އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު، އެންގުމަކައި ނުލައި ތ. ތިމަރަފުއްޓަށް ޖެއްސި ކަމަށް ބުނާ މައްސަލައިގައި އެމްއެންޑީއެފް އިން ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކު ސިޓީއެއް ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފް އިން ފޮނުވި ކަމަށް ބުނާ ސިޓީއަކީ މީގެ ކުރިން ވެސް އާންމުވެފައިވާ ސިޓީއެކެވެ. އަނެއްކާ ވެސް އެ ސިޓީ ދައުރު ކުރަމުން މި ދަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދޮގު ހަދައިގެން ހޮނިހިރު ދުވަހު ވިދާޅުވުމުންނެވެ. އެކަމަކު، އެ މައްސަލައަށްފަހު ހުއްދަ ނެތި އެއްވެސް ހެލިކޮޕްޓަރު ދަތުރެއް ނުކުރަން އިންޑިއާއަށް އަންގާފައިވާނެ ކަމަށް ސިފައިން ވެސް އެ ބައްދަލުވުމުގައި ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، "ސޯޝަލް މީޑިއާގައި ދައުރުވާ ސިޓީ އަކީ ސޮއިކޮށްފައި އޮތް ސިޓީއަކަށް ނުވާތީ މިއީ އެމްއެންޑީއެފުން އެއްވެސް ފަރާތަކަށް ފޮނުވާފައި އޮތް ސިޓީއެއްކަން އިނގެން ނެތް" ކަމަށެވެ. އެ ސިޓީގައި ލިޔެފައިވާ އިބާރާތްތައް ބޭނުންކޮށްގެން އެހެން ސިޓީއެއް ވެސް ފޮނުވާފައިނުވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޤައްސާނު ދޮގު ހަދާފައިވަނީ އެމްއެންޑީއެފް އާއި މިކަމާއި ގުޅިގެން މަޝްވަރާ ނުކޮށް، އޭނާ އަށް މީގެ ކުރިން ސޯޝަލް މީޑިޔާއިން ފެނުނު ފޮޓޯއެއްގެ މައްޗަށް ބިނާކޮށެވެ. ގައްސާނު މައުމޫނު އަކީ، ވިސްނުމާއި ފިކުރުގެ ގޮތުން ބުއްދީގެ ހަމަތަކާއި، ސަބަބުވެރިކަން ބޭނުން ކުރުމުގެ ޤާބިލުކަން ނެތް މި ފެންވަރުގެ މިނިސްޓަރެއް ކަމަށް މީގެ ކުރިން ހީވެފައި ނުވަނީ ބަސް މަދުކޮށް މަޑުން ހުންނަވާތީ މީހާގެ ގޮތް ނޭނގޭތީއެވެ. ކުޑަ ކޮށް ވާހަކަ ދައްކާލަން ލިބުނު ފުރުޞަތުގައިވެސް އިތުރު ދޮގަކުން ސަރުކާރު މުޅި ދުނިޔޭގައި ފަޟީހަތް ކޮށްލުން ނޫން ކަމެއް މީނާއަށް ކުރަން ނޭނގުމަކީ ހިތާމަވެރި ކަމެކެވެ.
އްސާނުގެ ތުހުމަތުތަކަށްފަހު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ވަނީ ބަޔާނެއް ނެރެ، ރާއްޖޭގައި ހުރި އެ ގައުމުގެ ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމަޖެންސީ ހާލަތެއް ދިމާވެގެން ތިމަރަފުއްޓަށް ޖެއްސި ކަމަށް އިންޑިއާއިން ވެސް އެއްބަސްވެ އެވެ.
އިމަޖެންސީގައި ތިމަރަފުއްޓަށް ޖެއްސި ދަތުރު ވެސް ފެށީ ދިވެހިން ސިފައިންގެ ހުއްދައާއެކު ކަމަށް އިންޑިއާއިން ބުނެ އެވެ. ތިމަރަފުށީ އެއާޕޯޓުގައި ހެލިކޮޕްޓަރު ޖެއްސުމުގެ ކުރިން ޓްރެފިކް ކޮންޓްރޯލުން ވެސް ހުއްދަ ހޯދި ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.