މަޖިލިސް ރައީސްކަމަށް ކެމްޕޭން ކުރުމުގެ ބޭނުމުގައި އަބުދުއްރަހީމް ވަކި ގުރޫޕެއް ހަދައިގެން, ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކަށަވަރުކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން, މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ ވާހަކަ މެމްބަރުންގެ މެދުގައި ދެއްކުން މުއިއްޒު މަނާ ކޮށްފިއެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި, ސުޕަރ މެޖޯރިޓީގެ މެމްބަރަކު ވިދާޅުވީ, މެމްބަރުންގެ މެދުގައި މަޖިލިސް ރައީސަކަށް އަދި ނާއިބު ރައީސަކަށް ވަޑައިގަންނަވާނެ މެމްބަރަކާ ގުޅޭގޮތުން މަޝްވަރާ ނުކުރުމަށް މުއިއްޒު މެމްބަރުންނަށް އަންގަވާފައިވާ ކަމުގައެވެ. އޭގެ ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަ ކޮށްފައިވަނީ މުއިއްޒުއަށް މެމްބަރުން މެދުވެރިކޮށް ޕެރެޝަރކޮށް, އަދި "ގޮތް ހުސްކޮށްލުމުގެ" ބޭނުމުގައި މެމްބަރުންގެ ތެރޭގައި ލޮބީ ގުރޫޕެއް ހައްދަވައިގެން އަބުދުއްރަހީމް މަސައްކަތް ކުރައްވަން ފެއްޓެވުމެވެ.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މެމްބަރުން ވިދާޅުވި ގޮތުގައި, މަޖިލިސް ރައީސްކަން އަބުދުއްރަހީމަށް ދެއްވަން ރައީސް މުއިއްޒު ބޭނުންފުޅު ނުވާ ސަބަބަކީ, މަޖިލިސް ރައީސަކަށް ވަޑައިގެންފިނަމަ މެމްބަރުންނާއި ވަކިން ޑީލް ހައްދަވައިގެން އަބުދުއްރަހީމް ވަކި އެޖެންޑާއެއް ގެންގުޅުއްވާނެކަމަށް މުއިއްޒު ގަބޫލުކުރައްވާތީއެވެ. އަދި ފައިސާގެ ދަހިވެތިކަމުގައި އަބުދުއްރަހީމް ސިޔާސީ އެހެން ފަރާތްތަކާވެސް ޑީލް ހައްދަވާނެކަމަށް މުއިއްޒު ގަބޫލު ކުރައްވާތީއެވެ.
ސުޕަރ މެޖޯރިޓީގެ މެމްބަރުންނާއެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައިވެސް މެމްބަރުންނާއި ސީދާ ރައީސް މުއިއްޒު މުއާމަލާތު ކުރައްވާނެކަމަށް ވިދާޅުވި ސަބަބަކީވެސް, ރައީސް މުއިއްޒުގެ ނަން ބޭނުން ކޮށްގެން, އަބުދުއްރަހީމަށް މެމްބަރުންނާއި މުއާމަލާތު ކުރުމުގެ ދޮރު ބަންދު ކުރުންކަމުގައި "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސުޕަރ މެޖޯރިޓީގެ މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލިސް ރައީސްކަމަށް ގެނައުމަށް ރައީސް މުއިއްޒު ބޭނުންފުޅުވަނީ ޖަނގިޔާ ނާޒިމް ކަމަށާއި, ނާއިބު ރައީސްކަމަށް ގެނައުމަށް މުއިއްޒު ބޭނުންފުޅުވަނީ ކޮއްކޯފުޅު ސައުދާ ކަމުގައެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި, އަބުދުއްރަހީމްގެ އަމާޒަކީ މެމްބަރުން މެދުވެރިކޮށް ރައީސް މުއިއްޒުއަށް ޕްރެޝަރ ކޮށްގެން, މަޖިލިސް ރައީސްކަމަށް އޭނާ ނޫންމީހަކު ގެނެވޭނެ ހުރިހާމަގެއް މުއިއްޒުއަށް ބަންދު ކޮށްލުމެވެ.