މަކަރާއި އޮޅުވާލުމުގެ ތެރެއިން ފޭކް ކުންފުނިތައް ގެނެސް، ބޮޑު އިންވެސްޓަރެއްް ކަމަށް ދައްކައިގެން، ޤައުމަށް އަންނަ ކޮންމެ ވެރިއަކަށް އޮޅުވާލައިގެން ވެރިކަމުގެ ބާރުތަކުގެ ތެރެއަށް ވަދެ، ނާޖާއިޒް ފައިދާތައް ހާސިލް ކުރަމުންދާ ޖަނާހު، އޭނާގެ ދަރި، އެމްއެމްޕީއާރުސީގެ ހަފްލާތަކަށް ޤަވާއިދާއި ޚިލާފަށް ފޮނުވައި، އިންޓަވިއުދީ، އަމިއްލައަށް ކޮންގްރެޖްލޭޓް ކިޔައި، އެތައް ލައްކަ ރުފިޔާއެއް ނޫސްތަކަށް ޚަރަދުކޮށް، އޭނާގެ ދަރި ޕްރޮމޯޓް ކުރުމަށް ހިންގަމުންދާ ޚަރަކާތުގެ ސަބަބުން، މިނިސްޓަރ ފައިސަލް ގެ އަގު އިތުރަށް ވެއްޓި، ފައިސަލްގެ ނާގާބިލްކަމުގެ މައްޗަށް، ޖަނާގެ ދަރި ޝަރަފުވެރިކަން ހޯދަމުންދާތީ އެކަން ހުއްޓުވުމަށް މިނިސްޓަރ ފައިސަލް މަސައްކަތް ފައްޓަވައިފިއެވެ.
ޖަނާހުގެ ދަރި، އަކީ އެމްއެމްޕީއާރުސީގެ ޗެއަރމަން އެވެ. އޭނާގެ ދައުރަކީ އެމްއެމްޕީއާރުސީގެ ބައްދަލުވުންތައް ޗެއަރ ކުރުމެވެ. މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޗެއަރމަން އަކަށް ހުންނަ ފަރާތެއް މިވަރަށް ބާރު ގަދަވެގެން ރާއްޖެއިން ބޭރުގައި ބާއްވާ ޓުއަރިޒަމް ޕްރޮމޯޝަން ތަކަކަށް ގޮސް ނަހަދައެވެ. އަދި ވަކިން ހާއްސަކޮށް އިންޓަވިއު ދީ، ހާވާލު ކޮށްފައިވާ މަސްއޫލިއްޔަތުން ބޭރުން، ބާރުތައް ނަގައި، އެމްޑީގެ މަގާމާއި މަސްއޫލިއްޔަތުގެ މައްޗަށް އަރައި ނަހަދައެވެ.
ޖަނާހުގެ ދަރި މިގޮތަށް އަމަލު ކުރާއިރު، އެމްޑީގެ މަގާމުގައި އިންނެވީ އަންހެން ކަބަލެކެވެ. ޖަނާހުގެ ދަރީގެ މިއަމަލުން ދައްކައިދެނީ އަންހެނުންގެ ކުރިއެރުމަށް އޭނާ ދެކޮޅު މިންވަރާއި، އަދި އޭނާގެ ބައްޕަގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެމްޑީއަށް އޮތް އިހްތިރާމާއި ޤަދަރު ވެސް ކުޑަ ކޮށްލާތަނެވެ. ކުންފުނީގެ ހައިރާކީ އަށް ވުރެ، ބައްޕަގެ ބާރު ގަދަވެ، އެބާރުން ކުންފުނީގެ ކުރިއެރުމާއި މަންފާއަށް ކަން ކުރަން އޮންނަ އުސޫލުން ބޭރުން، އަމިއްލަ އަށް މެޑަލް ޖެހުމަށް ޖަނާގެ ދަރި ކުރަމުންދާ ހުތުރު މަސައްކަތަކީ މިއަދު އަމިއްލަ މަސައްކަތުން ސިޔާސީ ދާއިރާގައި ޕީޕީއެމްގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ޓުއަރިޒަމް މިނިސްޓަރަކަށް ހުރި ފައިސަލް އަށް، އޭނާގެ ތަޖުރިބާއާޢި، އިލްމާއި ޤާބިލު ކަމުގެ މައްޗަށް ބަލައި ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓެއްގެ ޕިއޯނެއްގެ މަގާމުވެސް ނުލިބޭނެއެވެ. ނަމަވެސް ބައްޕަގެ ބާރުން އެހުންނެވީ މިނިސްޓަރަކަށެވެ. ސިޔާސީ ގޮތުން ޕީޕީއެމް ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ބައްޕަ ދިން މަގާމެއްގައި އިނދެ، ޖަނާގެ ދަރި އެމްއެމްޕީއާރުސީގެ އެމްޑީގެ ހައްސިއްޔަތާއި، އެމްޑީއަށް މަގާމުން ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި ނަގައިގެން އޭގެ މައްޗަށް އެހުރީ ވެރިވެއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލީސް ރައީސްކަން އަދުރޭއަށް ގެއްލި، ޖަންގިޔާ ނާޒިމަށް މަޖިލީސް ރައީސްކަން ލިބޭ ހިސާބުން، ޖަންގިޔާ ނާޒިމް އާއި، ޖަނާހް އަޑީގައި ތިބެގެން ޓުއަރިޒަމް މިނިސްޓަރުކަން އަދުރޭ ދަރި ފައިސަލް އަތުން ނަގައި، މިނިސްޓަރު ކަން، ޖަނާގެ ދަރިއަށް ދިނުމަށް ވަނީ ރާވާފައެވެ.