ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތި ދިނުން ލާޒިމްކޮށް އެމްޑީޕީން ފާސްކުރި ބިމާބެހޭ ބިލް އަނބުރާ މަޖިލީހަށް! މަކަރާއި ހީލަތުން މާލޭ ރައްޔިތުންގެ ވޯޓު ހޯދުމަށްފަހު, އެ ރައްޔިތުންނަށް ހައްގުވާ ގޯތި ދިނުން ލާޒިމް ކުރަން މުއިއްޒު ބޭނުމެއް ނުވި!

ދިޔަވަރު
މާލޭ ރައްޔިތުންނަށް ގޯތި ދިނުން ލާޒިމްކޮށް އެމްޑީޕީން ފާސްކުރި ބިމާބެހޭ ބިލް އަނބުރާ މަޖިލީހަށް!  މަކަރާއި ހީލަތުން މާލޭ ރައްޔިތުންގެ ވޯޓު ހޯދުމަށްފަހު, އެ ރައްޔިތުންނަށް ހައްގުވާ ގޯތި ދިނުން ލާޒިމް ކުރަން މުއިއްޒު ބޭނުމެއް ނުވި!

މިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކުގެ ތެރެެއިން މިހާތަނަށް ހަވާލުކޮށްފައިވާ ނުވާ ގޯތިތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގު ނުކޮށް، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މި ބިލަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، މިމަހުގެ 2 ވަނަ ދުވަހު ރައީސްގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، ރައްޔިތުން ދޫނުކޮށް އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވާތީއެވެ. ގޯތިތައް ހަވާލު ނުކުރާ ކަމަށް ބުނެ އެ އިސްލާހު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، މީކާއީލް ނަސީމްއެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެއެވެ. އެހެންނަވެސް މި ސަރުކާރުގެ ހައުސިން މިނިސްޓަރ ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުން ތައްޔާރު ކުރި ލިސްޓަށް ބަދަލު ގެންނާނެކަމަށާއި, އަލުން އެލިސްޓު އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒުވެސް ވިދާޅުވެފައިވަނީ އެލިސްޓު އަލުން އިސްލާހުކުރަން ޖެހިފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން ދަނީ މާލޭއިނ ގޯތި ލިބުނު ފަރާތްތަކާއި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން, އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް އުނިކުރުމަށެވެ. އޭގެ ބަދަލުގައި މުއިއްޒު ބޭނުންވާ ބަޔަކު ލިސްޓުގައި ހިމަނަގައިގެން އަލުން ލިސްޓު އެކުލަވާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތަކަށް އަމަލީސިފަ ނުގެނެސް މިސަރުކާރުން ލަސްކުރީ މަޖިލިސް އިންތިޚާބު ނިމެންދެނެވެ. އެގޮތުން މާލޭ ރައްޔިތުންގެ ވޯޓު މަކަރާއި ހީލަތުން ހޯދުމަށްފަހު, ސުޕަރ މެޖޯރިޓީ ކަށަވަރުވުމާއެކު, މި ސަރުކާރުން މިހާރުވަނީ ލިސްޓު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިކަމަށް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި މިސަރުކާރުގެ ބައެއް އޮފިޝަލުންވަނީ ވިދާޅުވެފައެވެ.