މަސް ކިރުވާތާ 48 ގަޑިއިރުތެރޭ މަސްވެރިނަށް ފައިސާ ދޭނެކަމަށް ވައުދުވުމަށްފަހު, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު މިސަރުކާރުން އަނެއްކާވެސް މަސްވެރިންނަށް ފައިސާ ނުދީ ހިފަހައްޓައިފިއެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ ފެބްރުއަރީމަހުވެސް މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ނުދީ އެތައްމަހެއް ވަންދެން ހިފެހެއްޓުމަށްފަހު އޭރު ފިޝަރީޒް މިނިސްޓަރ ޝިޔާމު ވިދާޅުވެފައިވަނީ އެއަށްފަހު މަސްވެރިންނަށް ގިނަވެގެން މަސްކިރާތާ ހަފްތާއެއްތެރޭ ފައިސާ ދޭނެ ކަމުގައެވެ.
އެހެންނަމަވެސް އެއަށްފަހުވެސް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އެއްހަފްތާ ތެރޭ މިސަރުކާރުން ދެމުން އައިސްފައެއް ނުވެއެވެ. "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, މަޖިލިސް އިންތިޚާބު ނިމުމަށްފަހު މިސަރުކާރުން މަސްވެރިންނަށް ފައިސާ ދީފައެއް ނުވެއެވެ.
މިހާރު ޔަގީންވާ ގޮތުގައި މަސްވެރިންނަށް އޭރު ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ މަޖިލިސް އިންތިޚާބު ކުރިޔަށް އޮތީމައެެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމި, ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު, ސަރުކާރުން އަނެއްކާވެސް މިވަނީ މަސްވެރިންގެ ހަލާލު ފައިސާ ހިފަހައްޓާފައެވެ.
އަދި މަސްވެރިން ހާލުގައި ޖެއްސުމަށްފަހު, ސަރުކާރުގެ ވަޒީރުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ދުނިޔޭގެ އެތައްމިތަނަށް ދަތުރު ކުރައްވަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. މިއީ މަސްވެރިން ހަލާލު މަސައްކަތުން ހޯދާ ރިޒުގުން މިސަރުކާރުންކުރާ ބޮޑު ވައްކަމެއްކަމުގައި މެނުވީ ނުވާނެއެވެ.
މަސްވެރިންނަށް ހައްގުވާ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, ސަރުކާރުގެ ވަޒީރު ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި, ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައްކޮށް, ދުނިޔޭގެ އެތަންމިތަނަށް އުދުހެމުންނެވެ. އެގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއި ގަތަރަށް ވަޑައިގެންފައިވާއިރު, އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިހާރުވަނީ އިނގިރޭސިވިލާތަށާއި އެމެރިކާއަށް ފުރާވަޑައިގެންފައެވެ. ހަމަ އެއާއެކު, މިސަރުކާރުގެ ގައުމިއްޔަތު ވަޒީރު, އާދަމް ނަސީރު މިހާރުވަނީ އާޒަރުބައިޖާނަށް ވަޑައިގެންފައެވެ.
އަދި ދެންތިއްބެވި ގިނަ ވަޒީރުންނާއެކު, މުއިއްޒު ހުންނެވީ ސައުދީ އަރަބިއާއަށް ވަޑައިގެންނެވެ. ދިވެހި މަސްވެރިންގެ ހާލާމެދު މިބޭފުޅުން ޚިޔާލެއް ފިކުރެއް ކޮށްލުމެއް ނެތެވެ.
މިސަރުކާރުގެ ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން, ފަސްޓު ކުލާހުގައި ދުނިޔޭގެ އެތަން މިތަނަށް އުދުހެމުންދާއިރު, މަސްވެރިންނަށް ހައްގުވާ އެތައް މިލިއަން ރުފިޔާއެއް ނުލިބި ގިނަ މަސްވެރިން މިހާރު ވަނީ ދަރަނިވެރިވެފައި ކަމުގައި, "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ގިނަ މަސްވެރިން ބުނެފައި ވެއެވެ.
އެގޮތުން ކަންމަތީ ފިހާރަތަކަށްވެސް ގިނަ މަސްވެރިން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިބާއިރު, ލޯނުތައް އަދާކުރުމާއި, ދަރިންގެ ސްކޫލް ޚަރަދުތައް ކުރުމުގައި މަސްވެރިން ބޮޑެތި އަދަދުތަކުން މިހާރު ދަރަނިވެރި ވެފައިވާކަމަށްވެސް ގިނަ މަސްވެރިން ވަނީ ބުނެފައެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުވަނީ, މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެ, ދޮގު ވައުދުވެފައެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް ފަހުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ އެ ވައުދު ފުއްދޭނޭ ގޮތެއް މިހާރު ނެތްކަމުގައެވެ.
ރައީސް މުއިއްޒުއަކީ އޭގެ އިތުރަށްވެސް, ރައީސް ޔާމިން މިވަންކުރާނޭކަމަށް ދޮގު ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.