ރައްޖޭގެ ތާރީޚުގައި މިހާތަނަށް ވެރިކަމަށް ވަޑައިގެންވި އެންމެ ދީނީކަމަށް ބުނާ ރައީސް އުމްރާގެ އަޅުކަމަށް ވަޑައިގެންނެވުމަށްފަހު އެ އަޅުކަމުގައި އޮތް އެންމެ މާތްގޮތް އިޚްތިޔާރު ނުކުރައްވާ އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވައިފިއެވެ.
ބޯ ބޭލުން ނުވަތަ ބޯކުރުކޮށް ކޮށުމަކީ އުމްރާގެ އަޅުކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ 4 ވަނަ ރުކުނެވެ. އަދި އުމްރާގެ އަޅުކަމުގައި ބޯ ކޮށުމުންވެސް އެރުކުން ފުރިހަމަ ކުރެވުނު ނަމަވެސް, އަޅުކަމުގެ އެންމެ މާތް ގޮތަކީ ބޯ ބޭލުމެވެ. އެގޮތުން ފިރިހެނުންނަށް އެމީހުންގެ ބޯ ކޮށުމަށްވުރެ ބޭލުން މޮޅު އިތުރުވެގެންވެއެވެ. އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ރަސޫލުالله (ސއވ) ބޯ ބޭލުއްވި ބޭކަލުންނަށް 3 ފަހަރު ދުއާ ކުރެއްވިއެވެ. އެހެންނަމަވެސް ބޯ ކޮށްޓެވި ބޭކަލުންނަށް ދުޢާ ކުރެއްވީ އެންމެ ފަހަރަކުއެވެ.
"ދިޔަވަރު އޮންނައިން"އަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އުމްރާ ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯތައްވެސް އާންމު ކޮށްފައި ނުވަނީ ބޯ ބޭލުމަކާނުލާ އުމްރާ ކުރެއްވުމުން މީހުންގެ ފާޑުކިއުން އަމާޒުވެދާނެތީއެވެ. އަދި އުމްރާގެ އަޅުކަމުގައި ބޯ ބޭލުމަށް މުއިއްޒު އުޒުވެރިވެވަޑައިގަތީ, މީޑިއާތަކުގައި ބޭނުންކުރާ ފޮޓޯތަކުގައި އަމިއްލަފުޅު ބުރުސޫރަ ހުތުރުކޮށް ހުރެދޭނެކަމަށް ކަންބޮޑުވެވަޑައިގަންނަވާތީ ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި މުއިއްޒުގެ އަރިސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
މުއިއްޒުއަކީ އަމިއްފުޅަށް އިސްތިހާރުވުމަށް ވަރަށްވެސް ބޮޑަށް ބޭނުންފުޅުވާ, އަދި ތާއީދުކުރާ އަރިސް މީހުން ލައްވާ އެކަން ކުރައްވަމުންވެސްގެންދަވާ ބޭފުޅެކެވެ. އެގޮތުން އުމްރާއަށް ކުރެއްވި ދަތުރުފުޅުވެސް މުއިއްޒުވަނީ އެބީދައިން ޕްރޮމޯޓުކޮށް ހަދާފައެވެ. އެގޮތުން ހަމްފުޅާއި އިންވެގެން ހުންނަ ސަފާ ހޮޓަލުގެ, ޕްރެޒިޑެންޝަލް ސުއިޓް ކޮޓަރިކޮޅެއްގައި އިންނަވާ, ގަލަމަކާއި ޑޮކިއުމެންޓްތަކެއް އަތައް ލައްވައިގެން, އަރިއަރިއަށް އިންނަވައިގެން ވަނީ ފޮޓޯ ނަންގަވާ ސޯޝަލް މީޑިއާ އެކައުންތަކުން އެ ފޮޓޯތައްވެސް ޕްރޮމޯޓްކޮށް ހައްދަވާފައެވެ.
ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުވަނީ ފަތިސްނަމާދުގައި ސަޖިދާގައި އޮންނަވާ މަންޒަރުވެސް އަރިސް ބޭފުޅުން ލައްވާ ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރުވާފައެވެ. އަދި ފާއިތުވި ރޯދަމަހު މުއިއްޒު ތަރާވީހަށް ވަޑައިގަންނަވާ ރޭރޭ, ހަމައެކަނި މުއިއްޒު ސަޖިދައަށް ދާ މަންޒަރު ކެމެރާއިން ލައިވްކޮށް ހަދާފައިވެސް ވެއެވެ.
ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އެހެން އެއްވެސް ބޭފުޅަކު މި އުސޫލުން, ދީނީ އަޅުކަންތަކަށް ދާންދެން އަމިއްލަ ޕްރޮމޯޝަނަށް ބޭނުން ކޮށްފައެއް ނުވެއެވެ.