މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން އަނެއްކާވެސް މަސްވެރިންނަށް ފައިސާ ނުދީ ހިފަހައްޓައިފިއެވެ.
އަދި މަސްވެރިންނަށް ހައްގުވާ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, ސަރުކާރުގެ ވަޒީރު ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި, ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައްކޮށް, ދުނިޔޭގެ އެތަންމިތަނަށް އުދުހެމުންނެވެ. އެގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއި ގަތަރަށް ވަޑައިގެންފައިވާއިރު, އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިހާރުވަނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް ފުރާވަޑައިގެންފައެވެ. ހަމަ އެއާއެކު, މިސަރުކާރުގެ ގައުމިއްޔަތު ވަޒީރު, އާދަމް ނަސީރު މިހާރުވަނީ އާޒަރުބައިޖާނަށް ވަޑައިގެންފައެވެ.
އަދި ދެންތިއްބެވި ގިނަ ވަޒީރުންނާއެކު, މުއިއްޒު ހުންނެވީ ސައުދީ އަރަބިއާއަށް ވަޑައިގެންނެވެ. ދިވެހި މަސްވެރިންގެ ހާލާމެދު މިބޭފުޅުން ޚިޔާލެއް ފިކުރެއް ކޮށްލުމެއް ނެތެވެ.
މިސަރުކާރުގެ ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން, ފަސްޓު ކުލާހުގައި ދުނިޔޭގެ އެތަން މިތަނަށް އުދުހެމުންދާއިރު, މަސްވެރިންނަށް ހައްގުވާ އެތައް މިލިއަން ރުފިޔާއެއް އަނެއްކާވެސް މަސްވެރިންނަށް ފޯރުކޮށް ނުދޭތާ މިހާރުވަނީ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ ފެބްރުއަރީމަހުވެސް މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އެތައްމަހެއް ވަންދެން ހިފެހެއްޓުމަށްފަހު އޭރު ފިޝަރީޒް މިނިސްޓަރ ޝިޔާމު ވިދާޅުވެފައިވަނީ އެއަށްފަހު މަސްވެރިންނަށް ގިނަވެގެން މަސްކިރާތާ ހަފްތާއެއްތެރޭ ފައިސާ ދޭނެ ކަމުގައެވެ.
އެހެންނަމަވެސް އެއަށްފަހުވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެމުއްދަތުގައިވެސް ދީ މިސަރުކާރުން ޚަލާސް ކޮށްފައެއް ނުވެއެވެ. އެގޮތުން މިހަރު ޔަގީންވާ ގޮތުގައި މަސްވެރިންނަށް އޭރު ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ މަޖިލިސް އިންތިޚާބު ކުރިޔަށް އޮތީމައެެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމި, ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު, ސަރުކާރުން އަނެއްކާވެސް މިވަނީ މަސްވެރިންގެ ހަލާލު ފައިސާ ހިފަހައްޓާފައެވެ.
އަދި މަސްވެރިން ހާލުގައި ޖެއްސުމަށްފަހު, ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ދުނިޔޭގެ އެތައްމިތަނަށް ދަތުރު ކުރައްވަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. މިއީ މަސްވެރިން ހަލާލު މަސައްކަތުން ހޯދާ ރިޒުގުން މިސަރުކާރުންކުރާ ބޮޑު ވައްކަމެއްކަމުގައި މެނުވީ ނުވާނެއެވެ.