޅުތައްވެސް ހުރެއެވެ.
މިތަންތަނަށް ވަޑައިގަންނަވާ ރައީސުންނާއި އިއްޒަތްތެރިން އަރިއަރިއަށް ބައިތިއްބައިގެން އެތަންތަނުގެ ކޮޓަރިތަކުގެ ފޮޓޯނަގާ ސޯޝަލް މީޑިއާގައި ޕްރޮމޯޓެއް ނުކުރައްވައެވެ. އެއީ ކުޅޭކުޅޭ ތަންތަނަށް ނުވާތީއެވެ. އަދި އެތަންތަނަށް ވަޑައިގެންނަވަނީ "ކުޅޭކުޅޭ" މީހުންނަށްވެސް ނުވާތީއެވެ. ކޮންމެވެސް މިންވަރެއްގެ ޑިޕްލޮމަސީއެއް ނުވަތަ އަދަބު އަޚްލާގެއް އެބޭބޭފުޅުންގެ ކިބައިގައި ހުންނާތީވެސްމެއެވެ. ހުންނަން ޖެހޭނެތީވެސްމެއެވެ.
4. ސަފާ ގަނޑުވަރުގައި ހުންނަވާ މެހުމާނަކު އެއީ ތިމާގެ އަމިއްލަ އޮފީސްހެން ދޭހަވާގޮތަށް ފޮޓޯ ނަގާފަ މުޅި ދުނިޔެއަށް ޢާއްމު ކުރަން މިއީ ހަގީގަތުގައި ރައީސް މުއިއްޒު ލަދުގަންނަވަން ޖެހޭނެ ކަމެކެވެ. އޭގެ ސަބަބުން އަގުވެއްޓި, އަނެކުން ހަޖޫޖަހާނީ ރައީސް މުއިއްޒުއަށް އެކަންޏެއް ނޫނެވެ. މުޅި ދިވެހި ގައުމަށެވެ.
ބޮޑާކަމާއި ކިބުރުވެރިކަމަކީ ހަގީގަތުގައިވެސް ތިމާއަށް ނޭގި, ތިމާ ފަޟީހަތްވެދާކަމެކެވެ.