ޚަބަރު

ސަރުކާރުތަކަށް އިންވެސްޓަރުން ހޯދާދޭ ޖަނާހުގެ ދަރިފުޅު އެމްއެމްޕީއާރުސީ ތަމްސީލުކުރަމުންދަނީ އުސޫލުތަކާ ޚިލާފަށް! ޗެއަރމަންގެ ޕޯސްޓަކީ ކުންފުނި ރެޕްރެސެންޓް ކުރާ މަގާމެއް ނޫން, އެއީ ކުންފުނީގެ އެމްޑީ އަދާކުރަންޖެހޭ ޒިންމާއެއް!

ދިޔަވަރު
ސަރުކާރުތަކަށް އިންވެސްޓަރުން ހޯދާދޭ ޖަނާހުގެ ދަރިފުޅު އެމްއެމްޕީއާރުސީ ތަމްސީލުކުރަމުންދަނީ އުސޫލުތަކާ ޚިލާފަށް! ޗެއަރމަންގެ ޕޯސްޓަކީ ކުންފުނި ރެޕްރެސެންޓް ކުރާ މަގާމެއް ނޫން, އެއީ ކުންފުނީގެ އެމްޑީ އަދާކުރަންޖެހޭ ޒިންމާއެއް!

އިނގިރޭސިބަހުން ރަގަޅަށް މުއާމަލާތު ކުރުމަށް އެމްއެމްޕިއާރުސީގެ އެމްޑީ ފާތިމަތު ދައުފީގަށް އެނގިވަޑައި ނުގަންނަވާތީ, ބޭރުގެ ފޯރަމްތަކުގައި އެކުންފުނީގެ ބޯޑުގެ ޗެއަރމަން, ރާއްޖޭގެ ހުރިހާ ސަރުކާރަކަށްވެސް އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި ރައީސުންގެ ބޮލަށް ސަވާރު ވަމުންދާ ވިޔަފާރިވެރިޔާ ޖަނާހުގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހް މިހާރުވަނީ އެމްއެމްޕީއާރުސީ ތަމްސީލުކުރަން ފަަށާފައެވެ.

އެގޮތުން އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ ދާދިފަހުން ކުރިޔަށްދިޔަ އަރަބިއަން ޓްރަވަލް މާރކެޓްގައި އޮތް ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރި ވެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ, ކޮންމެ ސަރުކާރަކަށްވެސް އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި ރައީސުންގެ ސިނކުޑިތަކަށް ފަސޭހަކަމާއެކު ސަވާރުވާ ވިޔަފާރަވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހްއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު މުއިއްޒުވަނީ ޖަނާހުއަށް މިނިސްޓަރުން ފެންވަރުގައި އެޑްވައިޒަރުކަން ދީ އަދި އޭނާގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހް އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.

އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ޗެއަރމަންގެ ޕޯސްޓަކީ ކުންފުނި ރެޕްރެސެންޓް ކުރާ މަގާމެއް ނޫނެވެ. އެމަގާމުގައި ހުންނަ ފަރާތެއްގެ ޒިންމާއަކީ ބޯޑު ޑައިރެކްޓަރުންގެ މީޓިންތައް ޗެއަރ ކުރުމެވެ.

އެހެންނަމަވެސް, އަރަބިއަން ޓްރަވަލް މާރކެޓްގައި އޮތް ޕެނަލް ޑިސްކަޝަންގައި އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރިވާން އުޒުރުވެރި ވުމާއެކު, ކުންފުނި ތަމްސީލް ކޮށްފައިވަނީ ޖަނާހުގެ ދަރިފުޅެވެ.

އަދި ޖަނާހު މިހާރުވަނީ އޭނާގެ ދަރިފުޅު ޕްރޮމޯޓުކޮށް ޓުވީޓްވެސް ކުރަން ފަށާފައެވެ. ބައެއް މީޑިއާތަކަށް ފައިސާދީގެން އޭނާއާބެހޭ ރިޕޯޓުތައްވެސް ދަނީ ޝާއިއުކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އެކި ފޯރަމްތަކުގައި ތަމްސީލުކޮށް, ނޫރައިން ޖަނާހު ކުރަމުންދާ ކަމަކީ އޭނާ ބައްޕަގެ ވިޔަފާރި ކުރިއަރުވަން އިންވެސްޓަރުން ހޯދުމާއި އޭނާގެ ބައްޕައަށް ވިޔަފާރީގެ ފުރުސަތުތައް ހޯދާ ދިނުމެވެ.

އެހެންނަމަވެސް ކުންފުންޏެއްގެ އެމްޑީގެ ނާގާބިލްކަމާހުރެ, ކުންފުންޏެއްގެ ބޯޑުން ބޭރުގެ ފޯރަމްތަކުގައި ކުންފުނި ތަމްސީލު ކުރަމުން ދިއުމަކީ ކުންފުނިތައް ހިންގުމުގެ އުސޫލުތަކާއި އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތަކާވެސް މުޅިން ޚިލާފް ކަމެކެވެ. ކުންފުންޏެއްގެ އެމްޑީއަކު ނާގާބިލް ވެއްޖެނަމަ, ތައުލީމީ ގާބިލް އެމްޑީއަކު އެމަގާމަށް އައްޔަން ކުރުމަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ލާޒިމްވާ ކަމެކެވެ.

މިސަރުކާރުގައި އެމްއެމްޕީއާރުސީ ވެގެން ގޮސްފައިވަނީ, ސަރުކާރުގެ މޫނުމަތި ހުތުރުކޮށް, ދިވެހިރާއްޖެ ބަދުނާމް ކުރަމުންދާ ކުންފުންޏެއްގެ ގޮތުގައެވެ.

އެގޮތުން, ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގެ ފޯރަމްތަކުގައި ބާއްވާ ބައްދަލުވުންތަކާއި, ފެއަރތަކާއި, އިވެންޓުތަކުގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގުއާއި, ފަތުރުވެރިކަމާބެހޭ ވަޒީރު ދަނީ, ”ބްރޯކެން އިންގްލިޝް“އިން (މާނަވެސް ސާފުނުވާގޮތަށް, ބަހުގެ ހަމަަތައް އޮޅުވާލައިގެން އިނގިރޭސިބަހުން ވާހަކަ ދެއްކުން) ވާހަކަ ދައްކާ, އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މޫނުމަތި ހުތުރު ކުރަމުންނެވެ.