ދިވެހި ސިފައިންގެ ހުއްދައާއި ނުލައި ތ ތިމަރަފުއްޓަށް އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖެއްސި ކަމަށް ބުނާ ވާހަކަ އިންޑިއާއިން ދޮގުކޮށްފި އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ދާދި ދެންމެ އަކު ވަނީ 11 މެއި 2024 ގައި ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެި އިންޑިއާގެ އޭ.އެލް.އެޗް ޕްލެޓްފޯމުން ޤަވާއިދާ ޚިލާފަށް ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ވާހަކަ ދިވެހި ސަރުކާރުގެ ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކަށް ރައްދު ދީފައި އެވެ.
އެގޮތުން އެބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް އަބަދުވެސް ހިންގަނީ އެއްބަސްވެފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަދި އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ހާދިސާއަކީ 09 އޮކްޓޯބަރ 2019 ދިމާވި ކަމެއް ކަމަށާއި އެ ދަތުރުވެސް ކުރިޔަށް ދިޔައީ އެމްއެންޑީއެފްގެ ހުއްދައާއެކު ކަމަށެވެ.
ތިމަރަފުއްޓަށް އިމަޖެންސީގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ޕްލެޓްފޯމާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޓީސީން ބޭނުންވާ އޮން ގްރައުންޑް އެޕްރޫވަލްތައް ނެގުމަށް ފަހު، ކުއްލި ހާލަތުގައި ކަމަށް އިންޑިއާގެ ބަޔާނުގައި ބުނެފައި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުަވސްވަރު ފްލައިޓެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަމުން އައި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އިން ފޮނުވާލާފައިވާތީ، އެކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ހެލިކޮޕްޓަރުގެ މައްސަލަތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އިރު ސިފައިންނަށް ނޭނގި ފްލައިޓެއް އަޅާފައިވާ މައްސަލަ ފެންމަތިވިކަމަށެވެ.
އޭރު އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެކެވެ.
އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް.
މި ސަރުކާރުގައި ރާއްޖޭގެ ކޮމާންޑިން ކޮންޓްރޯލުން ބޭރުން ދަތުރެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ޣައްސާން ވިދާޅިވި އެވެ.
އިންޑިއާ ބަދުނާމުކުރުމަށް މިސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަމުންދާއިރު, އިންޑިއާއިން މިހާރުވެސް ވަނީ މިސަރުކާރުން މިމަހު ދައްކަން ޖެހިފައޮތް 50 މިލިއަން ޑޮލަރުގެ ލޯނު 1 އަހަރަށް ފަސްކޮށް ދީފައެވެ.